ވިނަރެސް ފްލެޓްތަކުގެ ތެރެއިން ނުވިކި ހުރި ފްލެޓްތައް ވިއްކަން ހުޅުވާލިތަނާ ބައިގަޑިއިރު ތެރޭގަ ހުރިހާ ފުލެޓެއް ވިކި ހުސްވެއްޖެއެވެ.

އާބަންކޯއިން ވިނަރެސް ފުލެޓުތައް ވިއްކުމަށް ހުޅުވާލީ މިއަދު ހެނދުނު 10:00 ޖެހިއިރެވެ.

އާބަންކޯގެ މީޑިއާ އޮފިޝަލް އަލީ މަޝާރު "ވަން" އަށް މިއަދު ވިދާޅުވީ ވިއްކަން ހުޅުވާލީ 281 ފުލެޓު ކަމަށާއި އެ ހުރިހާ ފުލެޓެއްވެސް 30 މިނިޓުގެ ތެރޭގައި ވިކިފައިވާ ކަމަށެވެ.

"30 މިނިޓުގެ ތެރޭގައި ވަނީ ހުރިހާ ފުލެއް ވިކިފައި" އޭނާ ވިދާޅުވިއެވެ.

އާބަންކޯއިން މިއަދު ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވިނަރެސް މަޝްރޫއުން ފުލެޓް ގަތުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ގަތުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ މަރުހާލާތައް ނިންމައި އެ ފަރާތްތަކުން ފުލެޓް އިހުތިޔާރުކޮށް ނިމުމުން އަދި އެޕްލިކޭޝަން ދޫކޮށްލުމަށް އެދިފައިވާ ފަރާތްތަކުގެ އަދަދަށް ބެލުމަށްފަހުވެސް ބާކީ ފުލެޓުތަކެއް ނުވިކި ހުރި ފްލެޓްތަކެވެ.

މާލީ ގާބިލިއްޔަތުކަން ފުރިހަމަ ނުވާ ފަރާތްތަކާއި ޔުނިޓް އިހުތިޔާރު ކުރުމަށް ދައުވަތު ދިނުމަށްފަހު ވެސް ޔުނިޓް އިހުތިޔާރު ކުރުމަށް ހާޒިރުވެފައި ނުވާ ފަރާތްތަކުގެ ފޯމު ބާތިލުކޮށް ބާކީ ނުވިކި ހުރި ޔުނިޓުތައް ވެސް މިއަދު ވިއްކަން ހުޅުވާލާފައިވެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހަދަން ފެށި ވިނަރެސް ފުލެޓުގެ ތިން ކޮޓަރީގެ 1،344 އެޕާޓްމެންޓުގެ ތެރެއިން ގާތްގަނޑަކަށް 1،000 ފުލެޓަށް ހުޅުވާލީ މާލޭގެ ރަށްވެހިންނަށެވެ. އޭގެ އިތުރުން ގުޅިފަޅާއި ސީ ލައިފުން ފުލެޓް ގަތް މީހުންނަށާއި ހިޔާ ފްލެޓް ދޫކޮށްލި މީހުންނަށްވެސް ވިނަރެސް އިން ފްލެޓް ދިނެވެ. އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށްވެސް 100 ފްލެޓް ހާއްސަކުރިއެވެ.

800-900 އަކަފޫޓު ބޮޑުމިނުގެ ވިނަރެސް ފުލެޓުތައް ތަފާތު ދެ ގޮތަކަށް ގަތުމުގެ ފުރުސަތު ހުޅުވާލި އިރު، ފުރަތަމަ ގޮތަކީ ފްލެޓުގެ އަގުގެ 15 ޕަސެންޓް ޑައުންޕޭމެންޓުގެ ގޮތުގައި ދައްކައިގެން 20 އަހަރުގެ ތެރޭގައި ތަނުގެ އަގު އަދާކުރުމެވެ. ދެވަނަ ގޮތަކީ 20 ޕަސެންޓް ދައްކައިގެން އެޕާޓްމެންޓުގެ ކުލި 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ.

ވިނަރެސް ފްލެޓުތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ މީހުންނަށް އިންޓްރެސްޓް ރޭޓް ނުވަ ޕަސެންޓުން ހަ ޕަސެންޓަށް މިދިޔަ މަހު ކުޑަކޮށްފަ އެވެ. އެ ބަދަލާ އެކު، 25 އަހަރުގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް ފްލެޓް ގަންނަ މީހުންނަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ވަރު ކުޑަވެ އެވެ.