ރާއްޖޭގެ ފުރަތަމަ ޑިވިޝަން، ދިވެހި ޕްރިމިއާ ލީގުން ކްލަބު ވެލެންސިއާ ވަކިވެއްޖެއެވެ.
"ވަން ސްޕޯޓްސް"އަށް އެނގިފައިވާ ގޮތުގައި ލީގުގައި ވެލެންސިއާއިން ދެން ކުޅެން އޮތް ހުރިހާ މެޗެއް ދޫކޮށްލާފައިވާ ކަމަށް އެ ކްލަބުން ވަނީ އެފްއޭއެމްއަށް އަންގައިފައެވެ. ފައިސާގެ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް ވެލެންސިއާއަށް ރަނގަޅު ސްކޮޑެއްވެސް އެކުލަވައިލެވިފައި ނުވާއިރު، ލީގުން ވަކިވުމާއެކު އެޓީމު ޖޫރިމަނާ ކުރާނެ ކަމަށް ބެލެވެއެވެ. އެފްއޭއެމްއިން އަލުން ލީގު ފެށުމަށް އެކުލަވައިލި ޝެޑިއުލްގައި ވެލެންސިއާ މެޗުތައް ކަނޑާލާފައިވާ އިރު، ކްލަބުތަކަށް ފޮނުވި އީމެއިލްގައި ބުނެފައި ވަނީ އެ އިދާރާގެ އިމަޖެންސީ ކޮމެޓީން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަން ފުރަތަމަ ބުރުގައި ގައުމީ ޓީމުން ކުޅުނު މެޗަށްފަހު ލީގުގެ ކުޅުން ހުއްޓިފައި އޮތީ އިދާރީ ކަންކަން އެފްއޭއެމްއަށް ނުކުރެވިގެންނެނެވެ. މިދިޔަ މަހުގެ ތެރޭގައި ފުލުހުން އެފްއޭއެމްއަށް ވަދެ ބައެއް ތަކެތި ގެންގޮސްފައިވާ އިރު، އެ އިދާރާއިން ބުނީ ލީގު ނުފެށި އޮތީ ސާމާނު ގެންދިޔުމުން ކަމަށެވެ.
ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެފްއޭއެމްއަށް ވަނީ އެފްއޭއެމްގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ހެކި ހޯދުމަށެވެ. ޕީޖީގެ އެންގުމަށް ކުރަމުންދާ ތަހުގީގަކީ އެފްއޭއެމްގެ ބޮޑެތި ހިޔާނާތްތަކެއްގެ ތަހުގީގެވެ. އެގޮތުން މަނީ ލޯންޑަރިންނާއި ކޮރަޕްޝަންގެ ތުހުމަތުތައް އެފްއޭއެމްއަށް ވަނީ ކުރެވިފައެވެ. ބައެއް މީޑިއާތަކަށް ފުލުހުން ބުނީ އެފްއޭއެމް ބަލައި ފާސްކުރުމުގެ ތެރޭގައި ބޭރުގެ އެކައުންޓުތަކުން ވަންނަ ފައިސާ، އަމިއްލަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާކަމުގެ ކިތާބީ ހެކި ފެނުނު ކަމަށެވެ.
މައްސަލަގަނޑު ބޮޑުކޮށް އޮތް މިހާލަތުގައި އެފްއޭއެމްއިން އިއްޔެ ބުނީ މާދަމާ ލީގު އަލުން ފަށާނެ ކަމަށާއި، ޝެޑިއުލް ފަހުން ހިއްސާ ކުރާނެ ކަމަށެވެ. އެހެން އިއްޔެ ބުނެފައިވާ އިރު، ލީގުން ވެލެންސިއާ ވަކިވިކަމެއް، އަދި ޝެޑިއުލް އަލުން އެކުލަވާލި ގޮތެއް މީޑިއާއަށް އަދި އަންގާފައެއް ނުވެއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު