ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި އަލާވޭސް ބަލިކޮށްފިއެވެ.

ބާސާއިން މިހާރު ހޯމް މެޗުތައް ކުޅެމުންދާ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެޓީމުން 2-1 އިން އަލާވޭސް ބަލިކުރި އިރު، ދެ ގޯލުވެސް ޖެހީ ރޮބަޓް ލެވަންޑޯސްކީއެވެ. އުމުރުން 35 އަހަރުގެ ލެވަންޑޯސްކީ މި ސީޒަނުގެ ލީގުގައި މިހާތަނަށް ހަތް ގޯލު ޖަހާފައިވާ އިރު، ރޭގެ މެޗުގައި ގޯލު ޖެހީ ގޯލެއް ނުޖެހި ހަ މެޗު ދިޔަފަހުންނެވެ. އެއީ 2011 ވަނަ އަހަރަށްފަހު ލެވަންޑޯސްކީއަށް ހަ މެޗެއްގައި ގޯލު ނުޖެހި ދިޔަ ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގައި 18 ވަނަ ސިކުންތުގައި ބާސާ ކޮޅަށް އަލާވޭސްއިން ގޯލު ޖެހިއެވެ. އެ ގޯލަކީ ސަމޫ އޮމޮރޮޑިއޮން ޖެހި ގޯލެކެވެ. ބާސާ އަމިއްލަ ދަނޑުގައި މީގެ ކުރިން އެހާ އަވަހަށް ކޮޅަށް ގޯލެއް ވައްދާލާފައި ނުވާ އިރު، އެ ގޯލާއެކު ބާސާއަށް މަސައްކަތް އިތުރު ކުރަން ޖެހުނެވެ.

ފުރަތަމަ ހާފުގައި ގޯލެއް ޖަހަން ބާސާއިން ކުރި މަސައްކަތް ކާމިޔާބު ނުވި ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ލެވަންޑޯސްކީ ފުލުފުލުގައި ދެ ގޯލު ޖެހިއެވެ. އޭނާގެ ފުރަތަމަ ގޯލަކީ ޖޫލްސް ކޫންޑޭގެ ހުރަހަކުން ޖެހި ގޯލެކެވެ. އަދި ދެވަނަ ގޯލު ޕެނަލްޓީއަކުން ޖެހިއިރު، އެ ގޯލަކީ އޭރިއާ ތެރެއިން ރަފީނިއާއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ.

ބާސާ މިވަގުތު ލަލީގާ ތާވާލުގެ ތިންވަނައިގައި އޮތީ 13 މެޗުން 30 ޕޮއިންޓާއެކުގައެވެ. ރެއާލް މެޑްރިޑް ދެވަނައިގައި 13 މެޗުން 32 ޕޮއިންޓާއެކު އޮތް އިރު، އެއްވަނައިގައި ޖިރޯނާ އޮތީ 13 މެޗުން 34 ޕޮއިންޓާއެކުގައެވެ.