ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހަޅާ މައްސަލަތަކުގައި ބާއްވާ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓޭނީ މަޖިލީހުގެ ނާއިބުރައީސަށް އެކަނިކަމަށް ކަނޑައަޅާފައި އޮންނަނީ، މައްސަލައިގެ މުހިއްމުކަމުން ކަމަށް މަޖިލީހުން ބުނާއިރު، ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ހުށަހަޅާޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ވަކި ބޭފުޅަކު ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި ނުވާކަމަށް ދައުލަތުން ބުނެފިއެވެ.
ދައުލަތުގެ ވަކީލު ފާތުމަތު ހިލްމީ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް ނޫން އެހެން މެމްބަރަކަށް ނުބެލެހެއްޓޭނެ ކަމަށް މަޖިލިސް އިދާރާއިން ކަނޑައެޅުމާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި، މަޖިލީހުގެ ނައިބު ރައީސް ނޫން ބޭފުޅަކަށް ރިޔާސަތު ނުބެލެހެއްޓޭ ގޮތަށް އޮންނަނީ، އެކަމުގެ ހައިބަތު ބޮޑުކަމުން އެކަމުގެ މުހިއްމު ކަމާއި ހައިބަތު ދެއްކުމަށް ކަމަށް، މަޖިލީހުގެ ކައުންސިލް ޖެނެރަލް ވިދާޅުވެފައިވާތީ، ފަނޑިޔާރު ކުރެއްވި ސުވާލާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައިވެސް ވަކި ބޭފުޅަކު ރިޔާސަތުގައި އިންނަން ޖެހޭނެ ކަމަށް ގަވާއިދުގައި ލިޔެފައިނުވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއަކީ ހުރިހާ ރައްޔިރުންގެ މެދުގައި ނަގާ ވޯޓަކުން އިންތިހާބު ކުރާ ފަރާތެއް ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ އިޖުރާއަތްތައް ކުރިއަށްގެންދަން ކަނޑައަޅާފައިވާ، މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާއާ އެއްގޮތަށް މަޖިލިސް ޖަލްސާތައް ނުހުއްޓި ކުރިއަށްދާންޖެހޭ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ވަކީލު ވިދާޅުވީ އެ މާއްދާގައި މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށްގެންދާނެ ވަކި މުއްދަތުތަކެއް ކަނޑައަޅާފައިވަނީ ވެސް އެ މައްސަލަ އަވަހަށް ނިންމުމަށް ކަމަށެވެ. އޭގެ އިތުރުން، މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ގާނޫނުއަސާސީގެ ދަށުން އެކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނާގޮތަށް މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު