ރިސޯޓް ހެދުމަށް ވ. އާރަށް ދޫކުރުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރިކަން ސާބިތުވުމާ ގުޅިގެން އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކޮށްފައިވާ ހުކުމްގެ އިސްތިއުނާފު އަޑުއެހުމެއް ހައިކޯޓުގައި މިއަދަށް ތާވަލުކޮށްފިއެވެ.
އާރަށު މައްސަލައިގައި ކުރި ދައުވާތައް ސާބިތުވުމުގެ ސަބަބުން ކުރިމިނަލް ކޯޓުން ވަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމާނާކޮށްފައެވެ. ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ރައީސް ޔާމީންގެ އަޑުއެހުން ހައި ކޯޓުގައި ތަވާލްކޮށްފައިވަނީ މިއަދު މެންދުރުފަހު 2:00 ގައެވެ.
ޔާމީންގެ އަޑުއެހުންތައް ހައިކޯޓުގައި މެދުކެނޑިފައި އޮތުމަށްފަހު އަލުން އަޑުއެހުންތައް ފަށާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ވަނީ އާންމު އިޖުރާއަތުގެ ދަށުން ކުރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔަ ގޮތާ ގުޅޭ ގޮތުން ދެ ފަރާތާ ސުވާލުކުރައްވައިފައެވެ. އަދި ކުރިމިނަލް ކޯޓުން މައްސަލަ ނިންމުމުގައި ހެދި ގޯހަކާ ގުޅޭ ގޮތުންވެސް ސުވާލު ކުރެއްވިއެވެ.
އެގޮތުން ކުރިމިނަލް ކޯޓުން މައްސަލަ ނިންމި ރިޕޯޓުގައި ގއ. ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ދޭހަވާ ބައެއް ހިމަނައިފައިވާތީ، އެކަމާ ގުޅިގެން ފަނޑިޔާރު ސުވާލު ކުރެއްވުމުން ދައުލަތުން ބުނެފައިވަނީ އެކަމުގެ ސަބަބުން ޔާމީނަށް އިއްވާފައިވާ ހުކުމަށް އަސަރެއް ނުކުރާނެ ކަމަށެވެ.
ރައީސް ޔާމީންގެ އިސްތިއުނާފީ އަޑުއެހުންތައް ކުރިއަށްދާ އިރު، އެ މަނިކުފާނު އެންޑޯޒް ކުރެއްވި ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމަށް އިންތިހާބުވެވަޑައިގަތުމާއެކު އެ މަނިކުފާނު އެދިވަޑައިގަތުމުގެ މަތިން މިދިޔަ މަހު، ރައީސް ޔާމީން ވަނީ ގެކޮޅަށް ބަދަލުކުރައްވައިފައެވެ. އަދި އޭގެ ފަހުން ކަސްރަތު ކުރުމަށާއި ހާއްސަ ކަންކަމަށް ބޭރަށް ނުކުމެވޭ ގޮތަށް ވަނީ ހުއްދަވެސް ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު