ރާއްޖޭގެ ނޫސްވެރިކަން ކުރިއެރުވުމުގެ ގޮތުން މީޑިއާތަކަށް ހާއްސަ ވިލެޖެއް، އަދި ނޫސްވެރިންނަށް ސްކޮލާޝިޕް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިރޭ ވަނީ ސޯޝަލް ސެންޓަރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، ނޫސްވެރިކަމުގެ ދާއިރާއާ ބެހޭގޮތުން ނޫސްވެރިންގެ ހިޔާލު ހޯއްދަވައިފައެވެ. އެގޮތުން ފާޅުކުރި ހިޔާލުތަކުގެ ތެރޭގައި ނޫސްވެރިކަމުގެ ރޮނގުން ތައުލީމު ހާސިލުކުރުމުގައި ދިމާވަމުންދާ ދަތިތަކާއި މީޑިއާތަކުގެ އޮފީސް ހިންގުމަށް ބޮޑު ހަރަދެއް ކުރަން ޖެހޭކަން މީޑިއާތަކުގެ ވެރިން ވަނީ ފާހަގަކޮށްފައެވެ.
ނޫސްވެރިންގެ ހިޔާލުތައް ހޯދެއްވުމަށްފަހު އެ ކަންކަމާ ގުޅިގެން ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ ނޫސްވެރިން ފާހަގަކުރެއްވި ކަންކަމަކީ ޕްލޭނެއްގެ ދަށުން ހައްލުކުރެވޭނެ ކަންކަން ކަމަށެވެ. އަދި ވިދާޅުވީ ބޮޑު އަގުގައި ތަނެއް ކުއްޔަށް ހިފައިގެން މީޑިއާތައް ހިންގުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި އެކަމަށްޓަކައި މާލެ ސިޓީ، ގްރޭޓާ މާލޭ ރީޖަންގައި އެކަށީގެންވާ ފެސިލިޓީއެއް ގާއިމުކުރުން، މީޑިއާ ވިލެޖެއް އިރާދަކުރެއްވިއްޔާ ގާއިމުކުރުމުގެ ކޮންސެޕްޓުގެ ތެރެއިން އިރާދަކުރެއްވިއްޔާ އެކަމަށް މަގުފަހިކުރާނަން. އަޅުގަނޑުމެން ގަސްތުކުރަނީ މީޑިއާގެ ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތަކުގައި ކޮންމެ އަހަރަކު ވެސް ވަކި އަދަދެއްގެ ކޯސްތަކުގައި ސްކޮލަޝިޕް ދީގެން ހިލޭ ކިޔެވޭނެ ގޮތް އަޅުގަނޑުމެން ހަމަޖައްސައިދޭން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މީޑިއާގެ ދާއިރާއިން ތައުލީމު ހާސިލުކޮށްގެން ތިބި މީހުން، އެ ދާއިރާގައި ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެމަނިކުފާނުގެ ސަރުކާރެއްގައި ނޫސްވެރިންނަށް މައުލޫމާތު ހޯދޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެއްވާނެ ކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި ފޮރުވާނެ ކަމެއް ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ނޫސްވެރިން ކުރަން ބޭނުންވާ ހުރިހާ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު