އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ފުލުހުން ތުހުމަތުކުރާ، ޏ. ފުވައްމުލަކު/ މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ޓެރަރިސްޓް އަމަލެއް ކުރުމަށް ރޭވުމާއި ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށް ސާބިތުވުމުން، އޭނާ 27 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ދައުލަތުން އަމީންގެ މައްޗަށް އެ ދައުވާތައް ކުރީ، 21 އޮކްޓޯބަރު 2018ގައި އަލީ ޝާފިއު ކިޔާ މީހަކު އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުން އަންނަ އިސްލާމިކް ސްޓޭޓުގެ ހުރާންސްގެ، ރާއްޖޭގެ ވެރިއެއްގެ ގޮތުގައި އަފްގާނިސްތާނަށް ފޮނުވާފައިވާތީއާއި އިސްލާމިކް ސްޓޭޓުގެ ރާއްޖޭގައި ހުންނަ ލީޑަރެއްގެ ގޮތުގައި އަމީން ހަރަކާތްތެރިވެ، ދީނީ ވަކި ފިކުރެއް ކުރިއަރުވައި، މީހުން ރެކްރޫޓްކޮށް، ހަނގުރާމަ ކުރަން ފޮނުވަމުންދާތީއެވެ.

އަމީންގެ މައްޗަށް ކުށް ސާބިތުކުރަން ދައުލަތުން ވަނީ ފަސް ސިއްރު ހެކިވެރިޔަކު ހުށަހަޅައިފައެވެ. އަދި އެމެރިކާގެ ސިއްރު ތިން އިންޓެލިޖެންސް ރިޕޯޓަކާއި އަމީންގެ ފޯނާއި އެހެނިހެން ތަކެތި ތަހުލީލު ކުރި ފުލުހުން ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ. ދައުވާތަކުން ދިފާއުވުމަށް އަމީންގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވެއެވެ.

އަމީންއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި ވަނީ 27 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. ނަމަވެސް އޭނާގެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ބަންދުގައި ހަތަރު އަހަރު ހޭދަކޮށްފައިވާތީ، ތަންފީޒުކުރަން ޖެހޭނެ ޖަލު އަދަބަކީ 23 އަހަރެވެ.

އަމީނަކީ ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި މަރުތައް ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި، ރާއްޖޭގެ އައިއެސް ގޮފީގެ ލީޑަރުގެ ގޮތުގައި ފާހަގަކޮށްފައިވާ މީހާއެވެ. ސަލްޓަން ޕާކުގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން އޭނާއަށް ދައުވާކޮށްފައިވާއިރު، އަމީން ވަނީ އެމެރިކާއިން ކަނޑައަޅާ ޓެރަރިސްޓުންގެ ލިސްޓުގައިވެސް ހިމަނައިފައެވެ.