ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ރާއްޖޭން ބޭރުން ލިބޭ ފައިސާ ނަހަމަ ގޮތުގައި އަމިއްލަ މަންފާ ހޯދަން ބޭނުންކުރާ މައްސަލައިގެ ތަހުގީގަށް އެފްއޭއެމް ހައުސް ބަލައި ފާސްކުރީ ޒާތީ ބޭނުމެއްގައި ހާލަތުގެ ފައިދާ ނަގަން ކުރަމުންދާ މަސައްކަތެއްގެ ތެރެއިން ކަމަށާއި އެއްވެސް ފައިސާއަކަށް ހިޔާނާތްތެރިވެފައި ނޯންނާނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިދިޔަ ހަފުތާގައި އެފްއޭއެމްއަށް ވަނީ އެ އެސޯސިއޭޝަންގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ހެކި ހޯދުމަށެވެ. އެ ތަހުގީގު ހިންގަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިގެން ކަމަށް ފުލުހުން ބުނެއެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ މުއައްސަސާތައް ހިންގުމަށް ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ ގާނޫނާ ހިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް މަގުފަހިވާ ގޮތަށް ބޭނުންކުރެވޭ ކަމުގެ ތުހުމަތެއް އޮތުމަޖީ ޕްރޮސެކިއުޓާ ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އެކަމަށް ޖަވާބުދާރީވުމަށް މިއަދު އެފްއޭއެމްއިން ބަޔާނެއް ނެރެފައިވާ އިރު، އެ ބަޔާނުގައި ބުނެފައި ވަނީ ފުލުހުންގެ ތަހުގީގު ހިނގަމުންދާކަން، އޭއެފްސީއާއި ފީފާގެ ސަމާލުކަމަށްވެސް ގެނެސްފައިވާ ކަމަށެވެ. އަދި އެ ދެ އިދާރާގެ އެންގުމަކީވެސް ގާނޫނީ އިމުގެ ތެރެއިން ތަހުގީގު ގެންދިއުން ކަމަށްވެސް އެފްއޭއެމްއިން ބުނެފައިވެއެވެ.

ފައިސާގެ ހިޔާނާތުގެ ވާހަކަތަކަށް ރައްދު ދެމުން އެފްއޭއެމުން ބުނީ ފީފާގެ ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ދޫކުރާ ފައިސާއާއި އޭއެފްސީގެ އެންހޭންސް މެމްބަރު އެސޯސިއޭޝަން ޕްލޭންގެ ދަށުން ދޫކުރާ ފައިސާއަކީ ދެފުށްފެންނަ ޓްރޭސް ކުރެވޭނެ މިންގަނޑުތެރޭގައި ބޭނުން ކުރެވޭ ފައިސާކަން ކަށަވަރު ކުރުމަށް ކޮންމެ އަހަރަކު އޮޑިޓް ކުރެވޭ އެހީތަކެއް ކަމަށެވެ. އަދި އެކަންކަމަކީ ފީފާގެ ގަވަނަސްސް އޮޑިޓް އެންޑް ކޮމްޕްލައިންސް ކޮމީޓަކުން ވިލަރެސް ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ކަމަަށްވެސް އެފްއޭއެމްއިން ފާހަގަކޮށްފައިވެއެވެ.

އެފްއޭއެމުން ބުނީ އެ އިދާރާއަށް ލިބިފައިވާ އެއްވެސް ފައިސާއަކަށް އެއްވެސް ގޮތަކަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށާއި އެކަމަށް ކުރެވޭ ތުހުމަތުތަކަށް ކެރިގެން ކުރިމަތިލާނެ ކަމަށެވެ. އަދި އެ އިދާރާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކީ "އަމިއްލަ މަސްލަހަތާއި ޒާތީ ބޭނުމަށް ހާލަތުގެ ފައިދާނެގުމުގެ ބޭނުމުގައި" ކުރާ ކަންކަން ކަމަށް އެފްއޭއެމުން ސިފަކޮށްފައިވެއެވެ.

އެ ބަޔާނުގައި މިއަދު އެފްއޭއެމްއިން ފާހަގަކުރީ ފުލުހުން ބަލާ ފާސްކުރުމަށް ކުރި މަސައްކަތުގައި އިދާރާގެ ސާވާ ބެކަޕް، ހާޑް ޑިސްކްގެ އިތުރުން ލިޔެކިޔުންތައްވެސް ގެންގޮސްފައިވާ ކަމަށެވެ. އެހެންކަމުން އިދާރާގެ ދަށުން ހިންގަމުންދާ ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކަށް ބުރުއަރާފައިވާ ކަމަށާއި މިހާރު އޮތް ހާލަތުން ރާއްޖޭގެ ފުޓްބޯޅަ ލީގާއި ރޭވިފައި ހުރި އެހެން މުބާރާތްތައްވެސް ކުރިއަށް ގެންދިޔުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ބުންޏެވެ.

އެފްއޭއެމްއިން އަވަހަށް ތަހުގީގު ނިންމައިދިނުމަށް އެދިފައިވާ އިރު، އެ އިދާރާއިން ބުނީ ފީފާއާއި އޭއެފްސީގެ ލަފާގެ މަތިން ތަހުގީގަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.

އެފްއޭއެމްއަށް މަނީ ލޯންޑަރިން ފަދަ ސީރިއަސް ބޮޑު ތުހުމަތެއް ކޮށްފައިވާއިރު، އެ އިދާރާގެ މުއައްޒަފުންނަށް މުސާރަ ނުދީ އެތައް މަހެއް އެބަ އޮތެވެ. އަދި އިދާރާގެ ވެރިންނަށް ކްލަބުތަކުގެ އިތުބާރުވެސް ދަނީ ގެއްލެމުންނެވެ.