މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހިއްކަމުންދާ ހުޅުމާލެ ފޭސް ތިނެއްގެ ފުރަތަމަ ބައި ހިއްކައި ނިންމާލައިފިއެވެ.

އާބަންކޯއިން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ސައިޓް އޭއިން ހިއްކާފައިވަނީ 10 ހެކްޓަރުގެ ބިން ކަމަށެވެ. މިހާރު ވަނީ ފޭސް ތިނެއްގެ ސައިޓް ބީ ހިއްކުމުގެ މަސައްކަތް ފަށައިފައި ކަމަށް އާބަންކޯއިން ބުންޏެވެ.

ސައިޓް ބީ ހިއްކުމުގެ މަސައްކަތް ކުރިއަށްދާތީ އެ ސަރަހައްދުހައި އަޅާފައިވާ އުޅަނދުތައް މިމަހުގެ 22 ވަނަ ދުވަހުގެ ކުރިން ނެގުމަށް އާބަންކޯއިން ވަނީ އެދިފައެވެ.

ހުޅުމާލޭގެ ހުޅަނގަށް އޮންނަ ފަޅުން 62.6 ހެކްޓަރުގެ ބިން ހިއްކަން ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކުރީ މިދިޔަ އޮގަސްޓު މަހުގައެވެ. އެކުންފުންޏަށް ވަނީ ހުޅުމާލޭ ފަޅުގެ އިތުރުން ތިލަފުށިން އިތުރު ބަޔަކާއި ދިޔަނެރު ފަޅު ވެސް ހިއްކަން ހަވާލުކޮށްފައެވެ.

އާބަންކޯއިން ބުނެފައިވަނީ އެ މަޝްރޫއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގަމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެއް ކަމަށެވެ.

ހުޅުމާލެ ފޭސް ތިނެއްގައި ވެސް ރައްޔިތުންނަށް ލުއިފަސޭހަވާނޭހެން ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯއިން ބުންޏެވެ. އެގޮތުން މަގުތަކާއި ބްރިޖުގެ އިތުރުން ހިތްގައިމު ޕާކުތަކާއި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުނެފައިވެއެވެ.

ހުޅުމާލެ ތިނެއް ހިއްކައި އެތަނުން މާލޭ ރައްޔިތުންނަށް ލިބިފައިވާ ގޯތީގެ އިންކަނޑައިދިނުމަށް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިން ނިންމައިފައެވެ.

މާލޭ މީހުންނަށް ގޯތި ދޭން ހިންގާ "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ ތިނަކުން 700 ގޯތި ދޫކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 4،000 އަކަފޫޓުގެ 24 ގޯއްޗާއި 3،650 އަކަފޫޓުގެ 16 ގޯއްޗާއި 3،250 އަކަފޫޓުގެ 43 ގޯއްޗާއި 2،850 އަކަފޫޓުގެ 61 ގޯއްޗާއި 2،450 އަކަފޫޓުގެ 132 ގޯތީގެ އިތުރުން 2،060 އަކަފޫޓުގެ 243 ގޯތި އަދި 1،650 އަކަފޫޓުގެ 181 ގޯއްޗެވެ.