އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޓޮޓެންހަމް ވުލްވްސް ކައިރިން ބަލިވި އިރު، ރޭ ކުޅުނު މެޗުތަކުން އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.
ޓޮޓެންހަމް ރަށުން ބޭރުގައި ވުލްވްސް ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ އިތުރު ވަގުތާ ޖެހެންދެންވެސް ޓޮޓެންހަމްއިން ލީޑުކުރަމުން ދިޔަ ނަމަވެސް، ފަހު ވަގުތުގައި ވުލްވްސްއިން ވަނީ ފުލުފުލުގައި ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފައެވެ.
ޓޮޓެންހަމްއިން ރަނގަޅު ފޯމެއްގައި މި ސީޒަން ފަށައި، މިދިޔަ ހަފުތާ ޗެލްސީއާ ކުޅުނު މެޗުގެ ކުރިއަށް އެއްވެސް މެޗަކުން ބަލިނުވެ ހިފަހައްޓާލި އިރު، ރޭ ވި ބައްޔާއެކު ވަނީ ޖެހިޖެހިގެން ދެ ބަލިވެފައެވެ.
އިއްޔެގެ މެޗުގެ ކުރީކޮޅުގައި ބްރެނަން ޖޯންސަން ޖެހި ގޯލުން ޓޮޓެންހަމްއިން ލީޑު ނެގި ނަމަވެސް އެޓީމަށް މާ ބޮޑަށް އިތުރަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ. ދެވަނަ ހާފު ފެށިގެން ވުލްވްސްއިން މަޑުމަޑުން ކުޅުން ރަނގަޅުކޮށް، ހަމަލާތައް އުފެއްދިއެވެ. ވޭން ހީ-ޗަން އާއި ސާސާ ކަލަޒިޗްގެ ހަމަލާތަކާއެކު ވުލްވްސް ރަނގަޅުކޮށް ފެނުނު އިރު، ފަހުވަގުތު ގޯލުތައް ޖެހީ ޕަބްލޯ ސަރާބިއާ އަދި މާރިއޯ ލެމިނާއެވެ.
ރޭ އާސެނަލުން އަމިއްލަ ދަނޑުގައި ބާންލީ ކައިރިން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކަހަލަ ގޮތަކަށް އާސެނަލްގެ ލެއާންޑްރޯ ޓްރޮސާޑު އެޓީމަށް ލީޑު ނަގައިދިން އިރު، ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ބާންލީގެ ޖޯޝް ބްރައުންހިލް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
އެ ގޯލާއެކު އާސެނަލަށް ހައިރާންކަމެއް ލިބުނު ނަމަވެސް، 57 ވަނަ މިނެޓުގައި ވިލިއަމް ސަލީބާ ވަނީ އާސެނަލަށް އަލުން ލީޑު ނަގައިދީފައެވެ. އަދި އެ ގޯލާއެކު ކުޅުން ރަނގަޅުކުރި އާސެނަލްގެ ތިންވަނަ ގޯލެއް އޮލެކްސެންޑްރާ ޒިންޗެންކޯ ޖަހައިދިން އިރު، އެޓީމަށް މެޗު ނިންމާލަން ޖެހުނީ 10 ކުޅުންތެރިންނާއެކުގައެވެ. އެއީ ފަބިއޯ ވިއެރާއަށް 83 ވަނަ މިނެޓުގައި ދެއްކި ރަތް ކާޑާއެކުގައެވެ.
ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ރޭ ލުޓޮން ކައިރިން ހޯދީ އުނދަގޫ މޮޅެކެވެ. 1-0 އިން މޮޅުވި މެޗުގައި ޔުނައިޓެޑްގެ ހަމައެކަނި ގޯލު ޖެހީ ވިކްޓޯ ލިންޑެލޮފްއެވެ.
ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީ، 11 މެޗުން 27 ޕޮއިންޓާއެކު އޮތް އިރު، އާސެނަލް ދެވަނައިގައި އޮތީ 12 މެޗުން 27 ޕޮއިންޓާއެކުގައެވެ. ޓޮޓެންހަމް މިވަގުތު ތިންވަނައިގައި އޮތީ 12 މެޗުން 26 ޕޮއިންޓާއެކުގައެވެ. މި ހަފުތާ ކުޅޭ މެޗުން މޮޅުވެ ލިވަޕޫލަށް ތިންވަނައަށް ޖެހިލެވެން އޮތް އިރު، އެޓީމު ހަތަރު ވަނައިގައި އޮތީ 11 މެޗުން 24 ޕޮއިންޓާއެކުގައެވެ. މެންޗެސްޓާ ޔުނައިޓެޑް މިވަގުތު އޮތީ ހަވަނައިގައެވެ. އެއީ 12 މެޗުން 21 ޕޮއިންޓާއެކުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު