ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާ މައްސަލަތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސަށް އެކަނި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާ ރައްޔިތުންގެ މަޖިލީހުން މާނަ ކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ދައުލަތުގެ ވަކީލު ފާތުމަތު ހިލްމީ ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނާއިބު ރައީސް ނޫން އެހެން މެންބަރަކަށް ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުން ކަނޑައެޅުމާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމުގައި ވަކީލު މިހެން ވިދާޅުވީ، މަޖިލިސް އިދާރާގެ ނިންމުން ދިފާއު ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ކައުންސިލް ޖެނެރަލް ފާތުމަތު ފިލްޒާ ދެއްކެވި ވާހަކަތައް ރައްދު ދެއްވަމުންނެވެ.

ފިލްޒާ ވިދާޅުވީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ގާނޫނުއަސާސީގެ ދަށުން އެކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނެފައި ވީނަމަވެސް އެ މެންބަރުންނަށް ކުރިއަށް ގެންދެވެނީ، ވަކި ބާވަތްތަކެއްގެ މައްސަލަތަކެއް ކަމަށާއި އެ މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވެސް ވިދިވިދިގެން ތިން ޖަލްސާގެ މުއްދަަތަކަށް ކަމަށެވެ. އަދި މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސްކަމަށް ގަވާއިދުގެ 205 ވަަނ މާއްދާގައި ބުނެފައިވާތީ އެ ފަދަ ޖަލްސާއެއްގެ ރިޔާސަތު އެހެން ބޭފުލަކަށް ނުބެލެހެއްޓޭނެ ކަަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މަޖިލިސް ހުއްޓިފައި އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި މަޖިލިސް ތަމްސީލު ކުރައްވަނީ ބަންޑާރަ ނައިބުގެ އޮފީހުން ކަމަށްވުމުން، މައްސަލައިގައި މަޖިލީހުގެ ސްޓޭންޑާއި އެޓާނީ ޖެނެރަލްގެ ސްޓޭންޑް ވަނީ ތަފާތުވެފައެވެ.

ފިލްޒާގެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގެ މައިގަނޑު ހުސޫމަތަކީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ދީފައިވަނިކޮށް ނައިބު ރައީސް ސަލާމް ފޮނުއްވުމުން، ޖަލްސާ ކުރިއަށް ނުގެންދިއުމުގެ އިތުރުން، ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ނުދިނުން ކަމަށެވެ.

ގާނޫނު އަސާސީންނާއި މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވަނީ މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތްތައް ކަމަށާއި އެހެންކަމުން މަޖިލީހުގެ މަސައްކަތްތައް ހުއްޓޭގޮތަށް މާނަ ކުރުމަކީ ގާނޫނުއަސާސީއާ ހިލާފް މާނަ ކުރުމެއް ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނާ ފަސް މެންބަރުންނާ ރިޔާސަތު ހަވާލުކުރުމުގެ އިޖުރާއަތާއެކު ކުރިއަށް ނުދެވޭނެ ސަބަބެއް ކަމަށް ގަވާއިދުގެ 205 ވަަަނަ މާއްދާގެ (ބ) މަޖިލީހުން ދައްކާ އިރު، ހަވާލާ ދެވިފައިވާ ހުރިހާ މާއްދާއެއް އެކުއެކީގައި ކިޔާއިރު ފަހުމުވަނީ އެހެން މައްސަލަތައް ކުރިއަށް ގެންދެވޭނީ އެ މައްސަލަ ނިންމުމަށްފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.

އަދި 205 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ބާރުކެނޑޭ ގޮތަށް (ބ) މާނަ ކޮށްގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވި ނަމަވެސް، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ ދުސްތޫރީ ނުވަތަ ގާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިދެއްވުމަށް އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އެދިފައެވެ.