އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓު މި ވަނީ ގާތްގަނޑަކަށް މުޅީން ކަހަލަ ގޮތަކަށް ޔަގީން ވެފަ އެވެ. ކުދި ކުދި ބަދަލު އައުމުގެ ފުރުސަތު އޮތް ނަމަވެސް، މި ލިސްޓަށް މާކަ ބޮޑު ބަދަލެއް ނާންނާނެ ޕީޕީއެމް/ޕީއެންސީގެ އެންމެ އެތެރޭގެ މައުލޫމާތު ދެނެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވެ އެވެ. މި ލިސްޓުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނަކީ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ކަމަށް އެންމެ ފުރަތަމަ ދުވަހުއްސުރެ ވާހަކަ ދެކެވެމުން އަންނަ ބޭފުޅުންނެވެ. މަދު މިނިސްޓްރީތަކެއްގެ ވަޒީރުންގެ ނަން، ފަހުން އެހެން ނަމަކަށް ބަދަލުވެފައި އެބަ ހުއްޓެވެ.
ޑރ. މުއިއްޒުގެ މުޅި ކެބިނެޓަށް ބަލާއިރު، މުހިންމު ބައެއް ކަންކަން ފާހަގަވެއެވެ. ކުރީންވެސް ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުން ގިނަ ކަމެވެ. ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅުން ގިނަކަމެވެ. ހިންގުމުގެ ދާއިރާގެ އެންމެ މަތީ ހަރުފަތުން ފެނިފައިވާ ނުވާ ބައެއް ބޭފުޅުންވެސް ހިމެނިވަޑައިގަންނަވަ އެވެ.
މި ކެބިނެޓަށް ބަލާއިރު، ދެން ފާހަގަވާ ކަމަކީ، މިހާރު ހުރި ބައެއް މިިނިސްޓްރީތައް ދެބައިކޮށްލައިފައިވުމެވެ. އެ ގޮތުން، ފިޝަރީޒް އާއި އެގްރިކަލްޗާ ވަނީ ދެ މިނިސްޓްރީއަކަށް ހައްދަވައިފައެވެ. ޔޫތު އެންޑް ސްޕޯޓްސް ވަކި ކުރައްވައި ސްޕޯޓްސް ވެސް ވަނީ ވަކި މިނިސްޓްރީއަކަށް ހައްދަވައިފައެވެ. ހައުސިން އާއި ޕްލޭނިން ވެސް ވަނީ ވަކިކުރައްވައިފައެވެ.
މި ކެބިނެޓަށް ބަލާއިރު، ދެން ފާހަގަވާ އަނެއް ކަމަކީ މިދިޔަ ސަރުކާރުތަކުގެ ކެބިނެޓަށްވުރެ މި ކެބިނެޓުގެ ސައިޒު ބޮޑުކަމެވެ. އެ ގޮތުން މިހާތަނަށް ފާހަގާ ގޮތުގައި، ކެބިނެޓުގައި 20 މިނިސްޓަރުން ތިއްބަވާނެ އެވެ. އެއީ ބަންޑާރަ ނައިބު ނުލައެވެ. ބަންޑާރަ ނައިބަކީ ވެސް ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށް ވުމުން، މުއިއްޒުގެ ކެބިނެޓު ސައިޒަކީ 21 ކަމަށް މިހާ ތަނަށް ފާހަގަ ވެއެވެ. މީގެ ކުރީން، އިންތިހާބީ ރައިސް، ޑރ. މުއިއްޒު "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި، 18 އެއީ ކެބިނެޓު ސައިޒަކަށް ބަލާއިރު އެންމެ ރަނގަޅު އަދަދަކެވެ. އެހެން ނަމަވެސް އެއަށްވުރެ ތަންކޮޅެއް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
ޑރ. މުއިއްޒު ހުވާކުރައްވަން ހަފުތާއަކަށް ވެފައިވާއިރު، މި ލިސްޓަށް ކުދިކުދި ބަދަލުތައް އައި ނަމަވެސް، ބޮޑު ބަދަލެއް އައުމުގެ ފުރުސަތެއް ނެތެވެ. މި ކެބިނެޓަށް ބަލާއިރު، އެހެން ކަމެއްވެސް ފާހަގަވެއެވެ. އެއީ ޑރ. މުއިއްޒު ކުރީންވެސް ވިދާޅުވަމުން ގެންދެވި ފަދައިން، އެ މަނިކުފާނަށް އިތުބާރުކުރެވޭ ކެބިނެޓެއް އެކުލަވައިލެއްވުމަށް ކުރައްވާފައިވާ މަސައްކަތެވެ.
އެންމެ އެތެރޭގެ މައުލޫމާތު އެނގިވަޑައިގަންނަވާ ވަރަށް ގިނަ ބޭފުޅުންނާ "ވަން" އިން ސުވާލުކޮށް މައުލޫމާތު ސާފުކުރުމުން ވެސް ޔަގީންވި ކަމަކީ މި ލިސްޓަކީ ގާތްގަނޑަކަށް "ފައިނަލް" ލިސްޓެއް ކަމެވެ.
މި ލިސްޓަށް ބަލާއިރު، އިކޮނޮމިކް މިނިސްޓަރުކަން ދެއްވަނީ ޕީއެންސީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އެ މަގާމު ފުރުއްވި މުހައްމަދު ސައީދަށެވެ. ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފިޝަރީޒް މިނިސްޓަރު ކަމަށް ވަޑައިގަންނަވާ އިރު، އޭނާ އަކީ ރައީސް ސޯލިހުގެ ސަރުކާރު ބަދަލުކުރުމަށް މަޖިލިސް ތެރެއިންނާއި މަގުމަތީގައި އެންމެ ފުޅާކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެކެކެވެ.
ކެބިނެޓުގެ އެންމެ ނުފޫޒު ގަދަ، އަދި އެންމެ ބަރު ގަދަ އެއް މަގާމު ކަމަށްވާ، ޑިފެންސް މިނިސްޓަރު ކަމަށް، ރައީސް މައުމޫނުގެ ދަރިކަލުން، މުހައްމަދު ޣައްސާން މައުމޫން އައްޔަން ކުރައްވާން ނިންމަވާފައިވާއިރު، އޭނާ އަކީ ޕީޕީއެމް ދޫކުރައްވައި ރައީސް މައުމޫނު ފެޔަށް ޖެހިވަޑައިގެންނެވި ވަގުތުގައިވެސް، ޕީޕީއެމްގައި މަޑުކުރެއްވި ބޭފުޅެކެވެ. ރައީސް ސޯލުހުގެ ވެރިކަން ނިންމަން ކުރެއްވި މަސައްކަތުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ޣައްސާން ވެސް ހިމެނިވަޑައިގަންނަވައެވެ.
ޕީއެންސީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ޑރ. މުއިއްޒާ ވާދަކުރައްވައި، ދެ ވޯޓުން ބަލިވެވަޑައިގެންނެވި، މިހާރު ރ. މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވާ އާދަމް ޝަރީފަށް ދެއްވަން ނިންމަވައިފައިވަނީ އަލަށް އުފައްދަވާ ލޯކަލް ގަވަމެންޓް މިނިސްޓްރީ އެވެ. ކައުންސިލްތައް ބާރުވެރިކުރުވުމަށް ވަކި މިނިސްޓްރީއެއް އުފެއްދެވުމަކީ މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މުއިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ކަމަށް އައްޔަން ކުރައްވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. ޑރ. މުއިއްޒުގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ދެއްވަން ނިންމަވައިފައި ވަނީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲގެ ދަރިފުޅު، އިބްރާހީމް ފައިސަލް އަށެވެ. އެޓާނީ ޖެނެރަލް ކަމަށް ޕީއެންސީގެ ނައިބު ރައީސް، މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އައްޔަން ކުރައްވާއިރު، އޭނާއަކީ ކުރީން ޑެޕިއުޓީ ޕީޖީކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ޓްރާންސްޕޮޓު މިނިސްޓަރު ކަމަށް އައްޔަން ކުރައްވަނީ، ޑރ. މުއިއްޒުގެ ކެމްޕޭން މެނޭޖަރު، އަދި އައިލެންޑް އޭވިއޭޝަންގެ ކުރީގެ ފުލައިޓް އޮޕަރޭޝަންސް ހެޑް، ކެޕްޓަން މުހައްމަދު އަމީން އެވެ. ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރައްވަނީ އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަނެއް ކަމަށްވާ، އަލީ އިހުސާން އެވެ. ހައުސިން އަށް ވަކި މިނިސްޓްރީއެއް އުފައްދަވާ އިރު، އެ މިނިސްޓްރީއަށް އައްޔަން ކުރައްވަނީ، މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ނައިބަކަށް ހުންނެވި، ޑރ. އަބްދުﷲ މުއްތަލިބެވެ.
ޕްލޭނިން އެންޑް އެންވަޔަރަމެންޓް އަށް ވަކި މިނިސްޓްރީއެއް އުފައްދަވާ އިރު، އެ މިނިސްޓްރީގެ ވަޒީރުކަމަށް ލައްވަނީ، ރައީސް ޔާމީންގެ ސަރުކާރުގައި އެންވަޔަރަމެންޓް މިނިސްޓަރުކަން ކުރެއްވި ތޯރިގު އިބްރާހީމް (ތޯބެ) އެވެ.
އިސްލާމިކް މިނިސްޓަރު ކަމަށް އައްޔަން ކުރައްވަނީ، ޕީޕީއެމް ސަރުކާރުގައި ވެސް އެ މަގާމު އަދާކުރެއްވި، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށެވެ. ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރައްވަނީ، ފ. ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު، ޑރ. އަބްދުﷲ ޚަލީލް އެވެ. އެޑިޔުކޭޝަން މިނިސްޓަރު ކަމަށް، ޕީޕީއެމްގެ ސަރުކާރުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީކަން ކުރެއްވި ޑރ. އިސްމާއީލް ޝަފީއު އެވެ.
ޑރ. މުއިއްޒުގެ މާލީ ވަޒީރު ކަމަށް އައްޔަން ކުރައްވަނީ، ރައީސް ސޯލިހުގެ ސަރުކާރުގައި، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ޗީފް ފައިނޭންޝިއަލް އޮފިސަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަފީގެވެ. ޖެންޑާ މިނިސްޓަރުކަން ދެއްވަނީ ޔާމީންގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ޑރ. އާއިޝަތު ޝިހާމް އަށެވެ.
ޑރ. މުއިއްޒުގެ ސަރުކާރުގައި، އަލަށް އުފައްދަވާ ޔޫތު މިނިސްޓްރީއަށް އައްޔަންކުރައްވަނީ ސަންގު ޓީވީގެ، އިބްރާހީމް ވަހީދު (އަސްވާޑް) އެވެ. ޔޫތު މިނިސްޓްރީން ވަކިކޮށްފައިވާ ސްޕޯޓްސް މިނިސްޓްރީއަށް އައްޔަންކުރައްވާ ކަމަށް އަޑުތައް ފެތުރިފައިވާ ބޭފުޅަކީ އަބްދުﷲ ރާފިއު އެވެ. އެގްރިކަލްޗާ މިނިސްޓަރު ކަމަށް ކުރީގެ ސްޓޭޓް މިނިސްޓަރު، ޑރ. އާއިޝަތު ރަމީލާ އައްޔަން ކުރައްވާ އިރު، ހަޔަރ އެޑިޔުކޭޝަނަށް ލައްވަނީ ޑރ. މަރިޔަމް މާރިޔާ ކަމަށް މައުލޫމާތު ލިބެއެވެ.
ހައުސިން މިނިސްޓަރު ކަން ދެއްވަނީ، ރައީސް މައުމޫންގެ ސަރުކާރުގެ ފަހުކޮޅުގައި، ހައުސިން މިނިސްޓރުކަން ކުރެއްވި ޑރ. އަލީ ހައިދަރު އަށެވެ.
މި ލިސްޓަކީ ތެދު ލިސްޓެއްތޯ ކަށަވަރުކުރުމަށް "ވަން" އިން ރަސްމީ ބައެއް ޗެނަލްތައް މެރުވެރިކޮށް މަސައްކަތް ކުރި ނަމަވެސް، އެއްވެސް ފަރާތަކުން މި ލިސްޓަށް ރަސްމީ ކޮމެންޓެއް ނުކުރެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް