ޕީޕީއެމް/ޕީއެންސީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރައާއި އެލަވަންސްގެ އިތުރުން ޕާޓީން ހާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އަންހެނުން ނެރުމަށް ހައްސަކޮށްގެން ތައްޔާރުކޮށްފައިވާ، "ކުރިއަށް އަންހެނުން" ޕޯސްޓަރާއެކު މިއަދު ކުރެއްވެވި ޓުވީޓެއްގައި މުއިއްޒު ވިދާޅުވީ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެވަޑައިގެން، ހޮވިގެން ދިއުމަކީ އެ މަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
މިގޮތުން، އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންސީ އާއި ކޯލީޝަން ޕާޓްނަރު ޕީޕިއެމުން ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން 20 ޕަސެންޓް ގޮނޑިއަށް އަންހެން ބޭފުޅުން ކުރިމަތިލައްވައި ހޮވުމަށް މަސައްކަތްކުރެއްވުމަށް ވެސް އެ މަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.
މަޖިލީހަށް ހޮވިވަޑައިގަންނަވާ އަންހެން މެންބަރުންނަށް ޕާޓީ އެލަވަންސް ހަމަޖައްސަން މަސައްކަތް ކުރައްވަނީ، އެކަމަށް ހިތްވަރު ދެއްވުމުމުގެ ގޮތުން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު