އިންތިގާލީ މަރުހަލާގައި ކުރިއަށްގެންދާ ފައިސާގެ އާ މުއާމަލާތްތަކުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބެލުމުގެ ފުރުސަތު އޮންނާނެ ކަމަށް އިންތިގާލީ އޮފީހުން ބުނެފިއެވެ.

އިންތިގާލީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި އިންތިގާލީ މަރުހަލާއަކީ އާ ސަރުކާރަކަށް ދައުލަތުގެ ކަންކަން ހަވާލުކުރާ މަރުހަލާއަކަށް ވުމުން، ސަރުކާރުން ކަންކަން ކުރިއަށް ގެންދަން ވާނީ އާ ސަރުކާރުގެ މަސައްކަތްތަކަށް ކަންކަން ފަހިވާނެ ގޮތެއްގެ މަތީން ކަމަށެވެ.

"ކަން މިހެން އޮތް ހިނދު، ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭ ގޮތުން، ވިޔަފާރީގެ މުޅިން އާ މުއާމަލާތްތައް މި މަރުހަލާގައި ފެށުމާއި، މި ފަދަ މުއާމަލާތްތަކާއި އެއްބަސްވުންތައް އަވަސްއަރުވާލައިގެން ނިންމުމަށް މަސައްކަތްކުރުމަކީ، އެ ކަންކަމުގައި ކޮރަޕްޝަން އެކުލެވިގެންވާކަމަށް ބެލުމުގެ ޖާގަ އޮންނާނެ ކަންތައްތަކެއް" އިންތިގާލީ އޮފީހުން ބުންޏެވެ.

އަވަސް އަރުވާލައިގެން ކުރިއަށް ގެންގޮސްފައިވާ އެފަދަ ކަންކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކޮށްފައިވާ ނަމަ ގާނޫނީ ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އިންތިގާލީ ރައީސްގެ އޮފީހުގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން އިންތިގާލީ މަރުހަލާގައި ދައުލަތުގެ ހަރުމުދަލާއި ފައިސާއާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގަވާ ވިޔަފާރިވެރިންނާއި އެންމެހާ ރައްޔިތުން، ގާނޫނީ އިންތަކުގެ ތެރެއިން އެ ފަދަ މުއާމަލާތްތައް ކުރުމަށް އިންތިގާލީ އޮފީހުން ވަނީ އެދިފައެވެ. އަދި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުން ވެސް ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް އެދޭކަމަށް ބުންޏެވެ.

އެ ފަދަ މުއާމަލާތްތައް އަވަސްއަރުވާލައިގެން ނިންމުމަށް މަސައްކަތްކުރުމުގެ ބަދަލުގައި، ރައްޔިތުންގެ ނިންމުމަށާއި އިންތިގާލީ މަރުހަލާގެ ރޫހަށް އިހުތިރާމުކޮށް، ކަމޭހިތުމަށް ގޮވާލާކަމަށް އިންތިގާލީ އޮފީހުން ބުންޏެވެ.