އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ ހުށަހަޅާ ހުށަހެޅުމާމެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމުމުގައާއި އެ ނިންމުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް އެންގުމުގައި ހިތްހަމަނުޖެހޭ ފަރާތަކުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލު ކަނޑައަޅައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް މަޖިލީހުން ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި، އެ މީހެއްގެ ހުށަހެޅުން ގަބޫލުކުރިކަން ނުވަތަ ގަބޫލުނުކުރާކަން، އިލެކްޝަންސް ކޮމިޝަނުން އެ މީހަކަށް ލިޔުމުން އަންގަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ ހުށަހަޅާ ހުށަހެޅުމާމެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމުމުގައާއި އެ ނިންމުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް އެންގުމުގައި ހިތްހަމަނުޖެހޭ ފަރާތަކުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލުވެސް ވަނީ މި ބިލުގައި ކަނޑައަޅައިފައެވެ.

އެގޮތުން އެ މައްސަލަތައް ކޯޓަށް ހުށަހެޅުމުގައި އަމަލު ކުރާނީ އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) އިން ފެށިގެން (ޅ)ގެ ނިޔަލަށް ހުރި އަކުރުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށާއި އިޖުރާއަތްތަކަށް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭ ގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމަށް ބޭނުންވާނަމަ ކަނޑައަޅާފައިވާ މުއްދަތު ގުނަން ފަށާނީ، އިލެކްޝަންސް ކޮމިޝަނުން، ޖަވާބު ދޭން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ފަސް ދުވަސް ހަމަވާ ވަގުތުން ފެށިގެންކަމުގައިވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްތީގު ކުރެއްވުމާ ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އެހެންވެ މި ގާނޫނަށް މިއަދުން ފެށިގެން ވަނީ އަމަލު ކުރަން ފަށައިފައެވެ.