ފީފާ ވޯލްޑް ކަޕަކީ އަބަދުވެސް ހައިރާންކުރުވަނިވި ނަތީޖާތަކާއި ތާރީހީ ކަންކަމުން ފުރިފައިވާ ޝައުގުވެރި މުބާރާތެކެވެ. ނަމަވެސް 15 ޖޫން 2026 ގައި ފުޓުބޯޅައިގެ ސަޕޯޓަރުންނަށް ފެނިގެން އެ ދިޔައީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް ވަރަށް މަދުން ނޫނީ ނުފެންނަ އަދި ނުފެންނާނެ ފަދަ އާދަޔާހިލާފު މަންޒަރެކެވެ. އިއްޔެ ކުޅުނު ހަތަރު މެޗުވެސް އެއްވަރު ވެ، އެއްވެސް ޓީމަކަށް މޮޅެއް ނުހޯދުނެވެ. މިއީ 1958 ވަނަ އަހަރުގެ ފަހުން، ވޯލްޑް ކަޕްގެ މެޗުތަކެއް ކުޅުނު ދުވަހެއްގައި ހުރިހާ މެޗެއް އެއްވަރުވި ފުރަތަމަ ފަހަރެވެ.
މި ތާރީހީ ދުވަހުގެ ފެށުން އައީ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ބޮޑު އެއް ސަޕްރައިޒާ އެކުގައެވެ. ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ ކޭޕް ވާޑް އިން ވަނީ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވޭ ސްޕެއިނާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުކޮށްފައެވެ. 2010 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް އެފްރިކާގެ މި ގައުމުން ވަނީ ޑިފެންސްކުރުމުގެ މޮޅު ހުނަރުތަކެއް ދައްކައިފައެވެ. މެޗުގެ ކޮންޓްރޯލް ހޯދައި، ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ސްޕެއިނުން ތަނަވަސްކުރި ނަމަވެސް، ކޭޕް ވާޑްގެ ވަރުގަދަ ޑިފެންސް ފޫއަޅުވައިލެވޭނެ ގޮތެއް ނުވިއެވެ. މި ނަތީޖާއަކީ އެ ގައުމުގެ ކުޅިވަރުގެ ތާރީހުގައި ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި އެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.
އޭގެ ފަހުން ކުޅުނު މެޗުގައި މިސްރުން ވަނީ ޔޫރަޕްގެ ގަދަބާރު ބެލްޖިއަމްއާ ވާދަކޮށް 1-1 އިން މެޗު އެއްވަރުކޮށް، މުހިންމު ޕޮއިންޓެއް ހޯދައިފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި މިސްރުން ވަނީ ބެލްޖިއަމްއާ އެއްވަރަކަށް ހިފަހައްޓާލައިފައެވެ.
ގްރޫޕް އެޗްގައި ދެން ފެނިގެންދިޔައީ ސައުދީ އަރަބިއްޔާއިން އުރުގުއާއީއާ ދެކޮޅަށް ކުޅެ 1-1 އިން މެޗު އެއްވަރުކުރި ތަނެވެ. މެޗަށް ނުކުތްއިރު ފޭވަރިޓުންނަކީ އުރުގުއާއީ ކަމަށް ވިޔަސް، ސައުދީ އަރަބިއްޔާގެ ރޭވުންތެރި ކުޅުމުގެ ސަބަބުން އުރުގުއާއީއަށް ކުރި ހޯދޭ ގޮތެއް ނުވިއެވެ. ފުޓުބޯޅައިގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި އާދައިގެ ޓީމުތަކުން ފަހަތަށް ނުޖެހޭނެކަން ސައުދީ އަރަބިއްޔާއިންވެސް ވަނީ ސާބިތުކޮށްދީފައެވެ.
މި ތާރީހީ ދުވަސް ނިމިގެންދިޔައީ އީރާނާއި ނިއު ޒީލެންޑް ބައްދަލުކުރި ފޯރިގަދަ މެޗުވެސް 2-2 އިން އެއްވަރުވެގެންނެވެ. މި ނަތީޖާތަކާއެކު، އިއްޔެރ ކުޅުނު 8 ޓީމަށްވެސް ލިބުނީ އެއް ޕޮއިންޓެވެ.
ވޯލްޑް ކަޕްގެ ތާރީހީ ރެކޯޑުތަކުން ދައްކާ ގޮތުގައި، މިއީ ފާއިތުވި 68 އަހަރުގެ ތެރޭގައި ވޯލްޑް ކަޕްގެ މެޗުތަކެއް ކުޅުނު ދުވަހެއްގައި ހުރިހާ ޓީމަކަށް މަދުވެގެން އެއް ޕޮއިންޓް ލިބުނު ފުރަތަމަ ފަހަރެވެ. 1958 ވަނަ އަހަރުގެ ފަހުން ކޮންމެ ވޯލްޑް ކަޕެއްގައިވެސް، މެޗުތައް ކުޅޭ ކޮންމެ ދުވަހަކު މަދުވެގެން އެއް ޓީމު މޮޅުވެފައިވެއެވެ. ނަމަވެސް، އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕް 2026 ގައި އެ ރެކޯޑު މިވަނީ ނިމުމަކަށް އައިސްފައެވެ. އެއް ދުވަހެއްގައި ގިނަ މެޗުތަކެއް އެއްވަރުވުމަކީ މީގެ ކުރިންވެސް ފެނިފައިވާ ކަމަކަށް ވިޔަސް، މޮޅުވި އެއްވެސް ޓީމެއް ނެތި މުޅި ދުވަސް ނިމިގެން ދިއުމަކީ ވަރަށް ނާދިރު ކަމެކެވެ.
މި ތާރީހީ ދުވަހުން އެންމެ ބޮޑަށް ފާހަގަވެގެންދިޔަ އެއް ކަމަކީ، ފުޓުބޯޅައިގައި ކުރިއަރަމުން އަންނަ ގައުމުތަކުގެ ފެންވަރު ރަނގަޅުވަމުން އަންނަ މިންވަރެވެ. ކޭޕް ވާޑް އިން ސްޕެއިން ހިފަހައްޓާލި މަންޒަރު އެންމެ ބޮޑަށް ފާހަގަވި ނަމަވެސް، މިސްރާއި ސައުދީ އަރަބިއްޔާ އަދި އީރާނާއި ނިއު ޒީލެންޑުންވެސް ވަނީ ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ވާދަވެރިކަން ބޮޑުވެފައިވާ މިންވަރު ސާބިތުކޮށްދީފައެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި 48 ޓީމު ވާދަކުރާ ގޮތަށް ބަދަލުކުރުމުން، ބޮޑެތި ގައުމުތަކާއި ކުދި ގައުމުތަކާ ދެމެދު އޮތް ފަރަގު ބޮޑުވާނެ ކަމަށްބުނެ ބައެއް ފަރާތްތަކުން ފާޑުކިޔާފައިވެއެވެ. ނަމަވެސް މުބާރާތުގެ ފުރަތަމަ މެޗުތަކުން ފެނިގެންދަނީ އޭގެ އިދިކޮޅެވެ. ކުރިން ބަލިކަށި ކަމަށް ބެލެވުނު ޓީމުތަކުން އަންނަނީ ދުނިޔޭގެ އެންމެ މޮޅު ޓީމުތަކާ އެއް ފެންވަރެއްގައި ވާދަކުރެވޭނެކަން ސާބިތުކޮށްދެމުންނެވެ.
ވޯލްޑް ކަޕްގެ ތާރީހަކީ ފާހަގަކޮށްލެވޭ ގިނަ ކަންކަމުން ފުރިފައިވާ ތާރީހެކެވެ. އޭގެ ތެރޭގައި 1986 ވަނަ އަހަރު ޑިއޭގޯ މަރަޑޯނާ ދެއްކި މޮޅު ކުޅުމާއި، ޕެލޭއާއެކު 1970 ވަނަ އަހަރު ބްރެޒިލް ހޯދި ކާމިޔާބީއާއި، 1998 ވަނަ އަހަރު ފްރާންސް ހޯދި ތާރީހީ މޮޅުގެ އިތުރުން ލިއޮނެލް މެސީއާއެކު 2022 ވަނަ އަހަރު އާޖެންޓީނާއިން ހޯދި ފޯރިގަދަ ކާމިޔާބީ ހިމެނެއެވެ.
އިއްޔެއަކީ މޮޅު ގޯލަކުން ނުވަތަ ފާހަގަކޮށްލެވޭ މޮޅަކުން ހަނދާނުގައި ހުންނާނެ ދުވަހަކަށް ނުވިޔަސް، ފުޓުބޯޅައިގެ ތާރީހުގައި 15 ޖޫން 2026 އަށް މި ވަނީ ހާއްސަ ޖާގައެއް ލިބިފައެވެ. އެއީ މޮޅުވި ޓީމެއް އަދި ބަލިވި ޓީމެއްވެސް ނެތް ތާރީހީ ދުވަހެއްގެ ގޮތުގައެވެ. މުބާރާތް ކުރިއަށްދާއިރު، ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ޓީމުތަކުން އެ ޓީމުތަކުގެ ބާރުވެރިކަން ދައްކަން މަސައްކަތްކުރާނެއެވެ. އާދައިގެ ޓީމުތަކުން އިތުރު ސަޕްރައިޒްތަކެއް ދޭންވެސް އުންމީދުކުރާނެއެވެ.
ޖޫން 15، 2026 ގެ ނަތީޖާތައް
- ސްޕެއިން 0-0 ކޭޕް ވާޑް
- ބެލްޖިއަމް 1-1 މިސްރު
- ސައުދީ އަރަބިއްޔާ 1-1 އުރުގުއާއީ
- އިރާން 2-2 ނިއު ޒިލޭންޑް
އަލީ ރިފްޝާން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް