ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި އިންނަވާ ޖަލްސާތައް ތަފާތެވެ. އެ ޖަލްސާތަކުގައި އެ މަނިކުފާނުގެ ނިންމެވުންތައް ވެސް ތަފާތެވެ. މެންބަރުންނަށް ދެއްވާ އިންޒާރުތަކާއި އަދަބުތައްވެސް ތަފާތެވެ. މަޖިލީހުގެ ގަވާއިދު ހިފެހެއްޓެވުމަށްވުރެ ބޮޑަށް އެ ޖަލްސާތަކުން ފާހަގަ ވާނީ މަޖިލިސް ރައީސްގެ ބާރުވެރިކަން ދެއްކެވުމުގެ ކަންތައްތަކެވެ.
މަޖިލިސް ރައީސްގެ ރިޔާސަތުގައި ވަކި ކަމަކާބެހޭގޮތުން މެންބަރުން ވާހަކަ ނުދެއްކެވުމަށް އަމުރު ކުރައްވާފައި އެބަހުއްޓެވެ. ތެދުވެވަޑައިނުގެން ގޮނޑީގައި އިންނެވުމަށް ނަސޭހަތްދެއްވާފައި އެބަހުއްޓެވެ. އެކި ކަންކަމާ ގުޅިގެން މެންބަރުންނަށް އިންޒާރު ދެއްވައި، އަދަބު ދެއްވާފައި ވެސް އެބަހުއްޓެވެ.
މަޖިލިސް ގަވާއިދުގެ 65 ވަނަ މާއްދާއަކީ މަޖިލިސް ރައީސްގެ އެންގެވުމަށް މެންބަރުން ކިޔަމަންވާބް ޖެހޭނެ ކަމަށާއި، އެ އެންގުންތަކަށް ކިޔަމަން ނުވެއްޖެ ނަމަ، އަޅަން ޖެހޭ ފިޔަވަޅުތައް ކަނޑައަޅާފައިވާ މާއްދާއެވެ.
އެ މާއްދާގައި ބުނާގޮތުން ގާނޫނު އަސާސީ އާއި މަޖިލިސް ގަވާއިދާ އެއްގޮތަށް މަޖިލިސް ރައީސް ކުރައްވާ ކޮންމެ އަމުރުފުޅަކަށް މެންބަރުން ފުރިހަމައަށް ކިޔަމަންވެވަޑައިގަންނަވާން ޖެހިވަޑައިގަންނަވާނެއެވެ. އަމުރަށް ކިޔަމަން ނުވެއްޖެނަމަ އޮންނަ ގޮތަކީ، ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ނަސޭހަތްދެއްވުމެވެ. އޭގެ ފަހުންވެސް ކިޔަމަން ނުވެއްޖެ ނަމަ ދެން ހަދަން ޖެހޭ ގޮތަކީ މެންބަރުގެ ނަން އިއްވަވައި، މަޖިލިސް ދޫކުރައްވައި ވަޑައިގަތުމަށް އެންގެވުމެވެ. ޖަލްސާ ދޫކުރައްވައި ވަޑައިގަތުމަށް މެންބަރު އިންކާރު ކުރައްވައިފިނަމަ އޮންނަ ގޮތަކީ، އެއީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ނެތް މެންބަރެއް ކަމަށް ބަލައިގެން ޖަލްސާ ކުރިއަށް ގެންދެވުމެވެ.
ނަމަވެސް ޖަލްސާއެއްގައި ނަން އިއްވެވުމަށްފަހު، އަދަބެއްގެ ގޮތުން، މަޖިލިސް މާލަމުގެ ފާރަށް މޫނު ލައްވައިގެން ކޮޅަށް ހުންނެވުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގަށް މަޖިލިސް ޖަލްސާއެއްގެ ތެރެއިން މަޖިލިސް ރައީސް ވަނީ އަންގަވައިފައެވެ. އަދި ޕްލޭނިންގް އެންޑް ހައުސިން މިނިސްޓަރު ހާޒިރުކޮށް ސުވާލު ކުރެއްވި ޖަލްސާއެއްގައި، މިނިސްޓަރު ދެއްވާ ޖަވާބާ ގުޅިގެން މެންބަރުންނަށްވުރެ ގިނައިން މަޖިލިސް ރައީސް ތަކުރާރުކޮށް މިނިސްޓަރާ ސުވާލު ކުރައްވާތީ އެކަމާ ޝަކުވާ ކުރެއްވުމުން، "މަޖިލީހުގައި ހުތުރުކޮށް ނޫޅޭނެ" ކަމަށް 100 ފަހަރު ލިޔަން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް އެންގެވިއެވެ. މަޖިލިސް ޖަލްސާގައި ކަށިގަނޑު ފުންމަވައި އަޑުގަދަ ކުރައްވާތީ، "ދެން ތިމަންނާ މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުމޭނަން" މިހެން 100 ފަހަރު ލިޔުއްވުމަށްވެސް މަޖިލިސް ރައީސް ޖަލްސާއެއްގައި މެންބަރު ތޯރިގަށް ވަނީ އަމުރު ކުރައްވައިފައެވެ. މި ބާވަތުގެ ވަރަށް ގިނަ ކަންކަން ހިނގާފައި އެބަހުއްޓެކެވެ.
ރިޔާސަތުގައި އިންނަވައިގެން ގަދަބަސް ވިދާޅުވުމަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާއްސަ ސިފައެވެ.
މަޖިލިސް ރައީސްކަމުގެ މަގާމުން ރައީސް ނަޝީދު ވަކިކުރުމަށް ޓަކައި 54 މެންބަރުންގެ ސޮޔާއެކު އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅީ، ޖޫން ހަތެއްގައެވެ. އެ ދުވަހާއި ހަމައަށް އެ މައްސަލައިގައި އެ މަނިކުފާނު ގެންދެވީ އިތުބާރު ނެތްކަމަށް ހުށަނޭޅޭނެ ކަމަށް ގަދަބަސް ވިދާޅުވަމުންނެވެ. އެކަމުގައި އުޅުއްވި ބޭފުޅުންނަށް މަލާމާތްވެސް ކުރައްވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވަމުން ގެންދެވީ، މަޖިލިސް މެންބަރުންގެ އިތުބާރު އެ މަނިކުފާނަށް އެބައޮތް ކަމަށާއި، މަޖިލިސް ރައީސްގެ މަގާމުން އެ މަނިކުފާނު ވަކި ނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ސޮއި ކުރެއްވީ މަދު މެންބަރުންތަކެއް ކަމަށާއި، މަޖިލިސް މެންބަރުންގެ ބޮޑު އަގުލަބިއްޔަތެއްގެ ތާއީދު އެ މަނިކުފާނަށް އޮތް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއެކު އެ މަނިކުފާނުގެ ރާގު ބަދަލުކުރައްވައި އެ މައްސަލައިގައި މެންބަރުންގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް އަޅުއްވައި އިންޒާރު ދެއްވަން ފެއްޓެވިއެވެ. އިތުބާރު ނެތްކަމުގެ މައްސަލައަށް ރައީސް ސޯލިހުގެ ރުހުން ހޯއްދެވުމަށް، އެ މައްސަލައިގައި ސޮއިކުރެއްވި ބައެއް މެންބަރުން ރައީސް ސޯލިހަށް ބިރު ދެއްކެވި ކަމާއި، އިތުބާރު ނެތްކަމުގެ މައްސަލައިގައި ބައެއް މެންބަރުން ރިޝްވަތު ހިއްޕެވިކަމަށްވެސް ނަޝީދު ތުހުމަތު ކުރެއްވިއެވެ.
އެހާ ގިނަ މެންބަރުން އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރައްވާފައިވާތީ، މަޖިލިސް ރިޔާސަތު ދޫކޮށްލައްވަން ޖެހިވަޑައިގެންފާނެތީ، ވަކި ހިސާބަކުން ރައީސް ނަޝީދު މާޔޫސްވެވަޑައިގެންނެވިކަންވެސް ފާހަގަވެގެންދިޔައެވެ. ވިދާޅުވަމުން ގެންދެވީ، އެ މަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ މައްޗަންގޯޅީ މެދު ދާއިރާ މަޖިލީހުގައި ތަމްސީލު ކުރެއްވުމަށް ކެތްމަދުވެފައިވާ ކަމަށެވެ.
"އަޅުގަނޑު ކެތްމަދުވެފައި ރިޔާސަތުގައި މި އިންނަނީ، އުއްމީދު ކުރެވެނީ މެދު ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެ ކަމަށް،"
މީގެ އިތުރުން އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް އެޖެންޑާކުރުމަށް އެ ފަހަރު ދިން 14 ދުވަހުގެ ނޯޓިސް ހަމަވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުންނަވާ ރަސްމީ ގެކޮޅު، މުރައިދޫގެއިން ނުކުންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ފުރަތަމަ ފަހަރުވެސް މަޖިލިސް "ޑެޑްލޮކް"އަކަށް ގޮސް، އެ މައްސަލަ ކުރިއަށްދާނެ ގޮތެއް ނުވިއެވެ.
އުޒުރަކަށް ދެއްކެވީ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް ހުއްޓިފައި އޮތުމެވެ. އެ ކޮމިޓީތަކުގެ މަސައްކަތް ހުއްޓާލަން އެންގެވީވެސް މަޖިލިސް ރައީސެވެ. އެއީ މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުން ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ދަފުތަރާއި އެއްވެސް ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ އަދަދަށް އައި ބަދަލާ ގުޅިގެންނެވެ. ދާއިމީ ކޮމިޓީތައް އެކުލަވައިލާން ޖެހެނީ، ސިޔާސީ ޕާޓީތަކާއި އަމިއްލަ މެންބަރުން މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ނިސްބަތުން، މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ގެންގޮސް ފާސްކޮށްގެންނެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން، އިތުބާރު ނެތް މައްސަލަތަކުގެ ގަރާރެއް ހުށަހެޅުމުން މެންބަރުން ބަހުސްކުރައްވަން ދެވޭ ވަގުތު ފާސްކުރާނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ އާންމު ކޮމެޓީންނެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން، ދާއިމީ ކޮމިޓީތަކަށް އަންނަ ބަދަލެއް މަޖިލިސް ތަޅުމުން ފާސްކުރަންދެން އޭގެ ކުރިން އެކުލަވައިލައިފައިވާ ދާއިމީ ކޮމެޓީތައް ދެމިއޮންނާނެ އެވެ. ނަމަވެސް ގަވާއިދުގެ އެބަޔަށް އަމަލުކުރައްވައި އިތުބާރުނެތްކަމުގެ މައްސަލަ މަޖިލިސް ތަޅުމަށް އަންނާނެ ގޮތަށް އަމަލު ކުރައްވާކަށް މަޖިލިސް ރައީސަކަށް ކެރިވަޑައެއް ނުގެންނެވިއެވެ. އޭގެ ބަދަލުގައި އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނަގަންދެން، މަޖިލީހުގެ ރިޔާސަތު ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާ ހަވާލު ކުރެއްވުމަށްފަހު އެމަނިކުފާނު ހުންނެވީ، ރިޔާސަތުން އެކަހެރިވެވަޑައިގެން ނިވަލުގައެވެ. އެ ހިސާބުން މަޖިލިސްވެސް ދިޔައީ ދެވަނަ ދައުރުގެ ޗުއްޓީއަށެވެ.
އޯގަސްޓް 21 ގައި ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު ފެށުމާއެކު، މަޖިލިސް ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށް އެމްޑީޕީން އޮތީ ނިންމައިފައެވެ. އެ ނިންމުމާ ގުޅިގެން އިތުބާރު ނެތްކަމަށް ސޮއި ކުރެއްވި މެންބަރުން ސޮއި އަނބުރާ ގެންދެވުމާ ގުޅިގެން ސެޕްޓެމްބަރު 11 ވަނަ ދުވަހު، އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީން އަނބުރާ ގެންދިޔައެވެ.
އެ މައްސަލަ ގެންދިއުމާއެކު، ކުރިއަށްވުރެވެސް ބާރު ސްޕީޑުގައި މަޖިލިސް ރައީސް މަސައްކަތްތައް ފެއްޓެވިއެވެ. ކޯރަމް ހަމަނުވެގެން ޖަލްސާ ނިންމަވައިލެއްވުމުގެ ބަދަލުގައި، ކޯރަމް ހަމަވާއިރެއް ބައްލަވައިގެން ޖަލްސާތައް ކުރިއަށްގެންދެވިއެވެ. އެގޮތުން މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވައިލުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންގޮސް 20 ސެޕްޓެމްބަރުގައި މަޖިލިސް ތަޅުމުން ދާއިމީ ކޮމިޓީތައް ފާސްކުރިއެވެ.
ހަމަ އެއާއެކު ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ނަގާ ވޯޓުގެ މައްސަލަވެސް މަޖިލިސް ތަޅުމަށް ގެންގޮސް އަވަސް އަރުވާލައިގެން ފާސްކުރިއެވެ. ހުސްވި ސެޕްޓެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން، ނިޒާމީ ވޯޓު ނަގަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމުކޮށް އެ މައްސަލަ މަޖިލީހަށް ހުށަހެޅި ޖަލްސާއިން އެންމެ ދެދުވަސްމަތިން، ސެޕްޓެމްބަރު 19 ގައި ފާސްކުރީވެސް އެކަން ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ގޮވަމުން ދަނިކޮށެވެ. އެވެސް މަޖިލީހުގެ ގަވާއިދާ ހިލާފަށެވެ. އެންމެ ފަހުން އެކަން އެގޮތަށް ނުކުރެވޭނެކަން އެނގިވަޑައިގަތުމުން، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފަސް އަހަރުގެ ދައުރެއް ދޭން ޖެހޭނެކަމަށް ވިދާޅުވެ ނިޒާމީ ވޯޓުގެ ކަންތައް ކުރިއަށް ނުގެންދަވަން މަޖިލިސް ރައީސް ނިންމެވިއެވެ.
އަނެއްކާވެސް 49 މެންބަރުންގެ ސޮޔާއެކު މިމަހު ނުވައެއްގައި އެމްޑީޕީން ދެވަނަ ފަހަރަށް މިވަނީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފައެވެ.
ކުރީންވެސް ކަންތައް ކުރިއަށްދިޔަ ގޮތަށް، އެ މައްސަލަ ހުށަހެޅުމާއެކު މަޖިލިސް ރައީސް ވަނީ ނިވަލަށް ވަޑައިގެންފައެވެ. އެ މައްސަލަ ހުށަހެޅި ފަހުން މަޖިލިސް ތެރެއަކުން އެމަނިކުފާނެއް ނުފެނެއެވެ. ރިޔާސަތަށް ވަޑައެއްނުގަންނަވައެވެ. ނަމަވެސް އެ މަނިކުފާނު މިފަހަރު ވަޑައިގެންނެވީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲގެ ނިވަލަށެވެ. ކުރީ ފަހަރާ ހިލާފަށް މި ފަހަރު މިވަނީ، އިތުބާރުނެތްކަމުގެ މައްސަލަ ކޮމެޓީންވެސް ނިންމައިފައެވެ. ނޯޓިހުގެ މުއްދަތު ހަމަވެ މިއަދު އޮންނަ މަޖިލިސް ޖަލްސާއަށްވެސް އެޖެންޑާ ކޮށްފައެވެ. މަޖިލިސް ގަވާއިދު ބުނާގޮތުން މި މައްސަލަ ކުރިއަށްގެންދަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބަލަހައްޓަވާ ޖަލްސާއެއްގައެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާ އޮތީ ސުވާލުމާކެއްގެ ތެރޭގައެވެ.
އިތުބާރު ނެތްކަމަށް ހުށަހަޅާ ކޮންމެ ފަހަރަކު، ކޮންމެވެސް ބޭފުޅެއްގެ ނިވަލަށް ވެދެވަޑައިގެން މަޖިލިސް ރައީސް ފިއްލަވާކަމަށް ތުހުމަތު ކުރެވެއެވެ. މަޖިލިސް ޖަލްސާގައި އެ ދައްކަވާ ބާރުވެރިކަމާއެކު، އިތުބާރު ނެތްކަމުގެ މައްސަލައަށް ކުރިމަތިލައްވަން ކެރިވަޑައިނުގަންނަވާކަން ހާމަވެއެވެ. އެހެންކަމުން މަޖިލިސް ޖަލްސާގެ ރިޔާސަތުގައި ވަރުގަދަ އިންޒާރުތަކާއި ގަދަބަސްވިދާޅުވި ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލައާ ޖެހޭ ކޮންމެ ފަހަރަކު މަޖިލިސް ރައީސް ފެންނަނީ ސައިޒް ވެފައި ހުންނަވާތަނެވެ. ފެންނަނީ ފިނޑި ސިފަފުޅުތަކެވެ. ސިޔާސީ ގޮތުން ތަސައްރުފު ނުފުދޭ އަމަލުފުޅުތަކެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް