އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެންޗެސްޓާ ޑާބީގައި މެންޗެސްޓާ ސިޓީން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު، މި ސީޒަނުގެ ފުރަތަމަ މެންޗެސްޓާ ޑާބީ ސިޓީން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ސިޓީގެ ފަރާތުން ހިތްގައިމު، ފަސޭހަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ޔުނައިޓެޑަށް މާ ބޮޑަށް ސިޓީގެ ގޯލަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ. ޔުނައިޓެޑަށް އުފެއްދުނީ މަދު ހަމަލާތަކެކެވެ.
މިރޭގެ ނަތީޖާއާއެކު އެންމެފަހުގެ ޗެމްޕިއަން ސިޓީން ތާވަލުގެ ތިންވަނައިގައި އޮތީ 10 މެޗުން 24 ޕޮއިންޓާއެކުގައެވެ. ސިޓީގެ މައްޗަށް ދެވަނައިގައި އޮތް އާސެނަލަށްވެސް 10 މެޗުން 24 ޕޮއިންޓް ލިބިފައިވާ އިރު، ދެޓީމުގެ ފަރަގަކީ ފައިދާ ގޯލުގެ ފަރަގެކެވެ. މިވަގުތު ދެ ޕޮއިންޓްގެ ލީޑަކާއެކު ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތީ ޓޮޓެންހަމްއެވެ. އެއީ 10 މެޗުން 26 ޕޮއިންޓާއެކުގައެވެ.
މިރޭ މެޗުން ބަލިވި ޔުނައިޓެޑް އޮތީ އަށްވަނައިގައެވެ. އެއީ 10 މެޗުން 15 ޕޮއިންޓާއެކުގައެވެ.
މިރޭގެ މެޗު ރަނގަޅަށް ފެށީވެސް ސިޓީންނެވެ. މެޗުގެ އަށްވަނަ މިނެޓުގައިވެސް ފިލް ފޮޑެންގެ ނުރައްކާތެރި ހަމަލާއެއް އަންދްރޭ އޮނާނާ މަތަކުރި އިރު، 24 ވަނަ މިނެޓުގައި ސިޓީއަށް ލިބުނު ޕެނަލްޓީއާއެކު އެޓީމުން ލީޑު ނެގިއެވެ. ރަސްމުސް ހޮޖުލްޑް، ރޮޑްރީއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީގައި ސިޓީއަށް ލީޑު ނަގައިދިނީ އާލިން ބްރައުޓް ހާލަންޑެވެ.
ހާލަންޑްގެ އެ ގޯލާއެކު ސިޓީ ހަމަ ޖެހިލައި ހަމަލާތައް އިތުރު ކޮށްފައިވެއެވެ. ޖެކް ގްރީލިޝް އާއި ފޮޑެންގެ ހަމަލާތައް ފެނިގެން ގޮސްފައިވާ އިރު، ޔުނައިޓެޑުން ހާފު ނިންމާލީ ނުރައްކާތެރި ހަމަލާއަކާ އެކުގައެވެ. ސްކޮޓް މެކްޓޮމިނީ އުފެއްދި ހަމަލާގައި، މަތިމަތިން ފޮނުވާލި ބޯޅަ މަތަކުރީ ސިޓީގެ ކީޕަރު އެޑަސަންއެވެ.
ދެވަނަ ހާފަށް ނުކުމެ، ސިޓީގެ ދެވަނަ ގޯލު ޖެހީވެސް ހާލަންޑެވެ. ހާލަންޑްގެ އެ ގޯލަކީ އަލްވަރޭޒްގެ ޕާހަކަށް އަރިމައްޗަށް ނުކުމެ، ބަނާޑޯ ސިލްވާ ނެގި ބޯޅައެއް ގޯލަށް ވައްދާލައިގެން ހާލަންޑް ޖެހި ގޯލެކެވެ. ތިންވަނަ ގޯލަކާއެކު ހާލަންޑް ހެޓްރިކް ހެދުމާ ގާތަށް ދެ ފަހަރަކު ޖެހިލި ނަމަވެސް، 80 ވަނަ މިނެޓުގައި ސިޓީގެ ތިންވަނަ ގޯލު ޖެހީ ފޮޑެންއެވެ.
ފޮޑެން، އެ ގޯލު ޖެހީ ރޮޑްރީގެ ބޯޅައެއްގައި އޮނާނާ މަތަކުރި ބޯޅައަކަށް ހާލަންޑް އަރައި، އޭނާ ހުސްކޮށްލާފައި ދިން ބޯޅައެއްގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު