ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޖޮއިންޓް ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ފުރަތަމަ މެޗުތަކުން ކުރިހޯދައި، ނޭޕާލާއި ޕާކިސްތާނުންވެސް ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފިއެވެ.

އޭޝިއަން ކަޕާއި ވޯލްޑް ކަޕް ކޮލިފިކޭޝަން ޕްރިލިމިނަރީ ބުރުގެ މެޗުތަކުގެ ދެވަނަ ލެގުގެ މެޗުތައް މިއަދު ކުރިއަށް ގޮސްފައިވާ އިރު، ސަރަހައްދީ ގިނަ ޓީމުތަކެއް ވަނީ މިއަދު މެޗުތައް ކުޅެފައެވެ. ރާއްޖެ ބަންގްލަދޭޝް އަތްދަށުވެ ކެޓިއިރު، ދެން ކޮލިފިކޭޝަން ގްރޫޕް ސްޓޭޖަށް ނުދިޔައީ ސްރީ ލަންކާ އާއި ބޫޓާނެވެ. ސްރީ ލަންކާއިން ފުރަތަމަ ކުޅުނު މެޗުގައި ޔަމަން ކައިރިން 4-0 އިން ބަލިވެފައި އޮތް ނަމަވެސް، މިއަދު ހޯމް މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ.

ފީފާ ސަސްޕެންޝަނަށްފަހު ލަންކާއިން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި މިއަދު ޔަމަނާ 1-1 އިން އެއްވަރުކޮށްފައިވާ އިރު، ބޫޓާނުން ވަނީ އަމިއްލަ ދަނޑުގައި ހޮންކޮންގް ބަލިކޮށްފައެވެ. އެއީ 2-0 ގެ ނަތީޖާއަކުންނެވެ. އެމެޗުން ބޫޓާން މޮޅުވެ، އެގައުމުން ތަފާތު ރަނގަޅު މޮޅެއް ހޯދި ނަމަވެސް ކެޓީ އެގްރިގޭޓް 4-2 ގެ ނަތީޖާއަކުންނެވެ.

ޕާކިސްތާނުން ކެމްބޯޑިއާއާ ދެކޮޅަށް ކުޅުނު ދެވަނަ ލެގުގެ މެޗު، އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ދަތި ހާލަތަކެއްގެ ތެރެއިން ފުޓުބޯޅަ އަލުން ދިރުވަން މަސައްކަތްކުރާ ޕާކިސްތާނުން ކެމްބޯޑިއާ ކައިރީ ފުރަތަމަ ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވެފައި އޮތުމުން މިއަދު އިސްލާމް އާބާދުގައި ކުޅުނު މެޗުން މޮޅުވެ، އެޓީމު ވަނީ ކޮލިފިކޭޝަން ގްރޫޕް ޖީން ޖާގަ ހޯދައިފައެވެ. އެޓީމުގެ ގްރޫޕްގައި ދެން ހިމެނެނީ ސައުދީ އަރަބިއާއާއި ޖޯޑަން އަދި ތަޖަކިސްތާނެވެ.

ނޭޕާލުން ކޮލިފިކޭޝަން ގްރޫޕް އެޗުން ޖާގަ ހޯދީ މިއަދު ކުޅުނު އަވޭ މެޗުގައި 1-0 އިން އާސިއާން ސަރަހައްދުގެ ލާއޯސް ބަލިކޮށްގެންނެވެ. ނޭޕާލުން އަމިއްލަ ދަނޑުގައި 1-1 އިން ލާއޯސްއިން އެއްވަރުކޮށްފައި އޮތުމުން މޮޅުވީ އެގްރިގޭޓް 2-1 ގެ ނަތީޖާއަކުންނެވެ.