މި ފަހަރުގެ ބެލޮންޑިއޯ ލިބެން ޖެހޭނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ކަމަށާއި އެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށް ބްރެޒިލްގެ ލެޖެންޑަރީ ފޯވަޑް، ރޮނާލްޑޯ ބުނެފިއެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަތްވަނަ އަހަރާއި 2002 ވަނަ އަހަރު ބެލޮންޑިއޯ ހޯދި ބްރެޒިލްގެ ތަރި ރޮނާލްޑޯ ބުނީ މި އަހަރުގެ ބެލޮންޑިއޯ ހައްގުވަނީ މެސީއަށް ކަމަށާއި މެސީގެ ވޯލްޑް ކަޕުން އެކަނިވެސް އެކަން ފެނިގެންދިޔަ ކަމަށެވެ.

"ބެލޮންޑިއޯ ލިބެން ޖެހެނީ މެސީއަށް. އެކަމަކާ އެއްވެސް ޝައްކެއްވެސް ނެތް. އެހެން އެއްވެސް ގޮތެއްވެސް އެކަމުގައި ނެތް،" ބްރެޒިލާއެކު 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދި ރޮނާލްޑޯ ބުންޏެވެ.

މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި މެސީ އާދަޔާހިލާފު ކުޅުމެއް ދައްކައި، މުބާރާތުގެ ރަން ބޯޅަ ހޯދާފައިވާއިރު، ނޮކްއައުޓް ގިނަ މެޗުތަކެއްގައި މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ މެސީއެވެ. މީގެ ކުރިން ރެކޯޑް ހަތް ފަހަރު މެސީ ބެލޮންޑިއޯ ހޯދާފައިވާ އިރު، މެސީ 2022 ވަނަ އަހަރު ގަތަރު ވޯލްޑް ކަޕާއެކު ކެރިއަރުގެ ތަށިތައް ފުރިހަމަ ކުރުމުން ގިނަ ބައެއްގެ ތައުރީފު ވަނީ އޮހިގެން ގޮސްފައެވެ.

"މެސީ، މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި ދެއްކި ކުޅުމަކީ އާދަޔާ ހިލާފު ހާއްސަ ކަމެއް. އެ ވޯލްޑް ކަޕުން އަހަރެންގެ ހަދާނަށް އައީ މަރަޑޯނާއާއި ޕެލޭގެ ލެޖެންޑަރީ ވޯލްޑް ކަޕްތައް. އެއީ އާދަޔާހިލާފު ކުޅުންތެރިންނަށް ކުރެވޭނެ ކަންކަން،" ރޮނާލްޑޯ ބުންޏެވެ.

ހަބަރުތައް ބުނާ ގޮތުގައި މެސީއަށް މިހާރު ވަނީ އަށްވަނަ ވޯލްޑް ކަޕެއް ޔަގީންވެފައެވެ. އެގޮތުން އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯވެސް ވަނީ މެސީއަށް ބެލޮންޑިއޯ ލިބޭނެކަން ޔަގީންކޮށްދީފައެވެ. މި އަހަރުގެ ބެލޮންޑިއޯ ހަފުލާ އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުގެ ރޭގައެވެ.