ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް-ޕީއެންސީގެ އަންހެން މެންބަރުންގެ ބައިވެރިވުން އިތުރުކުރުމަށް އެހީތެރިވެދެއްވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިޔަފާރިވެރިންގެ ކިބައިން އެދިވަޑައިގެންފިއެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބަކީ އަންހެނުންގެ ބައިވެރިވުން ކުރިން ނެތް ވަރަށް އޮންނަ މަޖިލީހަކަށް ވުމަކީ މުހިންމު ކަމެއް ކަމަށާއި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އަބަދު ހޮވަން ޖެހޭނީ ފިރިހެން ބޭފުޅުން ނޫން ކަމަށެވެ.

"އަޅުގަނޑު ވަރަށް އުފާވާނެ ކަމަކަށް ވާނެ، މިކަމުގައި ތިޔަބޭފުޅުން [ވިޔަފާރިވެރިން] ތެދުވެވަޑައިގެން އަންހެން ބޭފުޅުން، ކަމަށް ގާބިލު ތައުލީމީ އަންހެން ބޭފުޅުންނަށް އެހީތެރިކަން ދެއްވައިގެން ހިތްވަރު ދެއްވައިގެން ނެރެދެއްވައި ސްޕޮންސާ ކޮށްދެއްވައިގެން މަޖިލީހަށް ހޮއްވަވައި ދެއްވައިފިއްޔާ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ އަމާޒަކީ މަޖިލީހުގެ 20 ޕަސެންޓު އަންހެން ބޭފުޅުންނަށް ހާއްސަ ކުރުން ކަމަށެވެ. އެއީ 93 ގޮނޑީގެ ތެރެއިން 19 ގޮނޑި އެވެ.

"އެކަން ކުރުމުގައި 19 ބޭފުޅުން ސްޕޮންސާކޮށްދެއްވައިގެން މަޖިލީހަށް ވައްދައިދިނުން ވެގެންދާނީ ގައުމަށް ކޮށްދެވޭނެ ވަރަށް ބޮޑު ކަމަކަށް" މުއިއްޒު ވިދާޅުވިއެވެ

މުއިއްޒު އިތުރަށް ވިދާޅުވީ، މާނަވީ ގޮތެއްގައި ކޮށްދެވޭ މިފަދަ ކަންކަމުން ގައުމަށް ހަމަޖެހުން އަންނާނެ ކަމަށާއި އަބަދަށް ފަހަތަށް ފިޔަވަޅު އަޅާ ބަޔަކަށް ވެއްޖެނަމަ ގައުމަށް ދުވަހަކުވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.