އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްއިން ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ޓޮޓެންހަމްއިން އަމިއްލަ ދަނޑުގައި ކުޅުނު މެޗު 2-0 އިން އެޓީމުން ކާމިޔާބުކުރި އިރު، ރޭގެ ނަތީޖާއާއެކު އެޓީމުން އެއްވަނައަށް ޖެހިލީ ނުވަ މެޗުން 23 ޕޮއިންޓާއެކުގައެވެ. އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މިވަގުތު ލީގު ތާވަލުގެ ދެވަނައިގައި އޮތީ ނުވަ މެޗުން 21 ޕޮއިންޓާއެކުގައެވެ. އާސެނަލް ތިންވަނައިގައި އޮތީވެސް ނުވަ މެޗުން 21 ޕޮއިންޓާއެކުގައެވެ. ލިވަޕޫލް މިވަގުތު ހަތަރު ވަނައިގައި އޮތީ ނުވަ މެޗުން 20 ޕޮއިންޓާ އެކުގައެވެ.

މި ސީޒަނުގައި މިހާތަނަށް ޓޮޓެންހަމްއަށް ޕޮއިންޓް ގެއްލުނީ ރޭގެ މެޗުގެ ކުރިން ކުޅުނު ލަންޑަން ޑާބީތަކުގައެވެ. އެއީ އާސެނަލާއި ބްރެންޓްފޯޑް ކައިރިންނެވެ. ރޭވެސް ލަންޑަންގެ ޓީމަކާ ދެކޮޅަށް ކުޅުނު އިރު، ޓޮޓެންހަމްއަށް އޮތީ ސަމާލުވާން ޖެހިފައެވެ.

ރޭގެ މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔައީ ޓޮޓެންހަމްއިންނެވެ. ރިޗާލިސަން އަރިމަތިން ޖެހި ބޯޅަ ބޭރަށް ގޮސްފައިވާ އިރު، 36 ވަނަ މިނެޓުގައި ޓޮޓެންހަމްއަށް ލީޑު ނަގައިދިނީ ސޮން ހިއުން-މިން އެވެ. އެ ގޯލަކީ ފުލަމްގެ ކެލްވިން ބައްސޭ ދިން ގޯސް ޕާހެއްގެ ފައިދާ ނަގައި، ސޮން ޖެހި ގޯލެކެވެ.

ދެވަނަ ހާފަށް ނުކުމެވެސް ޓޮޓެންހަމްއިން ރަނގަޅަށް ކުޅެމުން ގޮސް، މާ ގިނައިރެއް ނުވެ ލީޑު ފުޅާކުރިއެވެ. ޖޭމްސް މެޑިސަން ޖެހި ގޯލަކީ ފުރަތަމަ ސޮން ޖެހި ގޯލާ ދާދި އެއްގޮތް ގޯލެކެވެ. ފުލަމްއިން ކައުންޓާގައި ޓޮޓެންހަމްއަށް ނުރައްކާ ކުރި ނަމަވެސް، އެޓީމަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ޖާއޯ ޕަޅިންހާގެ ހަމަލާ މަތަކޮށް ބޭރުކޮށްލީ ގުގިލިއެލްމޯ ވިސާރީއޯއެވެ.