ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ ގަރާރު ކުރިއަށް ނުގެންދެވި މަޖިލިސް ހުއްޓިފައިވާ މައްސަލައަށް މަޖިލީހުގެ ނިޒާމުގެ ތެރެއިން ހަތަރު ހައްލެއް މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ މިއަދު ސުޕްރީމް ކޯޓުގައި ދެއްވައިފިއެވެ.

މަޖިލީހުގެ އަމީންއާއްމާއި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވަނީ، މަޖިލިސް ރައީސް ވަކި ކުރުމާބެހޭ މައްސަލައިގައި، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާ ބެހޭގޮތުން މަޖިލިސް ގަވާއިދުގައި ހިމެނިފައިވާ މާއްދާތައް މާނަ ކުރުމުގައެވެ.

މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އެއްވެސް ކަމަކާ ގުޅިގެން އެއިން ބޭފުޅަކަށް ރިޔާސަތު ނުބެލެހެއްޓިއްޖެ ނަމަ ދެން ކަންތައް ކުރަންވީ ގޮތެއް އެ މާއްދާގައި ބުނެފައެއް ނުވެއެވެ.

އެ މައްސަލައިގައި، އެމްޑީޕީ މެންބަރުން ދައްކަވަނީ، މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާއެވެ. އެ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ގާނޫނުއަސާސީގެ ދަށުން އެކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ.

އެހެންކަމުން އެމްޑީޕީ މެންބަރުން ވިދާޅުވަނީ، މަޖިލީހުގެ ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތަށް ވަޑައިނުގެންނެވިއްޖެ ނަމަ މި މާއްދާގައި ބުނާގޮތަށް، ރިޔާސަތު ބަލަހައްޓަވަން ކަނޑައެޅުއްވާފައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން މެންބަރަކު ރިޔާސަތަށް ވަޑައިގެން ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ އަމީންއާއްމު ނިންމަވާފައި ވަނީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށާއި އެނޫން ގޮތެއް ނޯންނާނެ ކަމަށެވެ. އަމީންއާއްމުގެ އެ ނިންމެވުން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށް ބުނެ، އެމްޑީޕީން ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

މިއަދު ވަނީ އެ މައްސަލައިގެ ދެވަނަ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބާއްވައިފައެވެ. އެ އަޑުއެހުމުގައި އަމީންއާއްމު ވިދާޅުވީ މަޖިލިސް ރައީސް ވަކި ކުރުމުގެ މައްސަލައިގައި ހާއްސަ އިޖުރާއަތެއް ކަނޑައެޅިފައިވަނިކޮށް، އެ އިޖުރާތަށް އަމަލު ނުކުރެވޭ ހާލަތެއްގައި، މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައެޅުމަކީ މަޖިލީހުގެ އިދާރާއަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ގާނޫނުގައިވާ ކަމަށެވެ. އެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިހާރު ދިމާވެފައިވާ މައްސަލައަށް މަޖިލީހުގެ ނިޒާމުގެ ތެރެއިން ހަތަރު ހައްލެއް ނިއުޝާ ވަނީ ކޯޓަށް ހުށަހަޅުއްވައި ދެއްވައިފައެވެ.

  • މަޖިލީހުގެ ގަވާއިދުގެ 108 ވަނަ މާއްދާގެ (ށ) ދަށުން މަޖިލީހުގެ އާންމު ކޮމިޓީގެ އަމިއްލަ އިސްނެންގެވުމުގެ މަތިން ގަވާއިދަށް ގެންނަ އިސްލާހެއް ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުން
  • މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ހިންގުމުގެ އުސޫލަށް ބަދަލު ގެނައުމަށް އާންމު މެންބަރަކު ގަރާރެއް ހުށަހެޅުން
  • މަޖިލީހުގެ ގަވާއިދުގެ 249 މާއްދާގެ (ށ)ގެ ދަށުން މަޖިލީހުގެ ގަވާއިދަށް ގެންނަން ފެންނަ އިސްލާހެއް މައްސަލައެއްގެ ގޮތުގައި ހުށަހެޅުން؛ އެފަދަ މައްސަލައެއް މިހާރު ވެސް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ އެޖެންޑާ ކޮށްދިނުމަށް އެދިފައިވަނީ
  • މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއްގެ ރިޔާސަތުގެ މަޖިލީހުގެ ނައިބު ރައީސަށް ނުބެލެހެއްޓޭ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅާފައި ނުވާތީ، މިއީ ގަވާއިދުގެ 250 ވަނަ މާއްދާގެ ދަށުން ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެ ކަމަށް ބަލައި، މަޖިލީހުން ގޮތެއް ނިންމުން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިހާރު އޮތް ގޮތުން މަޖިލީހުގެ ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކައުންސެލް ޖެެނެރަލް ފާތުމަތު ފިލްޒާ ވެސް އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް އެމްޑީޕީން ގަބޫލުކުރިޔަސް ހަގީގަތުގައި އެފަދަ ހާލަތެއް މެދުވެރިފައި ނުވާ ކަމަށެވެ.

މިއަދު ބޭއްވި ޝަރީއަތުގައި މި މައްސަލައަށް ތަދައްހުލްވެފައިވާ ދަ ޑިމޮކްރެޓްސްގެ ފަރާތުން ވެސް ވަނީ މި މައްސަލައަކީ ކޯޓަށް ހުށަހަޅައިގެން ހައްލު ހޯދަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށާއި މިއީ މަޖިލީހުގެ ތެރެއިން ހައްލު ހޯދެން އޮތް މައްސަލައެއް ކަމަށް ބުނެފައެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުންގެ ބައްލަވާ އެ މައްސަލާގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފައެވެ. އަދި އިތުރު ކަމެއް ސާފު ކުރަން ނެތް ނަމަ، ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށް އެ ބެންޗުގެ ރިޔާސަތުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ އިއުލާނުކުރައްވައިފައެވެ.