އަންނަ ޖެނުއަރީ މަހު ބާއްވާ މާލޭގެ މޭޔަރު ކަމުގެ ބައި-އިލެކްޝަންގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ނިންމަވައިފިއެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމަވައި، އާޒިމާ މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ، މާލޭ ސަރަހައްދު ހަގީގީ މާނައިގައި ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި ލާމަރުކަޒީ ގާނޫނުން ރާއްޖޭގެ ހިންގުން ބަދަލު ވިޔަސް، ރައްޔިތުންގެ ބޭނުންތަކަށް ބަދަލު ނާންނަ ކަމަށެވެ.
އާޒިމާ ވިދާޅުވީ، ކައުންސިލާއި މޭޔަރުގެ އޮފީހާއި ސަރުކާރާ ދެމެދު އޮތް ޖެއްސުންކުރުމާއި ޒުވާބުގެ ސަބަބުން މާލޭގެ ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ހިދުމަތްތައް މުޅިންހެން ހުއްޓިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ރައްޔިތުންގެ މުދަލާއި ގެދޮރުގެ ރައްކާތެރިކަމާއި ފުނި ޖެހެމުންދާ އިޖުތިމާއީ އަދި ސިއްހީ މައްސަލަތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
"މާލެއަކީ ހަގީގީ މާނައިގައި ދިވެހިރާއްޖޭގެ ވެރިރަށް ގޮތުގައި ތަރައްގީކުރެވޭނެ ގާބިލް، އެކަމަށް އެކަށޭނެ ތެދުވެރި ދިވެހި ދަރިއަކު މޭޔަރު ކަމަށް އިސްކުރުމަކީ ގްރޭޓާ މާލޭގެ ތަރައްގީއަށާއި ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތް ކަމުގައިވާނެ،" އާޒިމާ ވިދާޅުވިއެވެ.
އާޒިމާ އިތުރަށް އޭނާގެ މޭޔަރުކަމެއްގައި މިހާރު މާލޭގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ސްޓެރެޓިޖިކް ޕްލޭން ތަންފީޒުކުރައްވާނެ ކަމަށާއި މާލެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.
މާލޭގެ މޭޔަރުކަމުގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ މޭޔަރުކަމުގައި ހުންނެވި ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި ރާއްޖޭގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމުންނެވެ.
މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވެސް ވަނީ ރަސްމީކޮށް އިއުލާނުކުރައްވައިފައެވެ. އަދި ބައެއް އެހެން ބޭފުޅުންވެސް ވަނީ އެ ކަމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު