އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި ޗެމްޕިއަން މެންޗެސްޓާ ސިޓީ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ސްޓެމްފޯޑު ބްރިޖުގައި މިރޭ ކުޅުނު މެޗުގައި ޖުމުލަ އަށް ގޯލު ފެނިގެން ގޮސްފައިވާ އިރު، މެޗު އެއްވަރުވީ 4-4 ގެ ނަތީޖާއަކުންނެވެ. މެޗުން ގެއްލުނު ޕޮއިންޓާއެކުވެސް ސިޓީން ހަފުތާ ނިންމާލީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އެއީ 12 މެޗުން 28 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މިވަގުތު އޮތް ލިވަޕޫލާއި ތިންވަނައިގައި އޮތް އާސެނަލްވެސް 12 މެޗުން 27 ޕޮއިންޓް ލިބިފައިވާ އިރު، ޓޮޓެންހަމް ހަތަރުވަނައިގައި އޮތީ 12 މެޗުން 26 ޕޮއިންޓާއެކުގައެވެ.

ޗެލްސީން މިރޭ ސިޓީއާ އެއްވަރުކުރި ނަމަވެސް އެޓީމު އަދިވެސް އޮތީ ތާވަލުގެ 10 ވަނައިގައެވެ. އެއީ 12 މެޗުން 16 ޕޮއިންޓާއެކުގައެވެ.

ކޮންމެވެސް ވަރަކަށް ވާރޭގައި ކުޅެމުންދިޔަ މެޗު ފެށިގެން ޗެލްސީން ރަނގަޅަށް ކުރިއަށް ޖެހި ކުޅެމުން ދަނިކޮށް ސިޓީން 25 ވަނަ މިނެޓުގައި ލީޑު ނެގީ ޕެނަލްޓީއަކުންނެވެ. އޭރިއާ ތެރެއިން މާކް ކުކުރޭޔާ، ސިޓީގެ އާލިން ހާލަންޑަށް ކުރި ފައުލާއެކު ލިބުނު ޕެނަލްޓީ ވައްދާލީވެސް ހާލަންޑެވެ.

އެ ގޯލާއެކު ސިޓީން ލީޑު ނެގި ނަމަވެސް، އެ ލީޑު ދެމެހެއްޓުނީ ހަތަރު މިނެޓް ވަންދެނެވެ. ޗެލްސީއަށް ލިބުނު ކޯނަރަކަށް ރަނގަޅަށް އަރައި ބޮލުން ބޯޅަ ގޯލަށް ވައްދާލައި ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ތިއާގޯ ސިލްވާއެވެ. އެ ގޯލާއެކު ރަނގަޅަށް ކުޅުނު ޗެލްސީން އިރުކޮޅެއް ތެރޭގައި މެޗުގެ ލީޑުވެސް ނެގިއެވެ.

ޖޮސްކޯ ގްވާޑިއޯލްގެ ގޯހުގެ ފައިދާ ނަގައި ރީސް ޖޭމްސް ހުރަސްކޮށްދިން ބޯޅަ ފަސޭހަކޮށް ގޯލަށް ވައްދާލީ ކުރިން ސިޓީއަށް ކުޅުނު ފޯވަޑް ރަހީމް ސްޓާލިންނެވެ. ޗެލްސީން ކުރީގައި އޮއްވައި ހާފު ނިމެން ދަނިކޮށް، ސިޓީން އެއްވަރުކުރިއެވެ. އެ ގޯލު ޖެހީ ކޯނަރެއްގައި މެނުއަލް އަކާންޖީއެވެ.

ފޯރިގަދަ، ތަފާތު ޖޯޝެއްގައި ފެނުނު މެޗުގެ ދެވަނަ ހާފު ފެށިގެން މިނެޓެއް ހިނގިތަނާ ހާލަންޑް ޖެހި ގޯލުން ސިޓީ އަނެއްކާވެސް ލީޑު ނެގިއެވެ. އެ ލީޑާއެކު ކުޅެމުން ދަނިކޮށް، 67 ވަނަ މިނެޓުގައި ނިކޮލަސް ޖެކްސަން އަނެއްކާވެސް ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.

ގިނަ އެޓޭކްތައް ދެކޮޅަށްވެސް ކުރަމުންދިޔަ މެޗުގައި ޓެކުލްތައްވެސް ގިނައެވެ. ހާއްސަކޮށް ރެފްރީއަށް ޕްރެޝަރު ބޮޑު ގިނަ ވަގުތުތަކެއް ދިޔައެވެ. ހަމަހަމަ ނަތީޖާއެއްގައި މެޗުގެ ފަހުކޮޅަށް ގޮސް، 86 ވަނަ މިނެޓުގައި ސިޓީން ތިންވަނަ ފަހަރަށް މެޗުގައި ލީޑު ނެގީ ރޮޑްރީ ޖެހި ގޯލުންނެވެ.

އެ ގޯލާއެކު މެޗުން ޕޮއިންޓް ސިޓީއަށް ޔަގީންވި ކަމަށް ބެލެވުނު ނަމަވެސް، 95 ވަނަ މިނެޓުގައި އަރްމާންޑް ބްރޯހާއަށް އޭރިއާ ތެރެއިން، ރުބެން ޑިއާޒް ކުރި ފައުލަކަށް އެންތޮނީ ޓެއިލާ ޗެލްސީއަށް ޕެނަލްޓީއެއް ދިނެވެ. ޕެނަލްޓީ ކާމިޔާބުކޮށް ސިޓީ އަތުން ޗެލްސީއަށް ޕޮއިންޓެއް ޔަގީންކޮށްދިނީ މިދިޔަ ޓްރާންސްފާ ސީޒަނުގައި ސިޓީން ޗެލްސީއަށް ބަދަލުވި ކޯލް ޕާމާއެވެ.