އިންގްލެންޑްގެ ތަރި ޖޫޑް ބެލިންހަމްގެ ތަފާތާއެކު ބާސެލޯނާ ބަލިކޮށް، ރެއާލް މެޑްރިޑުން ސީޒަނުގެ ފުރަތަމަ އެލް ކްލެސިކޯ ކާމިޔާބު ކޮށްފިއެވެ.
ބާސާ ދަނޑުގައި މިރޭ ކުޅުނު ސްޕެނިޝް ލީގު މެޗުގައި ރެއާލްއިން ބާސާ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ރެއާލްއިން ފަހަތުން އަރައި ކްލެސިކޯ ކާމިޔާބުކުރީ ބެލިންހަމްގެ މޮޅު ކުޅުމާއެކު، އޭނާގެ ދެ ގޯލާވެސް އެކުގައެވެ. ރޭގެ ކްލެސިކޯ އަކީ ބެލިންހަމްގެ ކެރިއަރުގެ ފުރަތަމަ ކްލެސިކޯއެވެ. އޭނާ މިހާތަނަށް ލީގުގައި 10 މެޗުން 10 ގޯލު ޖަހައިފައިވާ އިރު، ރެއާލްގެ ފެށުން ދަނީ ފުރިހަމަ ކޮށެވެ.
މިރޭގެ ފޯރިގަދަ މެޗުގެ ހަވަނަ މިނެޓުގައި އިލްކޭ ގުންޑޮގަން ވަނީ ބާސާއަށް ލީޑު ނަގައިދީފައެވެ. އެ ގޯލާއެކު ބާސައިން ފެށުން ރަނގަޅުކޮށް ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފަށް ނުކުމެ، ރެއާލްއިން ނަތީޖާ އަނބުރާލިއެވެ.
މެޗުގެ 68 ވަނަ މިނެޓުގައި ބެލިންހަމް ރެއާލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ، އޭރިއާ ބޭރުން ހާފުގެ މެދެއްހާ ހިސާބުން ޖެހި ބޯޅައެއް، ސީދާ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. އެ ގޯލާއެކު ރެއާލްއިން ހިތްވަރު ހޯދައި، މެޗުގެ ފަހު މިނެޓުގައި ތިން ޕޮއިންޓް ޔަގީންކުރިއެވެ.
އެ ގޯލުވެސް ޖެހީ އުމުރުން 20 އަހަރުގެ ބެލިންހަމްއެވެ. އެ ގޯލަކީ މި ސީޒަނުގައި މިހާތަނަށް ބެލިންހަމް ކުޅުނު ޖުމުލަ 16 މެޗުގައި ޖެހި 14 ވަނަ ގޯލެވެ. އެއީ ގައުމީ ޓީމަށް ޖެހި ގޯލުތައްވެސް ހިމެނިގެންނެވެ.
އެލް ކްލެސިކޯ ކާމިޔާބުކޮށް ރެއާލް ތާވަލުގެ އެއްވަނައިގައި އޮތީ 11 މެޗުން 28 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ޖިރޯނާއަށްވެސް 11 މެޗުން 28 ޕޮއިންޓް ލިބިފައިވާ އިރު، ދެޓީމުގެ ތަފާތަކީ ފައިދާ ގޯލުގެ ތަފާތެވެ. ބާސާ މިވަގުތު ތިންވަނައިގައި އޮތީ 11 މެޗުން 24 ޕޮއިންޓާއެކުގައެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ