މިއަދުގެ ހާލަތުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ދޮވެ ސާފުކުރަން ޖެހިއްޖެކަމަށް އެންމެން އެއްބަސްވެއެވެ. ފުޓުބޯޅަ ހުއްޓި، ލީގުވެސް ކުރިއަށް ނުގެންދެވޭ ހާލަތަށް އެފްއޭއެމް ހިނގައްޖެއެވެ. ފުލުހުން އެފްއޭއެމްއަށް ވަދެ، ބޮޑެތި ޖިނާއީ ތަހުގީގުތަކަށް މަސައްކަތް ކުރަންވެސް ފަށައިފިއެވެ. ބޮޑެތި ތުހުމަތުތަކަކާއެކު ފުޓުބޯޅައިގެ މުޅި ނަން، ކިލަނބުވެއްޖެއެވެ. އެ އިދާރާއަށް ފުލުހުން ވަދެ، ޖިނާއީ ތަހުގީގު ކުރުމަކީ އޭއެފްސީއާއި ފީފާއިން ހުރަސް އަޅާ ކަމެއްވެސް ނޫނެވެ. އެކަންވެސް އެނގެއެވެ. އެއީ މިންގަނޑުގެ ތެރެއިން ކަންކަން ހިނގާނަމައެވެ. އެކަން އަދި ދަނީވެސް ފީފާއާއި އޭއެފްސީންވެސް ރުހޭނެ ގޮތަކަށެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކޮށް، ރާއްޖޭގެ ފުޓުބޯޅައިގެ މަލަމަތި ސާފުކުރަން ބޭނުންވި ނަމަވެސް، އެކަމަށް މިހާރު މާހައުލެއް ނެތެވެ. މާ ލަސްވެއްޖެއެވެ. ދެން އޮތީ އަންނަ އަހަރުގެ އިންތިހާބުގެކުރިންވެސް، ވަގުތު ނަގައި ނުލައި، އެފްއޭއެމް ސާފުކުރުމެވެ. ކްލަބުތަކުންވެސް މިހާރު އެކަމަށް މަޑުމަޑުން މަސައްކަތް ކުރަމުން އަންނަ މަންޒަރު ފެންނަމުން ދެއެވެ. އެއީ ސަޕޯޓަރުންގެ އެތައް ޕްރެޝަރަކާއެކުގައެވެ. މިހާރުގެ ރައީސް ބައްސާމް އެތަކެއް ފަހަރަކު ފެއިލްވުމާވެސް އެކުގައެވެ. ހާއްސަކޮށް އޭނާ އެންމެ ފަހުންވީ ވައުދުތައްވެސް ހަމަ ފަނުފުލުން ދިޔުމާ އެކުގައެވެ. ސާފް ޗެމްޕިއަންޝިޕްގެ ނާކާމިޔާބީއަށްފަހު އެތައް ކަމެއް ހަމަޖައްސާލައި ޕްރެސް ކޮންފަރެންސެއް ބާއްވައި، ވީ ވައުދުތައްވެސް މިއަދު ކުރިޔަކަށް ނުކަނޑައެވެ.
ބައްސާމްގެ ފެއިލިއާގެ ވާހަކަ މިހާރު ދައްކައި ކޮޅުންލާކަށް ނެތެވެ. ފުޓުބޯޅައިގެ މިސްރާބު ބައްސާމާއެކު ހެޔޮ ނުވާނެކަން މިހާރު ކިތަންމެހާވެސް ސާފެވެ. އެހެންވީމަ ބައްސާމް އެއީ އޮޕްޝަނެއް ނޫންކަން ގިނަ ކްލަބުތަކަކުން ގަބޫލުކުރަމުން އަންނަ މަންޒަރު މަޑުމަޑުން އަންނަނީ ތިލަވަމުންނެވެ. އެގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) އެފްއޭއެމް ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ އިރު، އެކްސްކޯގައި ހިމެނޭ ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިއަތު ހަލީމް (މުއާބެ) ވެސް ވަނީ އިސްތިއުފާ ދީފައެވެ. ބައްސާމް އެ ހިސާބުންވެސް ވިދާޅުވީ އިސްތިއުފާގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ. އަންނަ އަހަރު އިންތިހާބުން ގޮތް ނިންމަން މަޑުކޮށްލާނެ ކަމަށެވެ. އަދިވެސް ކްލަބުތަކުގެ ތާއީދަށް މަސައްކަތްކުރައްވާކަމަށް އިތުބާރު ހުރި މަސްދަރުތަކުން ވަނީ އެނގިފައެވެ.
ކޮންމެއަކަސް ބައްސާމްގެ ވަގުތު ހަމަވެ، އާ ވެރިއަކަށް ފުރުސަތު ފަހިވާނެ މާހައުލެއް ގާއިމުވާތަން އެބަފެނެއެވެ. އެއީ މިހާރުގެ މިސްރާބު ހުރި ގޮތެވެ. ވާދަވެރީންނަށް ނުކުންނަން ކެރޭ ހިސާބަށް އެކަން ގޮސްފައިވާ މަންޒަރު ފެނެއެވެ. އަންނަން އޮތް ސަރުކާރުގެ ތެރެއިން ކަހަލަ ގޮތަކަށް ބައްސާމަށް އިތުބާރު ނެތް މަންޒަރު ސާފުވެއްޖެއެވެ. ކުރިން އެފްއޭއެމްގެ ރައީސްކަން ކުރި، މިހާރު މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އެ މަގާމަށް އަލުން ކުރިމަތިލައްވަން ފާޅުގައި އިއުލާނުކުރެއްވުމުން އެކަން ސާފުވެސް ވެއެވެ. އަންނަން އޮތް ސަރުކާރުގެ ވިސްނުންވެސް އޮތީ އެފްއޭއެމް ބަދަލުކުރުމާ ދިމާލަށްކަން ސާފުވެއެވެ. އޭގެ އިތުރުން ދެން އެފްއޭއެމްގެ ރައީސަށް ނުކުންނާނެ ކަމަށް އަޑުއަރާފައި ކެންޑިޑޭޓަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އެއީ ރަސްމީކޮށް އިއުލާނުކޮށްފައިވާ ކެނޑިޑޭޓެއް ނޫން ނަމަވެސް، އެއީ ވިސްނުމެއްކަން، ބޮޑެތި ބައެއް ކްލަބުތަކުން ވަނީ ޔަގީންކޮށްދީފައެވެ.
އެފްއޭއެމްގެ އެކްސްކޯގެ ފުރިހަމަ ބާރަކީ ކްލަބުތަކުގެ އަތްމަތީގައި އޮންނަ ބާރެކެވެ. ހުދު ބައްސާމްވެސް އެކަން ގަބޫލު ކުރައްވައެވެ. ދިވެހި ފުޓުބޯޅައަކީ ކްލަބުތަކެވެ. މިވަގުތު ވަކި ހާއްސަ ކްލަބުތަކަކަށް އޮތް ވޯޓިން ރައިޓަކީ އެފްއޭއެމްގެ ވެރިންނަށް އޮތް ހަމައެކަނި މަގެވެ. ތިންވަނަ ފަރާތެއްގެ ނުފޫޒެއް ނެތި، އެފްއޭއެމް އިސްލާހު ކުރެވޭނެ މަގަކީ ކްލަބުތަކެވެ.
"އަޅުގަނޑު އަބަދުވެސް ތަކުރާރުކޮށް ދަންނަވާ ވާހަކައެއް. އަޅުގަނޑަށް މަގާމުގައި މި ހުރެވެނީ މެންބަރު ކްލަބުތަކުގެ ތާއީދާއެކު. މާދަމާވެސް އެ ކްލަބުތަކުން އައިސް އަޅުގަނޑު ކައިރީ ބުނެފިނަމަ، މަގާމުން ދުރަށް ޖެހިލާނަން. އެ ނޫން ހާލަތެއްގައި އަޅުގަނޑު ހުންނާނީ މެންބަރު ކްލަބުތަކަށް އެއްބާރުލުން ދިނުމުގައި، އެހީތެރިކަން ފޯރުކޮށްދިނުމުގައި،" އެފްއޭ ރައީސް ކަމުގައި ދެވަނަ ދައުރެއް ފުރިހަމަ ކުރައްވަމުން ގެންދަވާ ބައްސާމް ޖުލައި މަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
މިހާރު އެވަގުތު އައިސްފައިވާކަން ސާފެވެ. އެކްސްކޯގައި ކްލަބުތަކުގެ މެންބަރުން ތިބި ނަމަވެސް، އެ މެންބަރުންވެސް، ފުޓުބޯޅައިގެ ހައްގުގައި "ސްޓެޕެއް" ނަގަން ޖެހިއްޖެއެވެ. އެއީ ސާފު ކަމެކެވެ. މިހާރުގެ ހާލަތުން ފުޓުބޯޅަ، ދިވެހި ރާއްޖޭގައި ބަލައިގަންނަން އޮތް ހަމައެކަނި ގޮތަކީވެސް އެފްއޭއެމް އަލުން އަނބުރާ އިޔާދަކުރެވި، އެއީ ޕްރޮފެޝަނަލް އޮފީހެއް ހިނގާ އިދާރާއަކަށް ވެގެންނެވެ.
"ހަގީގަތުގައި ކްލަބުތަކުގެ ދައުރު މީގަ އޮތީ. ބައްސާމް ބޭނުންވެ، އަނެއް އަހަރުގެ އިންތިހާބަށް މިކަން ދަންމާލަން މަޑުކުރުވުމަކީވެސް އިހުމާލެއް. އެއީ އެކަން ވެގެންވާނެ ގޮތެއް ނޫން. އިތުބާރެއް ނެތް. ކްލަބުތައް މަޑުމަޑުން ތިއްބަސް، ރާއްޖޭގެ ފުޓުބޯޅައަށް ލޯބިކުރާ 90 ޕަސެންޓް މީހުންގެ އިތުބާރު އެފްއޭއެމްއަށް ގެއްލިއްޖެ،" ފުޓުބޯޅައިގެ ލެޖެންޑެއް، "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
މިއީ ކްލަބުތަކުން ކޮންމެހެން ވިސްނައިގެން، އަވަސް ވާން ޖެހޭ ވަގުތެވެ. ޗޮއިހެއް ހޯދުމަކީ ކްލަބުތަކުގެ މަސްއޫލިއްޔަތެކެވެ. ޗޮއިސްތައް އަދި ތަފާތުވެސް މެއެވެ.
ޓޮމްއަކީ އެފްއޭއެމް ހިންގުމަށް، ފުޓުބޯޅައިގެ ޕޮލިޓިކްސް، އަދި ރާއްޖޭގެ ޕޮލިޓިކްސްއަށްވެސް މުޅިން އާ ބޭފުޅެއް ނޫނެވެ. ސްކޫލު ދައުރުގައި ސީއެޗްއެސްއީ ޓީމުން މޮޅު ފޯވަޑެއްގެ ގޮތުގައި ފާހަގަކުރެވުނު ޓޮމް އޭނާގެ ކްލަބު ކެރިއަރުގެ ބޮޑުބައެއް ހޭދަކުރީ ނިއުރޭޑިއަންޓްގައެވެ. އެނޫން ކުލަބެއްގެ ޖާޒީގައި އޭނާ ފެނުނީ 2009 ވަނަ އަހަރު ފަހުކޮޅު ވެލެންސިއާއިންނާއި ޖެހިގެން އައި އަހަރުގެ ކުރީކޮޅު ވީބީ ސްޕޯޓްސް ކުލަބުންނެވެ.
ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ޓޮމް އަކީ 2009 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އޭނާ އަކީ ނިއުރޭޑިއަންޓް 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ގެންގޮސްދިނުމަށް ކުއާޓާ ފައިނަލުގައި ޖޯޑަންގެ އަލްހުސައިން ކޮޅަށް ގޯލު ޖެހި ކުޅުންތެރިޔާ ވެސްމެއެވެ. އޭނާ އެ ގޯލު ޖެހީ މެލޭޝިޔާގައި އެކައުންޓިންގެ ރޮނގުން ކިޔަވަން ހުރެފައި ނިއުގެ އެދުމުގެ މަތީން އެމެޗަށް މާލެ އައިހެއެވެ.
ރާއްޖޭގައި ކްލަބް އަދި ގައުމީ ފެންވަރުގައި މޮޅަށް ފުޓްބޯޅަ ކުޅުމަށްފަހު ޓޮމް ވަނީ ކުލަބުތައް ހިންގުމުގެ ދާއިރާގައިވެސް ހަރަކާތްތެރިވެފައެވެ. އެގޮތުން ނިއުރޭޑިއަންޓްގެ ޖެނެރަލް ސެކްރެޓަރީކަމާއި އެކުލަބުގެ ތަފާތު މަގާމުތައް އޭނާ ވަނީ ފުރުއްވާފައެވެ. އަދި އަމިއްލަ ރަށް އދ. މަހިބަދުއަށް ނިސްބަތްވާ ކުލަބެއް އުފައްދަވާ އެކުލަބު ތިން ވަނަ ޑިވިޝަނުން ފެށިގެން ފުރަތަމަ ޑިވިޝަނާ ހަމައަށް ގެންގޮސްދެއްވިއެވެ. އޭގެ އިތުރުން ކުލަބު އީގަލްސްގެ ވައިސް ޗެއާމަންކަންވެސް ޓޮމް ކުރެއްވިއެވެ.
އޭގެފަހުން އެފްއޭއެމްގެ ރައީސްކަން ޓޮމް ކުރައްވާފައިވާ އިރު، އެ މަގާމުން ޓޮމް ދުރުވާންވެސް ޖެހުނެވެ. އެއީ ބައްސާމް، ޖެނެރަލް ސެކްރެޓަރީ ކަމުން ވަކިކުރުމުގެ މައްސަލައަކާ ގުޅުވައިވެސްގެންނެވެ. ޓޮމް އެފްއޭއެމް ރައީސްކަން ފުރަތަމަ ގެއްލުނީ މަގާމުގައި އެންމެ ތިން މަސްވީތަނާ އެކްސްކޯގެ ފަސް މެންބަރުން އިސްތިއުފާދިނުމުންނެވެ. އެ މެންބަރުން އިސްތިއުފާ ދިނީ ޓޮމް އެސޯސިއޭޝަން ހިންގަވާ ގޮތާ މެދު ހިތްހަމަ ނުޖެހިގެން ކަމަށް ބުނެއެވެ. އޭރު ޖީއެސްގެ މަގާމުގައި ހުންނެވި ބައްސާމް މަގާމުން ވަކިކުރުމުން، އެ މައްސަލައިގައި ފީފާއިން ޓޮމްގެ ނިންމުން އަލުން މުރާޖާކޮށް ބައްސާމަށް ވަޒީފާ ދޭން އެންގިއެވެ.
އެ ހިސާބުން ދެމީހުން ފުޓުބޯޅައިގައި ޖެހި، 2016 ވަނަ އަހަރު އެފްއޭއެމްއަށް ވާދަކުރެއްވިއެވެ. ޓޮމް ބަލިވެ، ބައްސާމަށް ރައީސްކަން ލިބި މިއަދު އަނެއްކާވެސް އޮތީ ދެމީހުންގެ ކޯޅުމެކެވެ.
އެއީ ޓޮމްގެ ފުޓުބޯޅަ ސިޔާސީ ފަސްމަންޒަރެވެ. ބައެއް ސަޕޯޓަރުންގެ ނަޒަރުގައި އާ މޫނަކަށް ނުވާތީ ޓޮމް ކަމަކު ނުދެއެވެ. އެހެންނަމަވެސް ފުޓުބޯޅަ އާއިލާ ޓޮމްއަށް އަދިވެސް ފުޓުބޯޅައިގައި އިތުބާރު ކުރެއެވެ. ސަރުކާރުގެ ތެރެއިން، ސިޔާސީ އިސް ސަފުން ޓޮމް ފެނުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ސިފަވެފައި އޮތްއިރު، އެއީ ފުޓުބޯޅައިގެ މާހައުލަށް ހަގީގީ ކަންބޮޑުވުމެއްވެސް މެއެވެ. އެހެންނަމަވެސް، އެއީ ބަޔަކަށެވެ. ޓޮމް އަކީ ހައްލެއް ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.
ޓޮމްގެ ފަސްމަންޒަރުގައި ސިޔާސީ ކުލަ އޮތުން އެއީ އެފްއޭއެމްއަށް އެންމެ އެކަށޭނެ ގޮތެއް ނޫން ނަމަވެސް، ޓޮމްއަކީ ފުޓުބޯޅައަށް ހެޔޮ އެދޭނެ ފަރާތެއްކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިހާތަނަށް ކްލަބުތަކުން ޓޮމްއަށް އެންޑޯސް ނުކުރި ނަމަވެސް، ކުރީގެ ބައެއް ކުޅުންތެރިން އޭނާ އެންޑޯސްކޮށްފިއެވެ. ޓޮމްއަށް އޮތީ އެފްއޭއެމް ސިޔާސީ ނުކުރާނެ ކަމަށް ޔަގީންކަމެއް ދިނުމެވެ.
ދިވެހި ރާއްޖެ، ފުޓުބޯޅައިގެ ޗާޓަށް އަރުވައިލަދިން ކުޅުންތެރިޔަކީ އަލީ އަޝްފާގު (ދަގަނޑޭ) ކަން ޔަގީނެވެ. ދަގަނޑޭގެ ރެކޯޑުތައް ބައިވަރެވެ. ގައުމީ އެކަންޏެއް ނޫނެވެ. ބައިނަލްއަގުވާމީ ފުޓުބޯޅައިގައިވެސް ދަގަނޑޭގެ ނަން އޮތީ އުހުގައެވެ. ލިއޮނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ޒްލަޓަން އިބްރަހިމިޗް ފަދަ ކުޅުންތެރިންނާއެކު ގޯލު ޖެހުމުގެ ލިސްޓްގެ ކުރީ ސަފުގައި ދަގަނޑޭގެ ނަންވެސް ހިމެނެއެވެ. ދިވެހީން އެންމެ ލޯބިވާ އެއް ޝަހުސިއްޔަކީ ދަގަނޑޭއެވެ. އެއީ ވަކި އުމުރެއް އޮތް ކަމެއްވެސް ނޫނެވެ. ކުޑަކުދީންގެ އިތުރުން އުމުރުން ދުވަސްވީ މީހުންގެވެސް ލޯތްބާއި އިހުތިރާމް ދަގަނޑޭއަށް އެބައޮތެވެ.
އެ ތާރީހު ދިވެހީންނަށް އަލުން ކިޔައިދޭކަށް ނުޖެހެއެވެ. ދަގަނޑޭއަކީ އޭޝިއާއިންވެސް ފެނުނު އެންމެ ކުޅަދާނަ އެއް ފޯވަޑެވެ. ދެކުނު އޭޝިއާގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމާމެދު ޝައްކެވެސް ނެތެވެ. ދިވެހީންގެ ލޯތްބާއި އިހުތިރާމް ނުހަނު ބޮޑަށް ހޯދި ޝަޚުސިއްޔަތެކެވެ.
މުޅި މި ސަރަހައްދު އިހުތިރާމް ކުރާ ދަގަނޑޭ، އެފްއޭއެމްއަށް ވާދަކުރާކަން އަދި ސީދާ އިއުލާނު ނުކުރި ނަމަވެސް އެ އަޑުތައް ގަދައެވެ. ފޭސްބުކް ޕޭޖެއް އެކަމަށް ހާއްސަވެ ހިނގަމުންދާއިރު، ސަޕޯޓަރުންގެ ތައުރީފު ބޮޑެވެ. ހާއްސަކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފަދަ ކްލަބުތަކުގެ އިސްވެރިންވެސް ދަގަނޑޭއަށް ތާއިދުކޮށް، ޕޯސްޓް ޝެއާކޮށްފައިވެއެވެ. ސިޔާސީ ނުތާހިރުކަމެއް، މީހެއްގެ ޒާތީ ކަމެއް ނެތް ދަގަނޑޭއަށް އެފްއޭއެމް ރައީސް ކަމަށް އައުންވާނީ ވަރަށްވެސް ފަސޭހަ ކަމަށެވެ. އެއީ ބައްސާމް ނޫން ގޮތެއް ހޯދަން، އެންމެ ފަސޭހަވާނެ ފޯމިއުލާވެސް މެއެވެ. ކްލަބުތަކަށް އޭނާއަށް އިތުބާރުވެސް ކުރެވޭނެއެވެ.
އެހެންނަމަވެސް، ފުޓުބޯޅައިގެ ސިޔާސީ ކުޅިގަނޑުގެ ތެރެއަށް ދަގަނޑޭ ވެއްޓުން އެއީ ރަނގަޅު ވިސްނުމެއްތޯ ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ހާއްސަކޮށް، އިހުލާސްތެރިކަމާއެކު ދަގަނޑޭއަށް ހެޔޮއެދޭ ބަޔަކު، އޭނާގެ ފަސްބައި ކިލަނބު ނުވާނެ ވިސްނުމެއް ހޯދަން އެދެމުން ދެއެވެ.
"ފުޓުބޯޅަ އެސޯސިއޭޝަން ރަނގަޅު ކުރެވޭނީ ބޯޅައެއް ފައިދަށުގައި ލައިގެން ނަމަ، ދަގަނޑޭ ވަރެއް ނެތެވެ. އެކަމަކު އެކަން ކުރެވެން މިހާރު އޮތީ އެހެނެއްނޫނެވެ. ދަގަނޑޭއަކީ ހިންގުމަށް އާ މޫނަކަށްވާއިރު، ދަގަނޑޭ ހަޑިވާން އެފްއޭއެމްއަށް ނުކުންނާނެ ކަމެއް ނެތެވެ. ދަގަނޑޭ ދަގަނޑޭގެ ގޮތުގައި ބަހައްޓައިލަދޭށެވެ!" ސަޕޯޓަރެއްގެ ހިޔާލުގައިވެއެވެ.
މަންޒަރެއްގެ މޫނު މަތީގައި ބަހައްޓަން، އެ މޫނެއް ގުރުބާން ކުރަންވެސް ދަގަނޑޭ ބޭނުންކުރުމަށް ބައެއް އަދަދެއްގެ ދިވެހީން ނޭދެއެވެ. އެފްއޭއެމްގެ ރައީސް ކަމަކީ ސިޔާސީވާނެ ކަމެއް ކަމަށްވާއިރު، ސެމިއުލް އެޓޫ ކަހަލަ މީހަކަށް ދަގަނޑޭ ވާކަށް ދިވެހީން އަދި ނޭދެއެވެ. ދަގަނޑޭއަކީ ފުޓުބޯޅައިގެ އެންމެ ބޮޑު އެސެޓަށްވާ ހިނދު، އެ އެސެޓް ބީވެ ގޮސް، ބައެއްގެ ނަފުރަތު އުފެދޭކަށްވެސް ބޭނުމެއް ނުވެއެވެ. ދަގަނޑޭއަކީ ސިޔާސީ ސާފު މީހަކަށްވުމާއެކު، އެފްއޭއެމްއަށް މުޅިން ގޯސް ޗޮއިހަކަށް ނުވާ ނަމަވެސް، ދަގަނޑޭއަށް އޮތީ އެއަށްވުރެ ބޮޑު ލޯތްބެކެވެ.
ބައްސާމް ނޫން ގޮތަކަށް އެއްބަސްވެވެއެވެ. އެއީ އެތައް ގޮތަކުން އެތައް ބައެއްގެ ހިޔާލެވެ. ވިސްނުމެވެ. ބައްސާމަކީ މިހާރުން މިހާރަށްވެސް އިސްތިއުފާ ދޭން ޖެހޭ ވެރިއެކެވެ. އެވަރަށް ތަން ފެއިލްވެ، ބޮއްސުންލައިފިއެވެ. ފުޓުބޯޅައިގެ ސިޔާސީ މާހައުލެއްގެ މިދަނޑިވަޅުގައި އެފްއޭއެމްގެ ރައީސް ކަމަށް ޝައުގު އަންނަނީ މަޑުމަޑުން ބޮޑުވަމުންނެވެ. ކުރީގެ ވެރިންނާއި އާ މޫނުތައް މަންޒަރުން ތިލަ އެބެވެއެވެ. ކްލަބުތަކުގެ ޒިންމާއެއް ކަމަށްބަލައި، އެންމެ ރަނގަޅު ގޮތް އިހުތިޔާރުކުރުން މުހިއްމެވެ. ސިޔާސީ ފައިދާއަކަށް، މަދު ފައިސާ ކޮޅަކަށް ނޫނެވެ. އިހުލާސްތެރިކަމާއެކުގައެވެ.