ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޖޮއިންޓް ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގެ މެޗަށް ނުކުންނަ އިރު، ޕްރެޝަރު ބޮޑީ ބަންގްލަދޭޝްއަށް ކަމަށް ރާއްޖޭގެ ފުޓުބޯޅަ ޓީމުގެ ކޯޗު އަލީ ސުޒައިން ބުނެފިއެވެ.
ރާއްޖެއާއި ބަންގްލަދޭޝް ކޮލިފިކޭޝަން ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެ މެޗު 1-1 އިން އެއްވަރުވީ ބަންގްލަދޭޝްއިން ފަހު މިނެޓް ގޯލު ޖަހައިގެންނެވެ. އެއީ ބަންގްލަދޭޝްއިން ރާއްޖޭގައި އެއްވަރުވިވެސް ފުރަތަމަ ފަހަރެވެ.
"ފުރަތަމަ މެޗަކީ ވަރަށް ހަމަހަމަ މެޗެއް. ވަރަށް އެއްވަރުކޮށް ކުޅުންވެސް ފެނިގެން ދިޔައީ. ނަތީޖާވެސް އެއްވަރުވެގެން ނިމިގެން ދިޔައީ. އެދުވަހު އަހަރެމެންނަށް ލީޑު ނެގި، އެ ނަތީޖާ ނުހިފެހެއްޓުމަކީ ވަރަށް ބޮޑު ބަދު ނަސީބެއް. އެ މެޗު އެއްވަރުވުމާއެކު މި މެޗު ވެފައި މިއޮތީ ޑިސައިޑިން މެޗަކަށް،" ސުޒައިން، މިއަދު ބަންގްލަދޭޝްގައި ދިން ޕްރެސްގައި ބުންޏެވެ.
ރާއްޖެއިން 13 ވަނަ ދުވަހު ބަންގްލަދޭޝްގެ ޝިލެޓަށް ގޮސްފައިވާ އިރު، މިހާތަނަށް އެގައުމުގައި ވަނީ ތަމްރީނުތައް ފުރިހަމަ ކޮށްފައެވެ. ސުޒައިން މިއަދުގެ ޕްރެސްގައި ވާހަކަ ދައްކަމުން ބުނީ މެޗަށް ޕްރެޝަރު އޮތީ ބަންގްލަދޭޝްއަށް ކަމަށާއި ފައިދާ ބޮޑީ ރާއްޖެއަށް ކަމަށެވެ. އެގޮތުން މެޗު ކުޅޭ ބަޝުންދަރާ އެރީނާގެ ދަނޑު ވަރަށް ރަނގަޅު ކަމަށް ބުނަމުން ސުޒައިން ބުނީ އޭގެ ފައިދާ ބޮޑީ ރާއްޖެއަށް ކަމަށެވެ.
"ޕްރެޝަރެއް ނެތް ރާއްޖެއަކަށް. ބަންގްލަދޭޝްއަށް ޕްރެޝަރު އޮތީ. ދަނޑުގެ ހާލަތަށް ބަލައި ފައިދާ ބޮޑީވެސް ރާއްޖެއަށް. ރަނގަޅު ބޯޅައެއް ކުޅުމަށް ރާއްޖެއަށް ފަސޭހަ ދަނޑެއް މިއޮތީ. ބަންގްލަދޭޝްއަށް ބޮޑު ޕްރެޝަރެއް އޮންނާނެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު މެޗުގެ ނަތީޖާ ނުކުމެފައި އޮތް ގޮތުންވެސް. އެމެޗުން ބަންގްލަދޭޝް މޮޅުވެފައި އޮތުމާއެކު އެންމެން އުންމީދުކުރާނެ މާދަމާ މެޗުގައި ބަންގްލަދޭޝް މޮޅުވާނެ ކަމަށް. އެހެންވީމަ އެ ޕްރެޝަރު ބަންގްލަދޭޝްއަށް އޮންނާނެ،"
ބަޝުންދަރާ ދަނޑުގައި ބަންގްލަދޭޝްއަށް ހޯމް އެޑްވާންޓޭޖް ނުނެގެންވީ ކީއްވެތޯ ބަންގްލަދޭޝްގެ ނޫސްވެރިން ސުވާލުކުރުމުން ސުޒައިން ބުނީ "ރާއްޖެއަކީ ބޮޑު ބޯޅައެއް ޖަހައި، އެ ބޯޅަ ފަހާ ދުވެގެން ކުޅޭ ޓީމެއް ނޫން،" ކަމަށާއި ރީތި ބޯޅައެއް ކުޅެން ރާއްޖެއަށް ދަނޑު ފަސޭހަވާނެ ކަމަށެވެ. އަދި މާލޭގެ ދަނޑަށްވުރެވެސް ބަޝުންދަރާގެ ދަނޑު ރަނގަޅުވުމުން އެއީ ބޮޑު "އެޑްވާންޓޭޖް" އެއް ކަމަށްވެސް ސުޒައިން ބުންޏެވެ.
ސަޕޯޓަރުންގެ ވާހަކަ އެހުމުން ސުޒައިން ބުނީ "ރާއްޖޭގައި ކުޅުނު މެޗަށްވެސް ބަންގްލަދޭޝް ސަޕޯޓަރުން މާ ގިނައިން ވަން ކަމަށާއި ސަޕޯޓަރުން ގިނަ ވިޔަކަސް އަސަރު ނުކުރާނެ ކަމަށެވެ.
ބަންގްލަދޭޝް އާއި ރާއްޖެ ވާދަކުރާ މެޗު އޮންނާނީ މާދަމާ ރާއްޖެ ގަނޑިން ހަވީރު 4:45 ގައެވެ.
އަލީ ސުޒެއިން
އަލީ ސުޒެއިން
އަލީ ސުޒެއިން
އަލީ ސުޒެއިން