އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން ކުޅުނު މެޗުގައި ބްރެންޓްފޯޑު ބަލިކޮށްފިއެވެ.

ލިވަޕޫލުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބްރެންޓްފޯޑު ބަލިކުރީ 3-0ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާ އާއެކު ލިވަޕޫލުން ވަނީ ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. އެއީ ރޭ ޓޮޓެންހަމްއިން ކުޅުނު މެޗުން ބަލިވުމާއެކުގައެވެ. ލިވަޕޫލް ދެވަނައިގައި އޮތީ 12 މެޗުން 27 ޕޮއިންޓާއެކުގައެވެ.

އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީން މިރޭ ޗެލްސީއާ ދެކޮޅަށް ނުކުންނަ އިރު، އެ ޓީމު އެއްވަނައިގައި އޮތީ 11 މެޗުން 27 ޕޮއިންޓާ އެކުގައެވެ. ތިންވަނައިގައި އޮތް އާސެނަލަށްވެސް 12 މެޗުން 27 ޕޮއިންޓް ލިބިފައިވާ އިރު، ގަދަ ތިން ޓީމުގެ ފަރަގަކީ ފައިދާ ގޯލުގެ ފަރަގެކެވެ.

ލިވަޕޫލުން މި ސީޒަނުގެ ލީގުގައި ހޯމްގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައިވާ އިރު، މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ލީޑު ނެގިއެވެ. ޑާވިން ނުނިއޭޒް ތަނަވަސްކޮށްދިން ޕާހަކަށް ކުރިއަށް ޖެހި ލިވަޕޫލަށް ލީޑު ނަގައި ދިނީ ސަލާހެވެ.

ލިވަޕޫލުން މެޗު ޑޮމިނޭޓްކޮށް ކުޅެމުންދިޔަ އިރު، އެ ޓީމުން ދިޔައީ ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން 62 ވަނަ މިނެޓުގައި ލިވަޕޫލުން ދެވަނަ ގޯލެއް ޖެހިއެވެ. ކޮސްޓަސް ސިމިކަސް ނަގައިދިން ހުރަހަށް ކުރިއަށް އަރައި، ދެވަނަ ގޯލެއްވެސް ޖެހީ ސަލާހެވެ. ސަލާހް މިހާތަނަށް ސީޒަނުގައި 10 ގޯލު ޖަހާފައިވާ އިރު، އިނގިރޭސި ފުޓުބޯޅައިގައި އޭނާ ވަނީ މިހާތަނަށް 200 ގޯލު ހަމަކޮށްފައެވެ.

ލިވަޕޫލްގެ ތިންވަނަ ގޯލް މިރޭ ކާމިޔާބުކުރީ ޑިއޭގޯ ޖޮޓާއެވެ.

މިރޭގެ މެޗުގައި ބްރެންޓްފޯޑުގެ ނުރައްކާ ކޮންމެވެސް ވަރަކަށް ފެނުނު އިރު، ބްރައިން އެމްބުއޭމޯގެ ހަމަލާ ގޯލުގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ބޯޅަ ސާފުކޮށްލީ ޓްރެންޓް އެލެކްސެންޑްރާ-އާނޯލްޑެވެ.