އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތްތަކުގެ ތެރެއިން ރިސޯޓް ހެދުމަށް ވ. އާރަށް ދޫކުރުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރިކަން ސާބިތުވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމްގެ ތެރެއިން، ފަސް މިލިޔަން ރުފިޔާގެ ޖޫރިމަނާ ހޯދަށް ދައުލަތުން، އެޓާނީ ޖެނެރަލް އޮފީހުން ކުރި ދައުވާ މިވަގުތު ކުރިއަށް ގެންދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ދައުލަތުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ، އާރަށު މައްސަލައިގައި ރައީސް ޔާމީން ފަސްމިލިޔަން ޑޮލަރުން ޖޫރިމަނާކޮށް 25 ޑިސެމްބަރު 2022 އިން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެ ފައިސާގެ އެއްވެސް މިންވަރެއް ދައްކާފައި ނުވާތީ އެ ހުކުމް ތަންފީޒު ކޮށްދިނުމަށެވެ.

އާރަށުގެ މައްސަލައިގައި ކުރިމިނަލް ކޯޓުން ކުރި ހުކުމް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅައި އެކޯޓުގައި އިސްތިއުނާފީ އަޑުއެހުންތައް ވަނީ ކުރިއަށްގެންދަން ފަށއިފައެވެ.

އެ މައްސަލައިގެ އިސްތިއުނާފާއެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށްވެސް ޔާމީންގެ ފަރާތުން އެދުނެވެ. އެ ކަމާ ގުޅިގެން ޖޫރިމަނާގެ ހުކުމް ފަސް ކުރުމުގެ އަމުރެއް ހައިކޯޓުން ވަނީ ނެރެފައެވެ.

މި މައްސަލައިގައި ސިވިލްކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ، ރައީސް ޔާމީންގެ އާރަށު މައްސަލައަށް ހައިކޯޓުން ގޮތެއް ކަނޑއަޅަންދެން ނުވަތަ އެނޫން ގޮތަކަށް އަންގަންދެން ޖޫރިމަނާ ފައިސާ ހޯދުމުގެ ގޮތުން އެއްވެސް މައްސަލައެއް ކޯޓަށް ހުށަހެޅިފައި ވާނަމަ، އެ މައްސަލަ ކުރިއަށް ނުގެންދިއުމަށާއި، އެ ނޫން ގޮތަކުންވެސް ޖޫރިމަނާ ފައިސާ ހޯދުމަށް ޓަކައި މީރާއިން ނުވަތަ ދައުލަތުގެ އެހެންވެސް އިދާރާއަކުން އެއްވެސް މަސައްކަތެއް ނުކުރުމަށް، ޝަރުއީ ކޯޓުތަކަށާއި، ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހައި އިދާރާތަކުގެ މައްޗަށް އަންގައި ހައިކޯޓުން އަމުރު ނެރެފައިވާ ކަމަށެވެ.

ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލަކުން ނުވަތަ ހައިކޯޓުން ކޮށްފއިވާ ހުކުމެއް ނުވަތަ ހުކުމެއްގެ ބައެއް ތަންފީޒު ކުރުން ފަސްކުރެވޭނީ، އެ ހުކުމް ނުވަތަ ހުކުމުގެ ބައެއް ތަންފީޒު ކުރުން ފަސް ކުރުމަށް މަތީ މަރުހަލާގެ ކޯޓަކުން އަމުރު ކޮށްފި ހިނދެއްގައި އެކަނި ކަމަށް، މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާ ކަމަށްވެސް ހުކުމުގައި ވެއެވެ.

ޔާމީންގެ މައްސަލަ ހައިކޯޓުން ނިމޭނެ ދުވަހެއް އަންދާޒާކޮށް އެނގެން ނެތުމުންނާއި، ރާއްޖޭގެ ހައިކޯޓުން ދައުލަތާ އެއްކޮޅަށް މައްސަލަ ނިމިއްޖެނަމަ، ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް އޮންނާނެތީ، ހައިކޯޓުން މައްސަލަ ނިމެންދެން މި މައްސަލަ ސިވިލްކޯޓުގައި ބޭއްވުމުގެ ބޭނުމެއް އޮތް ކަމަށް ނުދެކޭ ކަމަށްވެސް ބުނެފައިއެވެ.

އެހެންކަމުން ކުރިމިނަލް ކޯޓުން ރައީސް ޔާމީނަށް ކުރި ހުކުމުގެ ތެރެއިން، ޔާމީން ދައްކަން ޖެހޭ ޖޫރިމަނާ ފައިސާއާ ގުޅޭ ބައި ތަންފީޒު ކޮށްދިނުމަށް އެދި ދައުލަތުން ހުށަހެޅި މައްސަލަ މި ހިނދަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަލައި ސިވިލްކޯޓުން ވަނީ ހުކުމްކޮށްފައެވެ.