ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޖޮއިންޓް ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި މިއަދު 2-1 އިން ރާއްޖެ ބަލިކޮށް، ބަންގްލަދޭޝްއިން ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފިއެވެ.
ރާއްޖެއާއި ބަންގްލަދޭޝް ކޮލިފިކޭޝަން ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އެ މެޗު 1-1 އިން އެއްވަރުވީ ބަންގްލަދޭޝް އިން ފަހު މިނެޓުގައި ގޯލު ޖަހައިގެންނެވެ. އެއީ ބަންގްލަދޭޝް އިން ރާއްޖޭގައި އެއްވަރުވި ފުރަތަމަ ފަހަރެވެ. ދެވަނަ ލެގުގައި މިއަދު ހަވީރު ރާއްޖެ އާއި ބަންގްލަދޭޝް ބަޝުންދަރާ އެރީނާގައި ވާދަކޮށް، އެ މެޗު 2-1 އިން ކާމިޔާބުކުރުމާއެކު، އެޓީމުން ކޮލިފިކޭޝަން ގްރޫޕް ސްޓޭޖަށް ކޮލިފައިވީ އެގްރިގޭޓް 3-2 ގެ ނަތީޖާއަކުންނެވެ.
ބަންގްލަދޭޝްއިން ކޮލިފިކޭޝަން ގްރޫޕްގައި އޮސްޓްރޭލިޔާ އާއި ލުބުނާން އަދި ފަލަސްތީނާ އެއް ގްރޫޕެއްގައި ހިމެނިފައިވާ އިރު، ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ އަހަރު މާޗު މަހުން ފެށިގެން ޑިސެމްބަރާ ހަމައަށް ކުރިއަށްދާނެއެވެ. އެ ގްރޫޕްގައި ހަ މެޗު ކުޅެލަން ލިބުމަކީ ބަންގްލަދޭޝްއަށް ބޮޑު ފުރުސަތެކެވެ.
ފުރަތަމަ ހާފުގެ ކުރީކޮޅުގައި ރާއްޖޭގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، މެޗުގެ 11 ވަނަ މިނެޓުގައި ބަންގްލަދޭޝްއިން ވަނީ ލީޑު ނަގައިފައެވެ. އެ ގޯލަކީ އޭރިއާ ތެރެއަށް ހުސްކޮށް އަރައި، ރާކިބް ހުސައިން ފޮނުވާލި ބޯޅައަކުން ބަންގްލަދޭޝްއިން ކާމިޔާބުކުރި ގޯލެކެވެ.
ފުރަތަމަ ހާފުގައި ހަމްޒާ މުހައްމަދު (ހަމްޕު)ގެ ނުރައްކާތެރި ހަމަލާއެއް ފެނިގެން ދިޔަ ނަމަވެސް، ރާއްޖެއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އައިސަމް އިބްރާހިމެވެ. އަލީ ފާސިރު (ސެންޓޭ) ގެ ކޯނަރެއް ބަންގްލަދޭޝްގެ ޑިފެންޑަރު ތާރީގު ކާޒީ ބޮލުގައި ޖެހިގައި މިސްރާބު ބަދަލުވެގެން ދިޔުމުން އައިސަމް ބޯޅަ ގޯލަށް ވައްދާލީ ބޮލުންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން މިނިޓެއްގެ ތެރޭ ބަންގްލަދޭޝް އަނެއްކާވެސް ލީޑު ނެގިއެވެ. އެއީ ސާދު އުދީން ޖެހި ޝޮޓެއް، ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފް އޭރިއާތެރެއަށް ޕަންޗުކޮށްލި ބޯޅަ ހޯދައި، އެމްޑީ އަހުމަދު ފަހީމް ޖެހި ގޯލެކެވެ.
ބަންގްލަދޭޝްއިން ދެވަނަ ހާފުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 60 ވަނަ މިނިޓްގައި އެޓީމުގެ މިޑްފީލްޑަރު އެމްޑީ ސޮހޭލް ރާނާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުންނެވެ. ބަންގްލަދޭޝްއިން ކުޅުންތެރިޔަކު މަުދުވުމުގެ ފައިދާ ނަގަން ރާއްޖެއިން އެޓޭކަށް ޖެހި މަސައްކަތް ކުރި ނަމަވެސް މާ ބޮޑަށް ފުރުސަތުތަކުގެ ބޭނުން ކުރެވިފައެއް ނުވެއެވެ.
އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި ހަސަން ނަޒީމް (ޗޯޓު) އަދި ސެންޓޭ ފޮނުވާލި ހަމަލާތައްވެސް ނާކާމިޔާވެ ރާއްޖެ ބަލިވެފައިވާ އިރު، ރާއްޖޭން ވެސް މެޗު ނިންމާލަން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ރާއްޖޭގެ ފަހަތަށް ކުޅެމުން ދިޔަ އަހުނަފް ރަޝީދު (އަހުއްކޮ) އަށް ރަތް ކާޑު ދެއްކުމުންނެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު