އިންޑިއާގައި ކުރިއަށްދާ އައިސީސީ މެންސް ކްރިކެޓް ވޯލްޑް ކަޕްގައި އިއްޔެ ސްރީ ލަންކާ ކައިރިން ބަލިވެ، އެންމެފަހުގެ ޗެމްޕިއަން އިންގްލެންޑުން މުބާރާތުގެ ސެމީ ފައިނަލަށް ނުގޮސް، ކެޓުމާ ގާތަށް ޖެހިލައިފިއެވެ.

ބެންގަލޫރުގެ ޗިންނަސްވާމީ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގައި ލަންކާއިން އިންގްލެންޑް ބަލިކުރީ އަށް ވިކެޓުންނެވެ. އެ ބައްޔާއެކު އިންގްލެންޑަށް ދެން ސެމީއަށް ދެވެން އޮތީ ވަރަށް ހަނި ފުރުސަތެކެވެ. އެއީ ބާކީ އޮތް ހުރިހާ މެޗަކުން ބޮޑު ތަފާތަކުން މޮޅުވެ، އެހެން ޓީމުތަކުގެ ނަތީޖާއަށްވެސް ބަރޯސާ ވެގެންނެވެ. މިވަގުތު ހުރިހާ މެޗަކުން މޮޅުވެފައި އޮތް ހޯމް ގައުމު، އިންޑިއާއާ ދެކޮޅަށްވެސް އަދި އިންގްލެންޑުން ލީގު ބުރުގައި ކުޅެން ޖެހެއެވެ.

މިހާތަނަށް ކުޅުނު ފަސް މެޗުން އެންމެ ދެ ޕޮއިންޓާއެކު އިންގްލެންޑް އޮތީ ނުވަ ވަނައިގައެވެ. އެއީ ފުލުގައި އޮތް ނެދަލޭންޑްސްއަށްވެސް ޕޮއިންޓް ލިބިފައި އޮތް ވަރެވެ. ލަންކާ އިއްޔެ ހޯދި މޮޅާއެކު އެޓީމުން ފަސްވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކުގައެވެ. އޮސްޓްރޭލިއާއިން ހަތަރު ވަނައިގައި އޮތީ ފަސް މެޗުން ހަ ޕޮއިންޓާއެކުގައެވެ. އެހެންކަމުން ލަންކާއަށް އަދި ސެމީގެ ފުރުސަތު އެބައޮތެވެ.

އިއްޔެގެ މެޗުގައި އިންގްލެންޑަށް ޓޮސް ދިމާވުމުން ބެޓް ކުރަން ނުކުމެ، 33.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ އެންމެ 156 ލަނޑެވެ. ލަންކާގެ ލަހިރު ކުމާރާ މެޗުގައި ތިން ވިކެޓް ނެގި އިރު، އެންޖެލޯ މެތިއުސް ދެ ވިކެޓް ނެގިއެވެ. އިންގްލެންޑަށް އެންމެ ރަނގަޅަށް ބެޓް ކުރި ބެން ސްޓޯކްސްއަށް ހެދުނީ 73 ބޯޅައިން 43 ލަނޑެވެ.

ބަދަލުގައި ލަންކާއިން ކުޅެން ނުކުމެ، 25.4 އޯވަރުގެ ތެރޭގައި 160 ލަނޑު ހަމަކޮށްފައިވާ އިރު، ނުބައިވީ ދެ ކުޅުންތެރިންނެވެ. އެންމެ ރަނގަޅަށް ބެޓް ކުރީ ޕަތުމް ނިސަންކާއެވެ. އޭނާ ވަނީ 83 ބޯޅައިން ނުބައި ނުވެ، 77 ލަނޑު ހަދައިފައެވެ.