ބްރެޒިލްގެ ތަރި ނޭމާ، މިވަގުތު ހުރީ ކޮންމެ ގޮތަކުންވިޔަސް އަނިޔާއިން ރަނގަޅުވާން މަސައްކަތް ކުރަން ތައްޔާރަށް ކަމަށް ބްރެޒިލްގެ ޓީމް ޑޮކްޓަރު ރޮޑްރީގޯ ލާސްމާ ބުނެފިއެވެ.

ބްރެޒިލް އަދި އަލް-ހިލާލްގެ ފޯވަޑް ނޭމާ ކަކުލަށް ލިބުނު ބޮޑު އަނިޔާއަކާއެކު މިހާރު ވަނީ ސާޖަރީ ހަދާފައެވެ. މިދިޔަ މަހު ގައުމީ ޓީމަށް ކުޅުނު މެޗެއްގައި ނޭމާގެ ކަކުލަށް އަނިޔާވެފައިވާ އިރު، ގެއްލުވީ ކްރޫޝިއޭޓް ލިގަމެންޓާއި މެނިސްކަސްއަށެވެ.

އާންމު ގޮތެއްގައި އޭސީއެލް އަނިޔާއިން ރަނގަޅުވުމަށް ކުޅުންތެރިންނަށް 8 މަހާއި 10 މަހުގެ މުއްދަތެއް ބޭނުންވާ އިރު، ނޭމާ އެނބުރި އަންނާނެ ދުވަހެއްވެސް ބްރެޒިލް ޑޮކްޓަރު ޔަގީންކޮށްދީފައެއް ނުވެއެވެ. އޭނާ ބުނީ ނޭމާގެ ފަރާތުން މިހާރުވެސް ޕޮޒިޓިވް ކަންތައްތަކެއް ފެންނަ ކަމަށެވެ.

"ނޭމާގެ ފަރާތުން ހިތްވަރުކުރާތަން އެބަ ފެނޭ. އަހަރެމެން ބުނާ ކޮންމެ ކަމެއް ކޮށްގެންވެސް ނޭމާ ހުރީ އަނިޔާއިން ރަނގަޅުވުމަށް ތައްޔާރަށް،" ނޭމާގެ އަނިޔާއާ ގުޅޭގޮތުން ސައޮ ޕާލޯގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ލާސްމާ ބުންޏެވެ.

މި ސީޒަނަށް ސައުދީ ލީގަށް ބަދަލުވި ނޭމާއަކީ މީގެ ކުރިންވެސް އަނިޔާގެ ބޮޑެތި މައްސަލަތަކަކާ ކުރިމަތިވެފައިވާ ކުޅުންތެރިއެކެވެ. ޕީއެސްޖީގައި ހޭދަކުރި ދުވަސްތަކުގައިވެސް ކުޑަހުޅަށް އަނިޔާވެ ގިނަ ފަހަރެއްގެ މަތިން ކުޅުމާ ދުރުގައި ހުރި އިރު، ނިމިދިޔަ ވޯލްޑް ކަޕްގައިވެސް ނޭމާ ކުޑަހުޅަށް އަނިޔާވެ މެޗުތައް ގެއްލުނެވެ.

އޭގެ ކުރިންވެސް ބްރެޒިލާއެކު ބޮޑެތި މުބާރާތްތަކެއްވެސް ނޭމާއަށް ވަނީ ގެއްލިފައެވެ. އެގޮތުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ތެރެއިން މައިބަދަ ބިންދައިގެން ގޮސް ނޭމާއަށް ވަނީ ވޯލްޑް ކަޕްގެ ގިނަ މެޗުތަކެއް ގެއްލިފައެވެ.