އިންޑިއާ ފުޓުބޯޅައިގެ މައި އިދާރާ، އޯލް އިންޑިއާ ފުޓުބޯޅަ ފެޑަރޭޝަން (އޭއައިއެފްއެފް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ޝަޖީ ޕްރަބާކަރަން ވަކިކޮށްފިއެވެ.
މިއަދުގެ ވަގުތެއްގައި އެ ނިންމުން ނިންމަވާފައި ވަނީ އޭއައިއެފްއެފްގެ ރައީސް ކަލްޔަން ޗައުބޭއެވެ. އިންޑިއާގެ ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝަޖީ ވަކިކޮށްފައި ވަނީ "އިތުބާރު ގެއްލޭފަދަ އަމަލުތަކެއް" ގެ ސަބަބުން ކަމަށާއި މިއަދުން ފެށިގެން އެ މަގާމުގައި ވަގުތީ ގޮތުން ހުންނާނީ ކުރިން ޑެޕިއުޓީ އެސްޖީގެ މަގާމުގައި ހުރި އެމް ސަތުޔަނާރަޔަން ކަމަށެވެ.
އިންޑިއާ އެފްއޭގެ ރައީސް ބައެއް ނޫސްތަކަށް ވިދާޅުވީ ޝަޖީގެ މައްސަލަތައް މެމްބަރު ކްލަބުތަކުން އެކި ގޮތްގޮތަށް އައިސްފައިވާ ކަމަށާއި އެއްބަސްވުން އުވާލައި މަގާމުން ދުރުކުރަން މަޖުބޫރުވީ އެހެންވެ ކަމަށެވެ.
ޝަޖީ އިންޑިއާ އެފްއޭގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އޭގެ ކުރިން މަގާމުގައި ހުރީ ކުޝާލް ދާސްއެވެ. ޝަޖީ މަގާމުން ވަކިކުރުމަށް އެންމެ ބޮޑަށް ޝަކުވާ ހުށަހެޅިފައިވާ މައްސަލައަކީ އިންޑިއާ ލީގުގައި ވީއޭއާރް ބޭނުން ކުރަން ފެށުމަށް ކުރަން ޖެހުނު މަސައްކަތްތައް ކުރުމުގައި ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައެވެ.