ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، މިހާރު އިންތިހާބުވެ ވަޑައިގެންގައި ހުންނެވި، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަަދު ސޯލިހު ގާނޫނީ ހުވާ ނުކުރެއްވޭނެ އެއްވެސް ގާނޫނީ ހާލަތެއް މެދުވަރިވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސުޕްރީމް ކޯޓުގައި ދައުލަތުގެ ވަކީލު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ވަކީލު ފާތުމަތު ހިލްމީ މިހެން ވިދާޅުވީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގެ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނާއިބު ރައީސް ނޫން އެހެން މެންބަރަކަށް ނުބެލެހެއްޓޭނެ ކަމަށް ކަނޑައެޅުމާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ ވީއެންމެ އަވަހަށް ނިންމުމަށް މަޖިލިސް ގަވާއިދުގައި ލާޒިމުކޮށްފައިވާކަން ފާހަގަ ކުރައްވައި، ވަކީލު ވިދާޅުވީ މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ މައްސަލަ ކުރިއަށް ގެންދާނެ އިޖުރާއަތު ކަނޑައަޅާފައިވާ ގަވާއިދުގެ 205 ވަނަ މާއްދާ އާއި 44 ވަނަ މާއްދާއިން ވަރަށް ރަނގަޅަށް އެކަން އެނގޭ ކަމަށެވެ.

އެގޮތުން މަޖިލިސް ރައިސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާތާ، ތިން ދުވަސް ތެރޭގައި މަޖިލިސް ރައީސް އާއި މެންބަރުންނަށް 14 ދުވަހުގެ ނޯޓިސް ފޮނުވަން ޖެހޭނެ ކަމަށާއި އެ ނޯޓިސްގެ މުއްދަތު ހަމަވުމުން އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިސް ޖަލްސާއަށް އެޖެންޑާކުރަންވާނެ ކަމަށް ބުނެ އެކަމަށް ވަކި މުއްދަތުތަކެއް ކަނޑައަޅާފައި ވަނީ އެ މައްސަލަ އަވަސް ކުރުމަށް ކަމަށެވެ.

އޭގެ އިތުރުން މަޖިލިސް ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރު ޖަލްސާއަށް ހުށަހެޅުމަށްފަހު، އެވަގުތު މަޖިލީހަށް ހުށަހަޅާފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށް އެ މާއްދާގެ (ރ)ގައި ކަނޑައަޅާފައިވަނީ ވެސް އެ ސަބަބައްޓަކައި ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މަޖިލީހުގެ ހުރިހާކަމެއް ހުއްޓުވުމަށްވުރެ އެ މާއްދާއިން ބުނަނީ، ދެ ކަމެއްގެ ވާހަކަކަންވެސް ވަކީލު ފާހަގަ ކުރެއްވިއެވެ. އެއީ ބަހުސް ކުރުން އަދި ގޮތެއް ނިންމުން ކަންވެސް ވަކީލު ފާހަގަ ކުރެއްވިއެވެ.

އެހިސާބުން ވަކީލުގެ ވާހަކަ ހުއްޓުވުމަށްފަހު، 205 ވަނަ މާއްދާގެ (ރ) އޮތް ގޮތުން އާ ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމަށް ހުރަސް އެޅޭތޯ ފަނޑިޔާރު ހުސްނުއްސުއޫދު ސުވާލު ކުރެއްވިއެވެ.

ޖަވާބު ދެއްވަމުން ވަކީލު ވިދާޅުވީ، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ މައްސަލަ އެ މާއްދާއާ ގުޅުވައި ނުލެވޭ ސަބަބަކީ، ވަރަށް ސާފުކޮށް ދެކަމެއްގެ ވާހަކަ އެ މާއްދާގައި ބަޔާންކޮށްފައިވާތީ ކަމަށެވެ. އެއީ ބަހުސް ކުރުން އަދި ގޮތެއް ނިންމުން ކަންވެސް ވިދާޅުވިއެވެ.

އޭގެއިތުރުން ރައްޔިތުންގެ މަޖިލީހުން ގޮތް ނިންމަންޖެހޭ ކަންތައްތައް ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ވަކީލު ވިދާޅުވިއެވެ. އޭގެ ތެރޭގައި ވެސް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރުމުގެ ވާހަކަ ނާންނަ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ގާނޫނުތަކާއި ގަވާއިދުތައް ހަދަން ޖެހޭނީ ގާނޫނުއަސާސީއާ ތައާރަޒް ނުވާގޮތަށް ކަމަށް ގާނޫނުއަސާސީގެ 88 ވަނަ މާއދާގައި ބުނެފައިވާ އިރު، ގާނޫނުއަސާސީގެ 260 ވަނަ މާއްދާއަށް ބެލި ނަމަވެސް މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ދައުރު ހަމަވުމާއެކު ގާނޫނުއަސާސީގެ 114 ވަނަ މާއްދާގެ ދަށުން އާ ރައީސުލްޖުމްހޫރިއްޔާއަށް ހުވާ ކުރެއްވޭނެ ކަމަށާއި އެކަމަށް ހުރަސް އެޅޭނެ ޝަރުއީ އަދި ގާނޫނީ އެއްވެސް ހާލަތެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.