ޕީއެންސީގެ ސަރުކާރުން ލިބޭ މަގާމުތަކަށްވުރެ މުހިންމީ ދަ ޑިމޮކްރެޓްސްއިން ގަބޫލުކުރާ މިންގަނޑެއްގެ ތެރެއިން، ޕީއެންސީގެ ސަރުކާރު ބައްޓައްވުން ކަމަށް ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ އޮފީހުގައި އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފު ވިދާޅުވީ އާ ސަރުކާރު ބައްޓަން ކުރަން ބޭނުންވަނީ، ރައްޔިތުންނަށް ފަރުދީ ތަނަވަސްކަމާއި އަބުރުވެރި ހަޔާތެއް ހޯދައިދެވޭނެ ގޮތަކަށް ކަމަށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮރަޕްޝަންގެ އަމަލުތައް ބެލޭނެ ސިޔާސަތުތައް ބައްޓަން ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއުޅެނީ ކޮންމެހެން ސަރުކާރެއްގެ ކިތައް މަގާމުގަތޯ ޑިމޮކްރެޓްސް ތިބޭނީ، އެވާހަކަތަކެއް ނޫނޭ އެހާ ބޮޑަކަށް ދައްކަމުން މިދަނީ، އެއަށްވުރެ ބޮޑަށް ބޭނުމޭ އަޅުގަނޑުމެން ހިމެނޭ ސަރުކާރެއްގަ ވެއްޖިއްޔާ އަޅުގަނޑުމެން ބޭނުންވާ ސިޔާސަތުތަކެއް ރައީސް އަދި ސަރުކާރުން ހިންގުން" ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ، ސިޔާސަތުތައް ބައްޓަން ކުރުމުގައި ޕީއެންސީގެ ސަރުކާރެއްގައި ޑިމޮކްރެޓްސްގެ ހިއްސާއެއް އޮންނާނެ ކަމަށެވެ. ނަމަވެސް ޕީއެންސީގެ ސަރުކާރެއްގައި ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެ މިންވަރު ކަނޑައަޅާނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނު ތެރެއިން ޕީއެންސީ އާއި ދަ ޑިމޮކްރެޓްސް ވަނީ ސިޔާސީ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ މަޝްވަރާގެ ތަފުސީލު ދެއްވަމުން ހަސަން ލަތީފު ވިދާޅުވެފައިވަނީ ޕީއެންސީގެ ސަރުކާރެއްގައި ދަ ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެ ކަމަށެވެ. ޕީޕީއެމް/ޕީއެންސީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި މިހާރު ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ، ރަނގަޅު ވެރިކަމެއް ކުރަންވާނެ ގޮތްތައް ދަ ޑިމޮކްރެޓްސްއިން ކިޔައީދީފައި ކަމަށެވެ.