ލިވަޕޫލުން ރޭ ޔޫރޮޕާ ލީގުގައި ކުޅުނު މެޗުގައި ފްރާންސްގެ ޓުލޫސް އަތުން ބަލުވީ 3-2ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާ އާއެކު ލިވަޕޫލަށް ހާސްކަމެއް ނެތް ނަމަވެސް، ރޭގެ މެޗު ފެނުނީ ޑްރާމާ ބޮޑު މެޗެއްގެ ގޮތުގައެވެ. މެޗުގައި ވީއޭއާރްގެ ޝަކުވާތައް ބޮޑުކޮށް ފެނުނު އިރު، މެޗު ނިމުނުއިރު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ހުރީ ރުޅިއައިސް ރަތުގައެވެ.

މެޗަށްފަހު ޕޯސްޓް މެޗު ޕްރެސް ބާއްވާފައިވަނީ ޓުލޫސް ސްޓޭޑިއަމްގެ މީޑިއާ ރޫމް ބޭރުގައި ހުރި ޓެންޓެއްގައެވެ. އެ ޓެންޓް ވަށައިގެން ޓުލޫސްގެ ސްޕޯޓަރުން އަޑުގަދަކުރަމުން ދިޔަ އިރު، ކްލޮޕް އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ އެކަމާއެވެ. ޔޫއެފާއިން ބޭރުގައި ޕްރެސް ކުރިއަށް ގެންދަން ހުއްދަ ދީފައި އޮތް އޮތުމަށް ފާޑުކިޔަމުން ކްލޮޕް ބުނީ "ލިވަޕޫލްގެ ކުޅުން، މި ޕްރެސް ކޮންފަރެންސްހާ ބޮޑަށް ދޯހަޅި،" ކަމަށެވެ.

ޕްރެސް އޮތްތަނުގެ ގޮތުން ނޫސްވެރިންގެ ސުވާލުތައް އަޑުއެހުމަށް ކްލޮޕަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ އިރު، ތަރުޖަމާނުގެ އަޑު ނީވުމުންވެސް ކްލޮޕަށް ވަނީ އުނދަގޫތަކަކާ ކުރިމަތިވެފައެވެ.

މެޗަށްފަހު ކްލޮޕް އިތުރަށް ބުނީ ރޭގެ މެޗުގައި ގޯސްވީ ރެފްރީއާއި ވީއޭއާރް ނޫން ކަމަށާއި ކުޅުންތެރިންގެ ކުޅުން މާބޮޑަށްވެސް ދަށްވި ކަމަށެވެ.

"އަހަރެމެން ޓީމުގެ ކުޅުން މާބޮޑަށްވެސް ދަށް. އަހަރެމެން ޓީމަށް މިއަށްވުރެ ރަނގަޅަށް ކުޅެވެންޖެހޭ. ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ކުޅުން ދަށްވުން. ފަހު ވަގުތު ކުޅުން ރަނގަޅުކޮށް، މަސައްކަތް ކުރި ނަމަވެސް، އެހިސާބަށް ދިޔައިމަ އަހަރެމެންނަށް ދެން މެޗެއް ނުލިބުނު،" ކްލޮޕް ބުންޏެވެ.

ލިވަޕޫލަށް ގްރޫޕް ސްޓޭޖުގައި ބާކީ ދެ މެޗު އޮތް އިރު، އޭގެ ތެރެއިން އެއް މެޗުން މޮޅުވެގެންވެސް އެ ޓީމަށް ކޮލިފިކޭޝަން ޔަގީން ކުރެވޭނެއެވެ. ރޭގެ މެޗަކީ ކޮލިފިކޭޝަން ޔަގީންކުރަން ލިބުނު ފުރުސަތެއް ނަމަވެސް، އެ ފުރުސަތުގެ ބޭނުން ނުކުރެވުނެވެ.