ސްޕެނިޝް ލަލީގާގައި ރޭ ސެވިއްޔާއިން ރެއާލް މެޑްރިޑާ އެއްވަރު ކޮށްފިއެވެ.

ސެވިއްޔާގެ ދަނޑުގައި ރެއާލްއިން ރޭ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗު ރެއާލްގެ ކެޕްޓަންކަން ކުރިން ކުރި ސާޖިއޯ ރާމޯސްއަށް ހާއްސަވެފައި އޮތް އިރު، އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. އަދި ރެއާލްގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާއާއި ރާމޯސްއާ ދެމެދު ހިތްހަމަ ނުޖެހުންތަކެއް ހިނގިތަންވެސް ފެނިގެން ގޮސްފައިވެއެވެ.

ރާމޯސްގެ ކެރިއަރި އެންމެ ފުރަތަމަ ސެވިއްޔާއިން ފެށި އިރު، އޭގެ ފަހުން ގުޅުނީ ރެއާލްއާއެވެ. އެ ކްލަބުގައި 16 އަހަރު ހޭދަކުރު އިރު، 671 މެޗު ކުޅެފައިވެއެވެ. ރާމޯސް، 37، އަލުން ސެވިއްޔާއަށް މި ސީޒަނަށް ބަދަލުވީ ޕީއެސްޖީއަށް ދެ ސީޒަނުގައި ކުޅުމަށްފަހުއެވެ.

ރޭގެ މެޗުގެ 74 ވަނަ މިނެޓުގައި ސެވިއްޔާއިން ލީޑު ނެގީ ޑޭވިޑް އަލާބާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ސެވިއްޔާއަށް އެ ލީޑު ދެމެހެއްޓުނީ އެންމެ ހަތަރު މިނެޓަށެވެ. ޑެނީ ކަވަހާލްގެ ގޯލުން ރެއާލްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ރޭގެ ނަތީޖާއާއެކުވެސް ރެއާލް އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. އެއީ 10 މެޗުން 25 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ނުވަ މެޗުން 22 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ޖިރޯނާއަށްވެސް ވަނީ ނުވަ މެޗުން 22 ޕޮއިންޓް ލިބިފައެވެ. ބާސެލޯނާ ހަތަރު ވަނައިގައި އޮތީ ނުވަ މެޗުން 21 ޕޮއިންޓާ އެކުގައެވެ.