ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލުން ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.
ޔުނައިޓެޑުން ރޭ އަމިއްލަ ދަނޑުގައި އެފްސީ ކޯޕަންހޭގަން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ޔުނައިޓެޑަށް ވަނީ ހަމަޖެހުމެއް ލިބިފައެވެ. އެއީ ރޭގެ ކުރިން ކުޅުނު ދެމެޗުންވެސް ބަލިވެފައި އޮތުމުން، އަނެއް ބުރަށް ދިޔުމުގެ އުންމީދެއް ހޯދުމަށް ރޭގެ މެޗުން މޮޅުވާން މަޖުބޫރު ވެފައި އޮތުމުންނެވެ.
ޔުނައިޓެޑް ހިމެނޭ ގްރޫޕްގެ އެއްވަނައިގައި ބަޔާން މިއުނިކް އޮތީ ތިން މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ގަލަޓަސަރާއީ އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. ޔުނައިޓެޑް މިހާރު ތިންވަނައިގައި އޮތީ ތިން މެޗުން ތިން ޕޮއިންޓާއެކުގައެވެ.
ސާ ބޮބީ ޗާލްޓަންގެ ހަނދާން އާކުރުމާއެކު ރޭ ފެށި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިފައިނުވާ އިރު، ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ހަމަލާތައް މަދުކޮށް ފުރަތަމަ ހާފު ފެނުނު އިރު، ޔުނައިޓެޑްގެ ހަމައެކަނި ގޯލު ފެނިގެން ދިޔައީ 72 ވަނަ މިނެޓުގައެވެ.
އެ ގޯލު ޖެހީ ހެރީ މެގުއާއެވެ. ޔުނައިޓެޑްގައި އުނދަގޫ ދުވަސްތަކެއް ހޭދަކުރަމުންދާ މެގުއާ ޖެހި އެ ގޯލަކީ މިދިޔަ އަހަރު ފެބްރުއަރީ މަހު ފަހުން އޭނާ ޔުނައިޓެޑަށް ޖަހައިދިން ފުރަތަމަ ގޯލެވެ. މި ފަހަކަށް އައިސް މެގުއާގެ ކުޅުން ރަނގަޅު ކޮށްފައިވާ އިރު، މިދިޔަ ސީޒަންގައި ކެޕްޓަން ބޭންޑްގައި ކުޅުނު މެގުއާގެ ކުޅުން ދަށްވެ، މި ސީޒަނަށް އޭނާ އަތުން ކެޕްޓަން ބޭންޑް އަތުލާފައިވެސް ވެއެވެ.
ޔުނައިޓެޑުން މޮޅުވާން ދަނިކޮށް، ސްކޮޓް މެކްޓޮމިނޭ ކޯޕަންހޭގަންގެ މުހައްމަދު އެލްޔޫނުސީއަށް ކުރި ފައުލަކަށް ރެފްރީ ޕެނަލްޓީ ދީފައިވާ އިރު، ޖޯޑަން ލާސަން ޖެހި ޕެނަލްޓީ ފަހު މިނެޓުގައި މަތަކުރީ ކީޕަރު އަންދްރޭ އޮނާނާއެވެ.
އޮނާނާ މި ސީޒަނަށް ޔުނައިޓެޑަށް ބަދަލުވެފައިވާ އިރު، މިދިޔަ ދުވަސްތަކުގައި އޭނާއަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެ، ސަޕޯޓަރުންގެ ނުރުހުންވެސް އަމާޒުވެފައިވެއެވެ. އެއީ ޔުނައިޓެޑްގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ހެދި ގޯސްތަކުގެ ސަބަބުންނެވެ. ރޭގެ މެޗާއެކު މެގުއާއާއި އޮނާނާއަށްވަނީ ހިތްހަމަ ޖެހުމެއް ލިބިފައެވެ.
އާސެނަލުން ގްރޫޕް ބީގެ އެއްވަނައަށް ޖެހިލީ ރޭ ސެވިއްޔާގެ ދަނޑުގައި 2-1 އިން މޮޅުވެގެންނެވެ.
މެޗުން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. ލެންސް ދެވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓާއެކުގައެވެ. ސެވިއްޔާ ހަތަރު ވަނައަށް ވެއްޓިފައިވާ އިރު، އެ ޓީމަށް ތިން މެޗުން ލިބިފައި ވަނީ ދެ ޕޮއިންޓެވެ. ޕީއެސްވީ ފުލުގައި އޮތީވެސް ތިން މެޗުން ދެ ޕޮއިންޓާ އެކުގައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް އާސެނަލްގެ ގެބްރިއަލް މާޓިނެލީ ލީޑު ނެގީ ކައުންޓާ އެޓޭކެއްގައި ކުރިއަށް ޖެހި، ގޯލްކީޕަރު ކައިރިންވެސް ނައްޓާލާފައި ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، ގެބްރިއަލް ޖީސަސްގެ ހިތްގައިމު ގޯލަކާއެކު އާސެނަލުން ލީޑު ފުޅާކުރި އިރު، ސެވިއްޔާގެ ހަމައެކަނި ގޯލު ޖަހައިދިނީ ނެމަންޖާ ގުޑޭޖެވެ.
ޖީސަސް ރޭގެ މެޗުގައި މޮޅެއް ކުޅެ ގޯލު ޖެހި އިރު، 81 ވަނަ މިނެޓުގައި އޭނާއަށް އަނިޔާވެ ބާލަން ޖެހުންވީ މާޔޫސް ކަމަކަށެވެ. އާސެނަލުން ބުނެފައި ވަނީ ޖީސަސްގެ އަނިޔާގެ ތަފްސީލު އެނގޭނީ ސްކޭންތަކަށް ފަހުގައި ކަމަށެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު