ފްރާންސް ލީގުގައި ރޭ ޕީއެސްޖީން ކުޅުނު މެޗުގައި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ހެދި ހެޓްރިކާއެކު ރެއިމްސް ބަލިކޮށްފިއެވެ.
ރަށުން ބޭރުގައި ޕީއެސްޖީން ރޭ ރެއިމްސް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީން ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން އެޓީމު ބަލިވީ އެންމެ މެޗަކުންނެވެ. އެންމެފަހުން ލީގުގައި ކުޅުނު އަށް މެޗުންވެސް ޕީއެސްޖީ މޮޅުވެފައިވާ އިރު، އެޓީމު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 12 މެޗުން 27 ޕޮއިންޓާއެކުގައެވެ.
ނީސްއިން ދެވަނައިގައި އޮތީ 12 މެޗުން 27 ޕޮއިންޓާއެކުގައެވެ. މޮނާކޯ ދެވަނައިގައި އޮތީ 12 މެޗުން 24 ޕޮއިންޓާއެކުގައެވެ. ހަތަރުވަނައިގައި މިވަގުތު އޮތީ ރެއިމްސްއެވެ. ރެއިމްސްއަށް 12 މެޗުން ލިބިފައި ވަނީ 20 ޕޮއިންޓެވެ.
ރޭގެ މެޗުގެ ތިންވަނަ މިނެޓުގައި އެމްބާޕޭ ވަނީ ޕީއެސްޖީއަށް ލީޑު ނަގައިދީފައެވެ. އެ ގޯލަކީ ވޮލީއަކުން އެމްބާޕޭ ފޮނުވާލި ބާރު ހަމަލާއަކުން، ރެއިމްސްގެ ގޯލްކީޕަރު ޔެހްވަން ޑިއޮފް ކައިރިން ވައްދާލި ގޯލެކެވެ.
ދެވަނަ ހާފް ފެށިގެން މާގިނައިރެއް ނުވެ ޕީއެސްޖީން ދެވަނަ ގޯލެއް ޖެހި އިރު، އެ ގޯލު އެމްބާޕޭ ޖެހީ ކާލޮސް ސޮލާގެ ޕާހަކުންނެވެ. އެމްބާޕޭ ހެޓްރިކް ފުރިަހަމަ ކުރީ 82 ވަނަ މިނެޓުގައެވެ. އެ ގޯލަށް އެމްބާޕޭއަށް ފުރުސަތު ތަނަވަސްކޮށްދިނީ ބްރޭޑްލީ ބާކޯލާއެވެ.
މެޗުން ޕީއެސްޖީ ބޮޑު ތަފާތަކުން މޮޅުވި ނަމަވެސް ރެއިމްސްއިން ވަނީ ކޮންމެވެސް ވަރަކަށް ނުރައްކާ ކޮށްފައެވެ. ޖިއާންލުއީޖީ ޑޮނަރޫމާގެ ސޭވްތައް މެޗުގައި ފެނިގެން ގޮސްފައިވާ އިރު، ޖުންޔާ އިތޯ ޖެހި ބޯޅައެއް ގޯލަށް ވައްދާލި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ