އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށް، އިންޑިއާގެ އޮޑިޝާ އެފްސީން ފުރަތަމަ މޮޅު ހޯދައިފިއެވެ.

ބުބަނޭޝްވާރުގައި މިއަދު ކުޅުނު މެޗުގައި އޮޑިޝާއިން މާޒިޔާ ބަލިކުރީ 6-1 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗަށް ނުކުތް އިރު، އޮޑިޝާއިން ގްރޫޕް ސްޓޭޖުގައި ކުޅެފައި އޮތް ދެމެޗުން ބަލިވެފައި އޮތުމުން މިއަދުގެ މެޗުވީ ކުރިއަށްދާން މޮޅުވާން މަޖުބޫރު މެޗަކަށެވެ. މާޒިޔާއިން މިއަދުގެ މެޗުގެ ކުރިން ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައި އޮތް އިރު، އެއީ އަމިއްލަ ދަނޑުގައި ބަޝުންދަރާ ކިންގްސް ކައިރިން ހޯދި މޮޅެކެވެ. މީގެ ކުރިން އިންޑިއާގެ މޯހަން ބަގާނާ ދެކޮޅަށް އެގައުމުގައި ކުޅުނު މެޗުން މާޒިޔާ ބަލިވެފައި އޮތީ ފަހުވަގުތު އެޓީމުން ޖެހި ގޯލުންނެވެ.

މިއަދުގެ މެޗަށް މާޒިޔާއިން ނެރުނު ފުރަތަމަ 11 ގައި ގައުމީ ޓީމުގެ ކެޕްޓަން، އަދި އެޓީމުގެ ކެޕްޓަން ސަމޫހު އަލީ ހިމެނުނު އިރު، ކުރިން ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒް ހަސަން (ދާދު) ފާހަގަކޮށްލެވުނެވެ. ދެން އެޓޭކް ލައިނުން ފެނުނީ ޓޮމޮކީ ވާޑާއެވެ.

މެޗު ރަނގަޅަށް ފަށައި، އޮޑިޝާއިން ނުރައްކާ ކުރިއެވެ. ޑިއޭގޯ މައުރީޝިއޯއާއި މޯޓާޑާ ފޯލްގެ ހަމަލާތައް ކާމިޔާބު ނުވި ނަމަވެސް، ތިންވަނަ މިނެޓްގައި އެޓީމުން ލީޑު ނެގިއެވެ. މައުރީޝިއާ ނަގައިދިން ބޯޅައިގައި އޭރިއާ ތެރެއިން ހުސްކޮށް އޮވެ ހޯރިން ލަލްތަތަންގާ ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ތިރީ ކަނަށެވެ.

އޭގެ ފަހުން މާޒިޔާއިން ކޮންމެވެސް ވަރަކަށް ނުރައްކާކުރިއެވެ. ދާދު އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އޮޑިޝާގެ ގޯލްކީޕަރު އަމްރިންދާ ސިންހް އަތަށް ދިޔަ އިރު، 13 ވަނަ މިނެޓުގައި މާޒިޔާއިން ނަތީޖާ ހަމަހަމަ ކުރިއެވެ. ކޯނަރެއްގައި ތަނަވަސްކުރި ފުރުސަތުގައި މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ބްރަނިމީރް ޖޮސިޗެވެ. އެ ގޯލު ޑިފެންޑަރު ޖޮސިޗް ޖެހީ ހަމްޕުގެ ހުރަހަކުންނެވެ.

މާޒިޔާއިން ނަތީޖާ ހަމަހަމަކުރިތާ ދެމިނެޓްވެސް ނުވަނީސް، އޮޑިޝާ އަނެއްކާވެސް ލީޑު ނެގިއެވެ. އެ ގޯލަކީ އަހުމަދު ޖަހޫހުގެ ބޯޅައިން އެ ގޯލު ޖަހައިދިނީ ކާލޮސް ޑެލްގާޑޯއެވެ. އެ ގޯލަށްފަހުވެސް އޮޑިޝާއިން ނުރައްކާ ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގައި އިތުރު ގޯލެއް ޖަހައި، އެޓީމުން ލީޑުގެ ފަރަގު ފުޅާކުރިއެވެ. އެ ގޯލް ޖެހީ ބިދޭސީ ކުޅުންތެރިޔާ ފޯލްއެވެ.

ދެވަނަ ހާފު ފެށިގެން މާޒިޔާއިން އިތުރު ގޯލަކަށް ކުރި މަސައްކަތުގައި، ހާފުގެ ކުރީކޮޅުގައި ހަމްޕު ފޮނުވާލި ހަމަލާ މަތަކުރީ އޮޑިޝާގެ ކީޕަރެވެ. އެ ހަމަލާ ކާމިޔާބުވެފައި ނުވާ އިރު، 58 ވަނަ މިނެޓުގައި އޮޑިޝާ ވަނީ ހަތަރުވަނަ ގޯލެއް ޖަހައިފައެވެ. އެ ގޯލު ޖެހީ އަމޭ ރަނަވޭޑެވެ. އެ ގޯލާއެކު އޮޑިޝާއިން މެޗުގެ އޮއިވަރު ކޮންޓްރޯލްކޮށް، ޓެމްޕޯ ހިފަހައްޓަމުން ގޮސް، 62 ވަނަ މިނެޓުގައި ފަސްވަނަ ގޯލެއްވެސް ޖެހިއެވެ.

އެ ގޯލަކީ މާޒިޔާގެ ފަހަތުން ހެދުނު ގޯހެއްގެ ބޭނުން ހިފައި، އިސާކް ވަންލަލްރުއަޓްފޭލާ ޖެހި ގޯލެކެވެ. އޮޑިޝާއިން ހަވަނަ ގޯލު ޖެހީ މެޗުގެ ފަހު މިނެޓުގައެވެ. އެ ގޯލަކީ ހުސްކޮށް އަރައި ސާހިލް ޕަންވާރު ފޮނުވާލި ބޯޅައަކުން ޖެހި ގޯލެކެވެ. ސާހިލް މެޗަށް ނުކުތީ ބަދަލަކަށެވެ.

މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ދެން މާޒިޔާއަށް އޮންނާނީ މާލޭގައި އޮޑިޝާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ އަންނަ މަހުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ.