އެ މަނިކުފާނުގެ ވެރިކަމެއްގައި ހާރިޖީ ސިޔާސަތު ބައްޓަންކުރާ ގޮތުގެ ސަބަބުން ފައިސާ ހޯދަން ފަސޭހަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވީއައިއޭގެ އާ ޓާމިނަލުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ޓާމިނަލުގެ ބޭރުގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ އާ ޓާމިނަލާ ގުޅުން ހުރި ބައެއް ކަންކަން ކުރުމަށް މި ސަރުކާރުން ބަޔަކާ ހަވާލުކޮށްފައިނުވާ ކަމަށެވެ. އެގޮތުން ޓާމިނަލުގެ ޑިއުޓީ ފްރީގެ މަސައްކަތާއި ޓާމިނަލުގެ ހުރިހާ އޮޕަރޭޝަނަކާ ގުޅުން ހުރި ސާވިސް ރޯޑުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ އަމާޒަކީ އާ ޓާމިނަލުގެ މަސައްކަތް އަންނަ އަހަރުގެ އޮކްޓޯބަރަށް ނިންމައި ބޭނުންކުރަން ފެށުން ކަމަށާއި ހަވާލުނުކޮށް ހުރި މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާވެސް އެ މުއްދަތުގެ ތެރޭގައި ހޯއްދަވާނެ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން ކަން އެބަ އޮތް އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރާ ގޮތަށް ކުރިއަށް ގެންދާއިރު (ފަންޑު ހޯދުމަކީ) އެއީކީ މާބޮޑު ކަމަކަށް ނުވާނެ. އަޅުގަނޑުގެ އެއްވެސް ކަންބޮޑުވުމެއް ނެތް މި މަޝްރޫއު ނިންމުމަށްޓަކައި ފައިސާ ހަމަޖެއްސުމަށް،" މުއިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެއާޕޯޓުގެ މަސައްކަތްތައް ނިންމުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރައްވަމުން ގެންދަވާނެ ކަމަށާއި ދުވަހުން ދުވަހަށް ނިންމަންޖެހޭ ނިންމުންތައްވެސް ނިންމަވަމުން ގެންދަވާނެ ކަމަށެވެ. އަދި އެ މަޝްރޫއު ނިންމައި އެކަމުގެ ފައިސާ އިގުތިސޯދަށް ހޯދައިދޭނެ ކަމަށް ވިދާޅުވިއެވެ. ޓާމިނަލުގެ މަސައްކަތް ނުނިމުގެ ސަބަބުން އިގްތިސޯދު ވަނީ މަޑުޖެހިފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.