ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން މޮޅުވެ މެންޗެސްޓާ ސިޓީން ނޮކްއައުޓް ބުރު ޔަގީންކުރި އިރު، ޔުކްރެއިންގެ ޝަކްތާ އަތުން ބާސެލޯނާ ބަލިވެއްޖެއެވެ.

ޗެމްޕިއަންސް ލީގު ގްރޫޕް ޖީގައި ސިޓީން ރޭ އަމިއްލަ ދަނޑުގައި ޔަންގް ބޯއީސް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ސިޓީން ގްރޫޕް އެއްވަނައިގައި އޮތީ ހަތަރު މެޗުން 12 ޕޮއިންޓާއެކުގައެވެ. ސިޓީއަށް ނޮކްއައުޓް ޔަގީންވެފައިވާ އިރު، އެ ގްރޫޕްގެ ދެވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކު އޮތް އާރްބީ ލެއިޕްޒިގެވެ. ތިންވަނައިގައި ކްރެވޭނާ ވެޒްޑާ އޮތް އިރު، ހަތަރުވަނައިގައި އޮތީ ޔަންގް ބޯއީސްއެވެ.

ސިޓީގެ އާލިން ހާލަންޑް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެޓީމަށް ލީޑު ނަގައިދިން އިރު، އެ ގޯލު ޖެހީ ޕެނަލްޓީއެއްގައެވެ. މަތެއަސް ނުނޭޒަށް ސަންޑްރޯ ލައިޕާ ކުރި ފައިނަލަކަށް ސިޓީއަށް ލިބުނު ޕެނަލްޓީން ލީޑު ނަގައި އެޓީމުން ހާފު ނިންމާލަން ގޮސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދެވަނަ ގޯލެއް ޖެހިއެވެ.

ޖެކް ގްރީލިޝްގެ ބޯޅައިން ގޯލު ޖެހީ ފިލް ފޮޑެންއެވެ. ދެވަނަ ހާފަށް ނުކުމެ، ހާލަންޑުން އިތުރު ގޯލެއް ޖަހައި ސިޓީގެ ލީޑު ފުޅާކުރި އިރު، އެ ގޯލަކީ ޗެމްޕިއަންސް ލީގުގައި ކުޅުނު 34 ވަނަ މެޗުގައި ޖެހި 39 ވަނަ ގޯލެވެ. މިހާތަނަށް ހާލަންޑް ސިޓީއަށް ކުޅުނު 70 މެޗުގައި 67 ގޯލު ޖަހައިފައިވެއެވެ.

ބާސާއިން ގްރޫޕް އެޗްގައި ރޭ ރަށުން ބޭރުގައި ޝަކްތާ ޑޮނެސްކް އަތްދަށުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުން މޮޅުވެ ބާސާއަށް ކޮލިފިކޭޝަން ޔަގީންވާން އޮތް ނަމަވެސް، މިހާރު އަނެއްކާވެސް ވަނީ އިތުރު މޮޅަކަށް އިންތިޒާރު ކުރަން ޖެހިފައެވެ. އެ ގްރޫޕްގައި ރޭ ޕޯޓޯއިން ކުޅުނު މެޗުގައި ރޯޔަލް އަންޓްވާޕް ކައިރިން 2-0 އިން އެޓީމު މޮޅުވި އިރު، ޕެޕޭ ވެފައި ވަނީ ޗެމްޕިއަންސް ލީގުގައި ގޯލު ޖެހި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާ އަށެވެ. ޕެޕޭ ގޯލު ޖެހީ އުމުރުން 40 އަހަރުގައެވެ.

ބާސާއިން މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ޕޯޓޯއަށްވެސް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ޝަކްތާ ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިފައެވެ. އަންޓްވާޕަކަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ރޭ ޝަކްތާއިން ބާސާ ބަލިކުރި މެޗުގެ ހަމައެކަނި ގޯލު ފެނުނީ 40 ވަނަ މިނެޓައެވެ. އެ ގޯލު ޖެހީ ޑަނީލޯ ސިކަންއެވެ.