ފަހަތުން އަރައި ތިން ގޯލު ޖަހައިގެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް، އިންޑިއާގެ އޮޑިޝާއިން މިއަދު ރާއްޖޭގައިވެސް މޮޅުވެއްޖެއެވެ.

އޭއެފްސީ ކަޕް ގްރޫޕް ޑީގައި މިއަދު ކުޅުނު މެޗުގައި، ގައުމީ ދަނޑުގައި އޮޑިޝާއިން މާޒިޔާ ބަލިކުރީ 3-2ގެ ނަތީޖާއަކުންނެވެ. މިއަދުގެ ނަތީޖާ އާއެކު މާޒިޔާއަށް ވަނީ ނޮކްއައުޓް ބުރުގެ ޖާގަ ހޯދުމަށް އަމިއްލަ ބާރު ގެއްލިފައެވެ. ގްރޫޕް ޑީގައި މިރޭ މޯހަން ބަގާންއާއި ބަޝުންދަރަ ކިންގްސް ވާދަކުރާ މެޗުން މޯހަން ބަގާން ބަލިނުވެ ސަލާމަތްވެއްޖެނަމަ މާޒިޔާ ގްރޫޕް ސްޓޭޖުން ކަޓާނެއެވެ.

ގްރޫޕްގެ އެއްވަނައިގައި މި ވަގުތު އޮތީ ހަތް ޕޮއިންޓާ އެކު މޯހަން ބަގާންއެވެ. އޮޑިޝާއިން ހަ ޕޮއިންޓް ހޯދާފައިވާއިރު, ތިންވަނައިގައި އޮތް ބަޝުންދަރަ ކިންގްސް އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މާޒިޔާ ފުލުގައި އޮތީ ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާ އެކުގައެވެ.

މާޒިޔާއިން މެޗުގެ ކުރީކޮޅުގައި ލީޑު ނެގިއެވެ. އައިސަމް އިބްރާހިމް ފޮނުވާލި ބޯޅައެއް އޮޑިޝާގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ނާއިޒް ހަސަން (ދާދު) އަށް ލިބުމާއެކު އޭނާ ފޮނުވާލި ބޯޅަ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ.

އެ ގޯލާއެކު ރަނގަޅަށް ފެށި މާޒިޔާއިން ލީޑު ފުޅާކުރީ މެޗުގެ 26 ވަނަ މިނެޓުގައެވެ. އެ ގޯލަކީ އޭރިއާ ތެރެއިން މާޒިޔާގެ ވޮޖިސްލާވް ބަލަބަނޮވިޗަށް އޮޑިޝާގެ ސެރީނޭ ފޯލް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އަކުން ޖެހި ގޯލެކެވެ. ގޯލުގެ އަރިމަތީ ކަނަށް ބޯޅަ ވައްދާލައިގެން މާޒިޔާއަށް ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ބަލަބަނޮވިޗެވެ.

ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅު މާޒިޔާއިން އިތުރު ގޯލެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ދާދުއާއި ހަމްޒާ މުހައްމަދު (ހަމްޕު)ގެ ހަމަލާތައްވެސް ކާމިޔާބެއް ނުވިއެވެ.

އޮޑިޝާ އިން ދެވަނަ ހާފު ފެށީ ވަރުގަދަކޮށެވެ. ހާއްސަކޮށް ތަޖުރިބާކާރު މިޑްފީލްޑަރު ލެނީ ރޮޑްރިގޭސް ކުޅެން އެރުވި ހިސާބުން އެ ޓީމުގެ އެޓޭކުތައް އިތުރަށް ރަނގަޅުވިއެވެ. އޮޑިޝާގެ ފުރަތަމަ ގޯލު އެ ޓީމުން ޖެހީ މެޗުގެ 65 ވަނަ މިނެޓުގައެވެ. ކޯނަރަކަށް ކުރިއަށް އަރައި އެ ގޯލު ޖެހީ ފޯލްއެވެ.

މާޒިޔާގެ ކެޕްޓަން ސަމޫހުއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނު ދަނޑިވަޅުގައި އޮޑިޝާއިން ދެވަނަ ގޯލުވެސް ޖެހިއެވެ. ހިލޭ ޖެހުމެއްގައި އޮޑިޝާއަށް އެ ގޯލު ޖަހައި ދިނީ ބިދޭސީ ފޯވާޑް ޑިއޭގޯ މައުރީސިއޯއެވެ.

އޮޑިޝާ މެޗުން މޮޅުވީ 86 ވަނަ މިނެޓުގައި ރޮއީ ކްރިޝްނާ ޖަހައިދިން ގޯލުންނެވެ. އެއީ އަހުމަދު ޖަހޫހް ދިން ބޯޅައަކާއެކު ގޯލް އޭރިއާ ކަނާ ދިމާލުން މާޒިޔާގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ވަދެ, ގޯލުގެ އަރިމަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ކްރިޝްނާ ޖެހި ގޯލެކެވެ.

އޭއެފްސީ ކަޕްގައި މާޒިޔާއަށް ދެން އޮތީ ރަށުން ބޭރުގައި ބަޝުންދަރަ ކިންގްސްއާ ދެކޮޅަށް ކުޅޭ މެޗެވެ.