ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ލިއުންތައް ދިރާސާ ކުރުމަށް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ފުރުސަތު ދިނުމަށް، އެ މައްސަލައަށް ތަދައްހުލުވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.

މިއަދުގެ ޝަރީއަތް ފެށުމާއެކު ދަ ޑިމޮކްރެޓްސްގެ ގާނޫނީ ވަކީލު ފުރުސަތު ހޯއްދަވައި އަބުދުﷲ ޝާއިރު ވިދާޅުވީ، ގާނޫނީ ވަކީލަކު ހޯދުމަށާއި މައްސަލައަށް ތަދައްހުލުވާން ޑެމޮކްރެޓްސްގެ ފަރާތުން ކުރި މަސައްކަތްތަކުގެ ތެރެއިން، އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގެ ލިޔެކިއުންތައް ލިބުނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ ލިއުންތަކަށް ބަލާއިރު، ދިމޮކްރެޓްސްގެ ފަރާތުން ހުށަހެޅި ފޯމުގައިވާ ކަންތަކަށް ބަދަލު ގެނެސް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައަށް ތަފްސީލީ ގޮތެއްގައި ޖަވާބުދާރީވާން ވަގުތު ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މައްސަލައިގެ ލިޔުންތަކަށް ބަލާއިރު މައްސަލަ ރައްދުވާ ފަރާތް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ލިއުންތަކުގައި ހިމެނޭ ޖަވާބާއި އަދި އެ ފަރާތުން ކޯޓުގައި އެދިފައިވާ ގޮތާއި މަޖިލިސް ތަމްސީލްކޮށްދޭ ބަންޑާރަ ނައިބުގެ ފަރާތުން ފޮނުވާފައިވާ ޖަވާބާ ދެމެދު ތަފާތުތަކެއް ހުންނަ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މި މައްސަލައަކީ އިޖުރާއީގޮތުން ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ކަމަށް ދިމޮކްރެޓްސްއިން ނުދެކޭތީ އެކަމަށް ޝަރީއަތުގައި ވަކާލާތު ކުރަން ބޭނުން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުގެމަތިިން އެ މައްސަލައަށް ޖަވާބުދޭން ތައްޔާރު ވުމަށް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ފުރުސަތު ދިނުމަށް ވަކީލު އެދިވަޑައިގެންނެވިއެވެ.

ވަކީލުގެ ވާހަކަތަކާ ގުޅިގެން މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، ސުޕްރީމް ކޯޓުގައި ތަދައްހުލުވުމަށް އޮންނަ އިޖުރާއަތަކީ ޒަމާނުއްސުރެ އަމަލު ކުރަމުން އަންނަ ގޮތެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި އަމަލު ކުރަމުން އަންނަ އިޖުރާއަތުގެ ބޭރުން ޑިމޮކްރެޓްސްއާ މެދު އަމަލު ކޮށްފައިނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މައްސަލައަށް ޖަވާބުދާރީ ވުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ދަންމާލުމާބެހޭ ގޮތުން ގޮތް ނިންމަވާނީ 12:30 ގައި ފަށާ، ޝަރީއަތުގެ ދެވަަނަ ދަންފަޅީގައި ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ. އެއަށްފަހު ފަނޑިޔާރު މައްސަލަ ކުރިއަށް ގެންދެވިއެވެ.

މައްސަލައިގައި ވާހަކަ ދެއްކުމަށް ހުރިހާ ފަރާތްތަކަށް ފުރުސަތު ދެއްވުމަށްފަހު ދެވަނަ ދަންފަޅީގައި، ޑެމޮކްރެޓްސްއަށް ވާހަކަ ދައްކަން ފުރުސަތު ދިނެވެ. ނަމަވެސް އެ ފަރާތުގެ ވަކީލު ވަނީ ޖަވާބުދާރީވާން ވަގުތު ދިނުމަށް ތަކުރާރު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ، މާދަމާ ހެނދުނު 9:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މައްސަލައިގެ އަޑުއެހުމުގައި އެ ފަރާތުގެ ޖަވާބު ހުށަހަޅުއްވާނެ ކަމަށެވެ. އަދި މިރޭ ސުޕްރީމް ކޯޓަށް ލިއުމުން ޖަވާބު ފޮނުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފަނޑިޔާރު މަހާޒް ވިދާޅުވީ، މި މައްސަލައިގައި ވަގުތު ބޭނުންވެ، އެކަން އެނގިތިބެ ވަގުތު ނުދެވުމަކީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން މާދަމާގެ ޖަލަސާގައި މައްސަލައާބެހޭ ގޮތުން ވާހަކަ ދެއްކުމަށް ޑިމޮކްރެޓްސްއަށް ފުރުސަތުދެއްވުމަށް ފަނޑިޔާރު ނިންމެވިއެވެ.

އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ، އެ ޕާޓީގެ 48 މެންބަރަކު ސޮއި ކުރައްވައި، ރައްޔިތުންގެ މަޖިލީހަަށް ހުށަހޅި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަަށް ނުގެންގޮސްގެންނެވެ. އެ މައްސަލަ ކުރިއަށް ނުގޮސްގެން އުޅެނީ އެމްޑީޕީ މެންބަރުންނާއި މަޖިލީހުގެ އަމީންއާއްމު ފާތިމަރު ނިއުޝާއާ ދެމެދު މަޖިލިސް ގަވާއިދު މާނަ ކުރުމުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެންނެވެ.

ހިޔާލު ތަފާތުވުން އުފެދިފައިވަނީ، މަޖިލިސް ރައީސް ވަކި ކުރުމާބެހޭ މައްސަލައިގައި، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާ ބެހޭގޮތުން މަޖިލިސް ގަވާއިދުގައި ހިމެނިފައިވާ މާއްދާތައް މާނަ ކުރުމުގައެވެ.

މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އެއްވެސް ކަމަކާ ގުޅިގެން އެއިން ބޭފުޅަކަށް ރިޔާސަތު ނުބެލެހެއްޓިއްޖެ ނަމަ ދެން ކަންތައް ކުރަންވީ ގޮތެއް އެ މާއްދާގައި ބުނެފައެއް ނުވެއެވެ.

އެހެންކަމުން މަޖިލީހުގެ އަމީންއާއްމު ނިންމަވާފައި ވަނީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށާއި އެނޫން ގޮތެއް ނޯންނާނެ ކަމަށެވެ.

ނަމަވެސް ހުސްވި އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ބަންދު ނޫން ކޮންމެ ދުވަހަކު މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރަމުން އައި ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ފޮނުއްވަމުން ގެންދަވާތީ، މަޖިލިސް ޖަލްސާ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

އެ މައްސަލައިގައި، އެމްޑީޕީ މެންބަރުން ދައްކަވަނީ، މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާއެވެ. އެ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ގާނޫނުއަސާސީގެ ދަށުން އެކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ.

އެހެންކަމުން އެމްޑީޕީ މެންބަރުން ވިދާޅުވަނީ، މަޖިލީހުގެ ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތަށް ވަޑައިނުގެންނެވިއްޖެނަމަ މި މާއްދާގައި ބުނާގޮތަށް، ރިޔާސަތު ބަލަހައްޓަވަން ކަނޑައެޅުއްވާފައި ތިއްބަވާ ފަސް މެންބަރުންގެ ތެރެއިން މެންބަރަކު ރިޔާސަތަށް ވަޑައިގެން ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އޭގެ އިތުރުން އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް މަޖިލިސް ރައީސް އާއި މަޖިލީހުގެ މެންބަރުންނަށް ދިނުމަށްފަހު، މަޖިލިސް ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރު މަޖިލިސް ޖަލްސާއަށް ހުށަހެޅުމަށްފަހު، އެވަގުތު މަޖިލީހަށް ހުށަހަޅާފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރާމެދު ގޮތެއް ނިންނުމަށްފަހުގައި ކަމަށް ވެސް މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނެފައިވާ މާއްދާވެސް އެމްޑީޕީ މެންބަރުން ސަމާލު ކަމަށް ގެންނަވައެވެ.

އެބޭފުޅުން ވިދާޅުވަނީ، އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް އިތުރު މައްސަލައެއް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް މި މާއްދާއިން ހާމަވާ ކަމަށެވެ. އެހެންކަމުން އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމެނީސް މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދިނުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ނިންމައިފައެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދަނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އެމްޑީޕީން ވަނީ އެމައްސަލަ ސުޕްރީމް ކޯޓަށްވެސް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި އެމްޑީޕީން ސުޕްރީމް ކޯޓުގައި ދެ ކަމަކަށް އެދިފައިވެއެވެ. އެއްކަމަކީ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 44 ވަނަ މާއްދާއަށް އަމަލުކުރުން، މަޖިލީހުގެ މައްޗަށާއި މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅުވައިދެއްވުމެވެ. ދެވަނަ ކަމަކީ ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމެވުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުވައި ދެއްވުމަށެވެ.