ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ރާއްޖޭން ބޭރުން ލިބޭ ފައިސާ ނަހަމަ ގޮތުގައި އަމިއްލަ މަންފާ ހޯދަން ބޭނުންކުރާ މައްސަލައިގެ ތަހުގީގަށް އެފްއޭއެމް ހައުސް ބަލައި ފާސްކުރަމުންދާއިރު، އެކަންކަމާ ގުޅޭ ގޮތުން ވާހަކަދައްކާނީ ތަހުގީގަށްފަހު ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިއަދު އެފްއޭއެމްއަށް ވަނީ އެ އެއޯސިއޭޝަންގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާއީ ތަހުގީގަކަށް ހެކި ހޯދުމަށެވެ. އެ ތަހުގީގު ހިންގަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިގެން ކަމަށް ފުލުހުން ބުނެއެވެ. އެތަނުގައި ފުލުހުން އަދިވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް މައުލޫމާތު ދެއެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ މުއައްސަސާތައް ހިންގުމަށް ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ ގާނޫނާ ހިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް މަގުފަހިވާ ގޮތަށް ބޭނުންކުރެވޭ ކަމުގެ ތުހުމަތެއް އޮތުމަޖީ ޕްރޮސެކިއުޓާ ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަނުގެ އިސްވެރިން ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންނާއި ވައްކަމާއި ހިޔާނާތާއި މަކަރާއި ހީލަތުގެ ނުވަތަ އެނޫންވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިންގަމުންދާ ނަމަ އެ ކަމެއް ތަހުގީގުކޮށްދެއްވައި، އެ މައްސަލައިގައި ދައުވައެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް އަމުރުކޮށްފައިވެއެވެ." ބަޔާނުގައި ވެއެވެ.
އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވަނީ ވެފައެވެ. އޭގެ އިތުރުން ދަރަނީގެ ބޮޑެތި މައްސަލަތަކެއްވެސް ފެންމަތިވެފައިވާ އިރު، އެފްއޭއެމްގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.
އެފްއޭއެމްގެ އެ މައްސަލަތަކާއެކު އެކިއެކި ފަރާތްތަކުގެ ވާހަކައިން "ވަން ސްޕޯޓްސް" އަށް އެނގުނު ގޮތުގައި އެފްއޭއެމްއަށް މަނީ ލޯންޑަރިން ފަދަ ސީރިއަސް ބޮޑު ތުހުމަތެއް ކޮށްފައިވެއެވެ. އެގޮތުން ފީފާއާއި އޭއެފްސީ އަދި އެކި ގައުމުތަކުގެ އެސޯސިއޭޝަންތަކުން އެފްއޭއެމްއަށް ދޭ މާލީ އެހީތަކުގެ ފައިސާ، އެފްއޭއެމްގެ ވެރިންނާއި ގާތް ފަރާތްތަކުގެ އެކައުންޓްތަކުގެ އިތުރުން ކުންފުނިތަކަށް ފޮނުވާފައިވުމުގެ އިތުރުން ޑޮލަރު ވިއްކުމުގެ ކަންކަންވެސް ބައެއް ފަރާތްތަކުން ކުރާކަން ވަނީ އެނގިފައެވެ.
އެފްއޭއެމްއަށް ކުރާ ތުހުމަތުތަކާ ގުޅިގެން ސުވާލުކުރުމުން ބައްސާމް "ވަން ސްޕޯޓްސް" އަށް ވިދާޅުވީ، މިވަގުތު ތަހުގީގު ކުރިއަށްދާތީ ކުރިއަށްދާތީ، އެ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާނީ ތަހުގީގު ނިމުމުން ކަމަށެވެ.
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް