އޭއެފްސީ ކަޕް ގްރޫޕް ޑީގައި މިއަދު ކުޅޭ މެޗުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހަލުވި އެޓޭކިން ކުޅުންތެރިންނަށް ސަމާލުވާނެ ކަމަށް އިންޑިއާގެ އޮޑިޝާ އެފްސީގެ ކޯޗު ސާޖިއޯ ލޮބޭރާ ބުނެފިއެވެ.
އޮޑިޝާއިން މިއަދު އަމިއްލަ ދަނޑުގައި މާޒިޔާއާ ދެކޮޅަށް ނުކުންނާނީ މޮޅުވާން މަޖުބޫރު މެޗަކަށެވެ. އެއީ އެޓީމުން މިހާތަނަށް ގްރޫޕް ޑީގައި ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައި ނުވާތީއެވެ. އޮޑިޝާއިން ފުރަތަމަ ކުޅުނު މެޗުގައި 4-0 އިން މޯހަން ބަގާން އަތުން ބަލިވި އިރު، ދެން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.
ގްރޫޕް ޑީގެ އެއްވަނައިގައި މޯހަން ބަގާން އޮތީ ދެ މެޗުންވެސް މޮޅުވެގެންނެވެ. މާޒިޔާ އާއި ބަޝުންދަރާވެސް މެޗެއް ކާމިޔާބު ކޮށްފައި އޮތް އިރު، އޮޑީޝާއަށް ދެން އަނެއް ބުރުގެ ފުރުސަތު އޮތީ ބާކީ އޮތް ހަތަރު މެޗުންވެސް މޮޅުވެގެންނެވެ. ކޯޗު ލޮބޭރާގެ ފޯކަސް ހުރީވެސް މިހާރު އެ ނަތީޖާއަށެވެ. ލޮބޭރާ ދެކޭ ގޮތުގައި އޮޑިޝާއަށް އަދި ފުރުސަތެއް ނުގެއްލެއެވެ.
"ބަޝުންދަރާއާ ދެކޮޅަށް އެންމެފަހުން ކުޅުނު މެޗުގައި އަހަރެމެންގެ ފެންވަރު ދެނުނު. މާޒިޔާ މެޗުން ތިން ޕޮއިންޓް ނެގިއްޖެނަމަ، އެއީ އަހަރެމެން އެނބުރި އަނެއްކާވެސް ވާދަވެރީންނަށްވީ. ބާކީ އޮތް ހަތަރު މެޗުން 12 ޕޮއިންޓް ހޯދަން މި ވިސްނަނީ،" ލޮބޭރާ ބުންޏެވެ.
މާޒިޔާއާ ދެކޮޅަށް ނުކުންނަ އިރު ވިސްނާނީ ކޮންކަމަކަށްތޯ ލޮބޭރާ ކުރެން ސުވާލުކުރުމުން އޭނާ ބުނީ، ބެލެންސް ހިފަހައްޓަން ޖެހޭ ކަމަށާއި މާޒިޔާ ކައިރިންވެސް ސަމާލުވާން ޖެހޭ ކަމަށެވެ.
"މާޒިޔާއަކީ ވަރަށް ބެލެންސް ރަނގަޅު ޓީމެއް. ހާއްސަކޮށް އެޓޭކިން ކުޅުންތެރިން ހަލުވި. އެކަމަށް ސަމާލުވާން ޖެހޭނެ. މާޒިޔާ މޯހަން ބަގާން ކައިރިންވެސް ބަލިވީ ފަހުވަގުތު. މާޒިޔާއިން ފެންވަރު ސާބިތުކޮށްދީފި. އަދި ހާއްސަކޮށް ބޯޅަ ގެއްލުމުން، އެ ގެއްލުނު ބޯޅަ ވީ އެންމެ އަވަހަކަށް ހޯދުމަށް މަސައްކަތްކުރާ، އެކަމުގެ މުހިއްމުކަން އެނގޭ ކުޅުންތެރިން މާޒިޔާގައި އެބަތިބި،" ލޮބޭރާ ބުންޏެވެ.
އިންޑިއާގެ ބުބަނޭޝްވާރާގައި މިއަދު ހަވީރު ކުޅޭ މެޗު އޮންނާނީ ރާއްޖެ ގަޑިން ހަވީރު 5:00 ގައެވެ.
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް
އޭއެފްސީ ކަޕް