މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން، 10،118.07 އަކަފޫޓުގެ ބޮޑު ބިމެއް ހުޅުމާލެއިން ގަނެފިއެވެ.
ޕެންޝަން އޮފީހުން އެ ބިން ގަނެފައިވަނީ 37،538،039 ރުފިޔާ އަށެވެ. ޕެންޝަން އޮފީހުން އެ ފައިސާ އެޗްޑީސީއަށް ދައްކާފައިވުމުން، އެޗްޑީސީން ވަނީ ބިމުގެ ރަޖިސްޓްރީ، ޕެންޝަން އޮފީހުގެ ނަމަށް ބަދަލުކޮށްދިނުމަށް ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.
ސިވިލް ކޯޓުން އެ މައްސަލައިގައި ބުނީ، އެ ބިން ޕެންޝަން އޮފީހަށް ވިއްކާލުމުގެ ކުރިން، އެ ބިމުގެ މިލްކުވެރިން އެހެން މީހަކަށް ލިބިފައިވޭތޯ ބެލުމަށް އެޗްޑީސީން އިއުލާންކުރި ކަމަށެވެ. ނަމަވެސް އެއްވެސް ފަރާތަކުން އެ ބިމުގެ މިލްކުވެރިކަމަށް އަދި އެ ބިން ކުއްޔަށް ހިފައިފައިވާކަން އެޗްޑީސީއަށް އަންގާފައި ނުވާ ކަމަށެވެ. ޕެންޝަން އޮފީހުން، ބިމުގެ އަގަށްވާ ފައިސާ ދައްކާފައިވާކަން އެޗްޑީސީން ފާހަގަކޮށްފައިވާ ކަމަށާއި އަދި އެ ބިން ވިއްކުމުގެ ހުރިހާ ގާނޫނީ ހަމަތަކެއް އާބަންކޯއަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ބުންޏެވެ. އެ ހުރިހާ ކަމެއް އެގޮތަށް ހުރުމުން އެ ބިން ވިއްކުމުގެ ޝަރުއީ އަދި ގާނޫނީ ހުރިހާ ޝަރުތުތަކެއް ފުރިހަމަވެފައިވާ ކަމަށް ސިވިލް ކޯޓުން ބުންޏެވެ.
އެހެންވެ ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ އެޗްޑީސީގެ ރަޖިސްޓްރީގައި އޮތް އެ ބިން 37،538،039 ރުފިޔާއަށް، ޕެންޝަން އޮފީހަށް ވިއްކުމުން، އެ ބިން ޕެންޝަން އޮފީހުން ގަނެ، ވިޔަފާރީގެ އަގު ދައްކައި ހަލާސްކޮށްފައި ވާތީ، އެ ވިޔަފާރީގެ މުއާމަލާތައް ފުރިހަމަވާތީ، އެ ބިމުގެ މިލްކުވެރި ފަރާތަކީ ޕެންޝަން އޮފީސްކަމަށް ހުކުމްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު