ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރަން، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ހުށަހަޅާފައިވާ އިތުރުބާރު ނެތް ކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހު ކުރިއަށް ގެންދެވިދާނެ ކަމަށް މަޖިލީހުގެ އިދާރާއިން މެންބަރުންނަށް މިއަދު އަންގައިފިއެވެ.

މަޖިލިސް ރައީސްގެ އިތުބާރުނެތް ކަމަށް 54 މެންބަރުންގެ ސޮޔާއެކު އެންމެ ފުރަތަމަ އެމްޑީޕީން މަޖިލީހަށް ވެއްދީ، ޖޫން މަހުގެ ހަތް ވަނަ ދުވަހުއެވެ. ނަމަވެސް އެ މައްސަލަ ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އަނބުރާ ގެންގޮސްފައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީ ޕީޖީ ގްރޫޕުގެ 49 މެމްބަރުންގެ ސޮޔާއެކުއެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލައިގައި އެމަނިކުފާނަށް 14 ދުވަހުގެ ނޯޓިސް ފޮނުވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެ ނޯޓިސްގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާނެ އެވެ.

މަޖިލިސް ގަވާއިދުގައިވާ ގޮތުގައި ނޯޓިސްގެ މުއްދަތު، 14 ދުވަސް ހަމަވުމުން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަންޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޑައިރެކްޓާ އޮފް މީޑިއާ ހަސަން ޒިޔާއު "ވަން" އަށް މިއަދު ވިދާޅުވީ، ބުރާސްފަތި ދުވަހަށް ނޯޓިސްގެ މުއްދަތު ހަމަވާތީ އާދިއްތަ ދުވަހު އެ މައްސަލަ ކުރިއަށްގެންދެވިދާނެ ކަމަށް މެންބަރުންނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެއީ އެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާ ކުރީ ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މަޖިލިސް އިންތިހާބުގެ ކެމްޕެއިނާ އެއްކޮށް ގިނަ މެންބަރުން ރަށްރަށުގައި އުޅުއްވާތީ ކުރިއާލައި އެންގުމެއް މި އެންގީ އާދިއްތަ ދުވަހު މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް. އެއީ އަދި އެޖެންޑާ ކުރީއެއް ނޫން" ޒިޔާއު ވިދާޅުވިއެވެ.

އާދިއްތަ ދުވަހަކީ އާންމުކޮށް މަޖިލީހުގެ ޖަލްސާ އޮންނަ ދުވަހެއް ނޫނެވެ. ނަމަވެސް އާދިއްތަ ދުވަހު ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ގަވައިދު ހުރަހެއް ނާޅައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސަށް އާންމު ކޮމިޓީން ކަނޑައަޅާފައިވަނީ ދެ ގަޑިއިރެވެ. އެއީ، ނަޝީދަށް ޖަވާބުދާރީވެވަޑައިގަތުމަށް ދިހަ މިނެޓު ދެއްވުމަށް ފަހު، ސިޔާސީ ޕާޓީތަކާއި އަމިއްލަ މެމްބަރުން ތިބޭ ނިސްބަތުން ބާކީ އޮންނަ ދޮޅު ގަޑިއިރު ބަހާލުމަށެވެ.