ބްރެޒިލް އަދި އަލް-ހިލާލްގެ ފޯވަޑް ނޭމާ ކަކުލަށް ލިބުނު ބޮޑު އަނިޔާއަކާއެކު ސާޖަރީއަކަށް ތައްޔާރުވެއްޖެއެވެ.

އުމުރުން 31 އަހަރުގެ ނޭމާއަށް އަނިޔާވީ ބްރެޒިލުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އުރުގުއާއީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗުން ބްރެޒިލް 2-0 އިން ބަލިވި އިރު، ނޭމާ ބާލަން ޖެހުނީ ސްޓްރެޗާގައެވެ. ސްޓްރެޗާގައި ނޭމާ ފައިބައިގެން ދިޔައީ ރޮމުންނެވެ.

މެޗުގައި ނޭމާއަށް ކުރި ޓެކުލަކުން ސަލާމަތްވެ އޭނާ ބިންމަތީގައި ފައި ބެހެއްޓި ގޮތަކުން އަނިޔާވެފައިވަ އިރު، ރިޕޯޓުތައް ދައްކާ ގޮތުން ނޭމާގެ ކަކުލުގެ ކްރޫޝިއޭޓް ލިގަމެންޓާއި މެނިސްކަސްއަށް ވަނީ އަނިޔާވެފައެވެ. ނޭމާ ސާޖަރީއަކަށް ދާން ތައްޔާރުވެފައިވުމާއެކު، އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނީ ކިހާ މުއްދަތަކަށް ކަމެއް އަދި ނޭނގެއެވެ.

"މިއީ އަހަރެންގެ ކެރިއަރުގައި ދިމާވި އެންމެ ބޮޑު މާޔޫސްކަން. މީގެ ކުރިންވެސް އެތައް އަނިޔާއެއްވެ، އަހަރެން ސާޖަރީ ކޮށްވެސް އެނބުރި އައިން. އެއީ ވަރަށް ހިތްވަރުން. މިހާރު އެ ހިތްވަރު ނެރެން މުޅި ދުނިޔޭގެ ލޯތްބާއި އަޅާލުން އެބަ ބޭނުންވޭ،" ނޭމާ ބުންޏެވެ.

މި ސީޒަނަށް ސައުދީ ލީގަށް ބަދަލުވި ނޭމާއަކީ މީގެ ކުރިންވެސް އަނިޔާގެ ބޮޑެތި މައްސަލަތަކަކާ ކުރިމަތިވެފައިވާ ކުޅުންތެރިއެކެވެ. ޕީއެސްޖީގައި ހޭދަކުރި ދުވަސްތަކުގައިވެސް ކުޑަހުޅަށް އަނިޔާވެ ގިނަ ފަހަރެއްގެ މަތިން ކުޅުމާ ދުރުގައި ހުރި އިރު، ނިމިދިޔަ ވޯލްޑް ކަޕްގައިވެސް ނޭމާ ކުޑަހުޅަށް އަނިޔާވެ މެޗުތައް ގެއްލުނެވެ.

އޭގެ ކުރިންވެސް ބްރެޒިލާއެކު ބޮޑެތި މުބާރާތްތަކެއްވެސް ނޭމާއަށް ވަނީ ގެއްލިފައެވެ. އެގޮތުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ތެރެއިން މައިބަދަ ބިންދައިގެން ގޮސް ނޭމާއަށް ވަނީ ވޯލްޑް ކަޕްގެ ގިނަ މެޗުތަކެއް ގެއްލިފައެވެ.